ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އިން އިންތިޒާމުކޮށްގެން "ނޭވާހޮޅިއަށް" ނަމުގައި މާލޭގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން ގެންދާ މުޒާހަރާއިން މިހާތަނަށް 15 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ޕީޕީއެމުން ބުނެފިއެވެ.

އެޕާޓީން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިންޑިއާއައުޓު ކެންޕޭނުގެ ދަށުން މި މަޒާހަރާ ކުރިއަށް ގެންދަން މަސައްކަތް ކުރަނީ ޤާނޫނާ އެއްގޮތަށް ސުލްޙަވެރިކަމާއެކު ކަމަށެވެ. އެހެނަސް މުޒާހަރާ ބޭއްވުމަށް ހަމަޖެހިފައިވާ ކާނިވާސަރަހައްދަށް މީހުން ވަނުމަށް ވެސް ފުލުހުން ގެންދަނީ ހުރަސް އަޅަމުން ކަމަށް ބުނެފައިވެއެވެ. އެހެން ކަމުން މި "ޙަރަކާތަށް ހުރަސް އެޅުމުގެ ގޮތުން ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ." އެބަޔާނުގައި ބުނެފައިވެއެވެ.

"މިއަދު ހަވީރު ކާނިވަލުގައި ކުރިއަށް ގެންދެވޭ ޙަރަކާތަށް ހުރަސް އެޅުމުގެ ގޮތުން ޕާޓީ އޮފީސް ހުންނަށް ސަރަޙައްދު މަގާއެއްކޮށް ބަންދުކޮށް، ޕާޓީ އޮފީހަށް ވަދެ ނުކުތުން މަނާކޮށް، ކަނޑުދަތުރުފަތުރަށް ހުރަސްއެޅުމުގެ އިތުރުން، ޙަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކާނިވާ ތައްޔާރު ކުރުމަށްޓަކައި، ޕާޓީ އޮފީހުން ކާނިވަލަށް ތަކެތި ގެންދިއުމާއި، އޮފީހުގެ މުވައްޒަފުންގެ ދަތުރުފަތުރަށް ހުރަސް އަޅާ މިމަސައްކަތުގައި އިދާރީ ގޮތުން ޙަރަކާތްތަތެރިވާ ފަރާތްތައް ހައްޔަރު ކުރަމުން ގެންދާކަންވެސް ފާހަގަ ކުރަމެވެ."

އޭގެ އިތުރުން އެ ޕާޓީގެ ވެރިންނާއި މުވައްޒަފުންގެ އިތުރުން، ރައްޔިތުން އިންތިޚާބުކޮށްފައިވާ މަޤާމުތަކުގައި ތިއްބެވި އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މާލޭ ސިޓީގެ މޭޔަރާއި، ޑެޕިއުޓީ މޭޔަރާއި އަދި މާލޭ ސިޓީ ކައުންސިލް މެންބަރުންނާއި އަތޮޅު ކައުންސިލް ރައީސުންނާއި ރަށްރަށުގެ ކައުންސިލް މެންބަރުންނަށްވެސް ޕާޓީ އޮފީސް ސަރަޙައްދަށް ވަދެ ނުކުތުމަށް ހުރަސްއަޅަމުންދާ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ޕީޕީއެމްގެ ކައުންސިލް މެންބަރު މާލޭ ސިޓީ ގެ ޑެޕިއުޓީ މޭޔަރުގެ އިތުރުން، އިތުރު ބޭފުޅުންވެސް އޮފީހަށް ވަންނަން ހިނގާފައި ދަނިކޮށް ޤާނޫނާއި ޚިލާފަށް ހައްޔަރުކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އެހެން ކަމުން ހައްޔަރުކޮށްފައިވާ އެންމެހާ ފަރާތްތައް މިހާރުން މިހާރުން ދޫކޮށްލުމަށް އެޕާޓީން ވަނީ ސަރުކާރަށް ގޮވާލައިފައެވެ. "ހަމައެއާއެކު މިޕާޓިގެ ޙަރަކާތް ޤާނޫނުގައިވާ ގޮތުގެ މަތިން ކާނިވާ ސަރަޙައްދުގައި ކުރިއަށް ގެންދިއުމަށް ހުރަސް ނޭޅުއްވުމަށް އިލްތިމާސްކޮށް ނަސޭހަތްތެރިވަމެވެ." އެބަޔާނުގައި ވެއެވެ.

ފުލުހުން އިއްޔެ ބުނެފައިވަނީ މިއަދު މުޒާހަރާ އަކީ ހަމަނުޖެހުން ހިންގަން ރާވާފައިވާ މުޒާހަރާއެއް ކަމަށާއި އެހެން ކަމުން މުޒާހަރާ ނުބޭއްވުމަށް ޕީޕީއެމަށް އަންގާފައިވާނޭ ކަމަށެވެ.