ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަޙްމަދު ފުވައްމުލައް ސިޓީއާ އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅެއްގައި ފުވައްމުލަކަށް ވަޑައިގެންނެވުމުން އެރަށުން ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ނާއިބް ރައީސް ފައިޞަލް ނަސީމްގެ އުފަން ރަށަށް ރައީސްގެ ދެކަަނބަލުން ވަޑައިގެންނެވުމުން އެރަށުގެ ވައިގެ ބަނދަރުން މަރުޙަބާ ދެންނެވީ ފައިޞަލް ނަސީމާއި ފުވައްމުލަކު ސިޓީ މޭޔާރު އިސްމާޢީލް ރަފީގެވެ. މީގެ އިތުރުން އެސިޓީގެ މަޖިލިސް މެމްބަރުންނާއި ގިނައަދަދެއްގެ ރައްޔިތުން ވެސް ރައީސްގެ ދެކަނބަލުންނަށް މަރުހަބާ ދަންނަވަން ވަޑައިގެން ތިއްބެވިއެވެ،
ރައީސަށް ފުވައްމުލަކުން މަަރުހަބާ ދަންނަވަނީ: ފޮޓޯ ރައީސް އޮފީސްރައީސްގެ މިދަތުރުފުޅުގައި، ފުވައްމުލައް ސިޓީއާ އައްޑޫސިޓީގެ ސިޓީ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވާނެއެވެ. އޭގެ އިތުރުން އެ ދެ ސިޓީގައި ކުރިޔަށްދާ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ބައްލަވާލެއްވުމާއި ބައެއް މުވައްސަސާތަކަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ރަސްމީގޮތުން ހުޅުވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުތަކުގެ ބޭނުންފުޅަކީ އެ ދެސިޓީގައި ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫޢުތައް ކުރިޔަށްދާގޮތް ބައްލަވާލެއްވުމާއި ރައްޔިތުންނާއި ބައްދަލުކުރެއްވުމާއި އެމަނިކުފާނު ވަޢުދުވެވަޑައިގަންނަވާފައިވާގޮތަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައިގެން ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރެއްވުމެވެ.