މާލެއަތޮޅު ތުލުސްދޫގައި މޫދަށް އެރިއުޅުނު ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން މިއަދު ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 10:48 އެހައިކަންހާއިރު ކަމަށެވެ.

މަރުވެފައިވަނީ އިޓަލީގެ ފަތުރުވެރިއެކެވެ. ޢުމުރުން 72 އަހަރުގެ ފިރިހެން ފަތުރުވެރިޔާ މޫދަށް ދިޔައީ އެރަށު އުތުރުފަރާތަށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭމީހާ ނިޔާވެފައިވަނީ އެރަށު ސިއްހީމަރުކަޒަށް ގެނެސް ފަރުވާ ދެމުން ގެންދަނިކޮށް ކަމަށް ސިއްހީމަރުކަޒުން ވަނީ ފުލުހުންނަށް މައުލޫމާތު ދެއްވައިފައެވެ.

އެމީހާ ތުލުސްދުއަށް ދިޔައީ ޢާއިލާއާއެކު ޗުއްޓީ ހޭދަ ކުރުމަށް ކަމަށް އެނގިފައިވެއެވެ. މިހާދިސާއާ ގުޅިގެން ބަލަންޖެހޭކަންކަން ދަނީ ބަލަމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.