ބަރަކާތްތެރި ރަމަޟާން މަހަށް ޚާއްޞަކޮށްގެން އިސްލާމީ މަރުކަޒުގެ ގްރައުންޑް ފްލޯރގައި އަންހެނުންނަށް ނަމާދުކުރަން ތިބެވޭނެ އިންތިޒާމް ސަރުކާރުން ހަމަޖެއްސެވުމަށް ސަރުކާރުން ނިންމަވައިފިއެވެ. ސަރުކާރުން މިގޮތަށް ނިންމެވީ އިސްލާމީ މަރުކަޒުގައި އަންހެނުން ނަމާދުކުރުމަށްހުރި ދަތިތަކާ ބެހޭ ގޮތުން އަންހެނުންގެ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، އެކަން ފާހަގަ ކުރައްވައި ސަރުކާރުގެ ސަމާލުކަށް އެކަން ގެންނެވުމުންނެވެ.

ސަރުކާރުން މިހާރު ނިންމަވާފައިވަނީ އިސްލާމީ މަރުކަޒުގެ އޮފީހުގެ ރިސެޕްޝަން ކުރިމައްޗަށްވާ ގޮތަށް ރޯދަމަހަށް ޚާއްޞަކޮށްގެން ދެ ވަނަ ފްލޯރ އަށް އަރަން އުނދަގޫވާ އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދެއްވުމަށެވެ. މިކަން މިގޮތަށް ހަމަޖައްސަވާފައިވީ ނަމަވެސް ސަރުކާރުގެ އިލްތިމާސަކީ ދެ ވަނަ ފްލޯރއަށް އެރޭވަރުގެ ކުޅެދުންތެރިކަން ހުރި އަންހެނުން ނަމާދުކުރުމަށް ދެވަނަ ފްލޯރ ބޭނުންކުރުމެވެ. އަދި އެފަދަ މީހުން ގްރައުންޑް ފްލޯރ ބޭނުންކުރާނަމަ، ދެ ވަނަ ފްލޯރ އަށް އެރުމަށް ދަތިތަކާދިމާވާ އަންހެނުންނަށް އަނެއްކާވެސް ދަތިތައް ދިމާވެ މިކަން ކުރުމުގެ މަޤްޞަދު ގެއްލޭނެ ކަމަށް ސަރުކާރުން ވަނީ ފާހަގަ ކުރައްވައިފައެވެ.

މި އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަންހެނުންގެ ޙަޤީގީ ބާރުވެރިކަން ހޯދައި ދިނުމަށް ކުރަން އޮތީ އިތުރު ކޮންކަންތައްތަކެއް ތޯ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ވަނީ ސުވާލު އުފައްދަވާފައެވެ. މި ޖަލްސާގައި އެކަމަނާ ވަނީ ނިންމުންތައް ނިންމުމުގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުން އޮންނަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ފިރިހެނެއްގެ ނަޒަރުން ވިސްނިފައިނުވާ، ތަޖުރިބާ ކޮށްފައިނުވާ ކަންތައްތަކެއް އަންހެނެއްގެ ނަޒަރުން ވިސްނާ، ސުވާލުކޮށް ހުށައެޅުންތައް ހިއްސާކުރާނެތީއާއި، ނިންމުމުގެ މޭޒަށް އަންހެނުންގެ ވިސްނުން ނުގެންނަހާ ހިނދަކު ކަންކަމަށް ޙަޤީޤީ ޙައްލެއް ހޯދުން ދަތިވާނެތީ ކަމުގައި ވިދާޅުވެފައެވެ.

މިގޮތުން ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން މިސާލު ޖައްސަވަމުން ވިދާޅުވީ އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވާ ރަމަޟާން މަހަށް ތައްޔާރުވާއިރު އިތުރަށް ވިސްނާލަންވީކަމެއް އޮތްތޯ އަންހެނެއް ގާތު އެހުމަށާއި، މިފަދަ ސުވާލެއް ކޮށްފިނަމަ، ޖަވާބަކަށް، ދެ ވަނަ ފްލޯރއަށް ނޭރޭނެ އަންހެނުންވެސް ތިބޭނެކަމަށާއި އަންހެނުންނަށް ވެސް ގްރައުންޑް ފްލޯރގައި ނަމާދުކުރަން ތިބެވޭނެ ޖާގައެއް ހޯއްދަވައިދެއްވުމަށް ބޭނުންވާނެކަމުގައި ފާހަގަކުރައްވާނެ ކަމަށެވެ