ޕީ.ޕީ.އެމް. ގެ ފަރާތުން ކާނިވާ ސަރަޙައްދުގައި މިއަދު ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ރެލީން ހައްޔަރު ކޮށްފައިވާ އެންމެން މިހާރުންމިހާރަށް ދޫކޮށްލުމަށް ޕީއެމުން ސަރުކާރަށް ގޮވާލައްވައިފިއެވެ.
އެޕާޓީން ބުނެފައިވަނީ ރެލީގައި ނުވަތަ މުޒާހަރާގައިބައިވެރިވުމަށް ދިޔަ ޢާންމު ރައްޔިތުންނަށް ފުލުހުން ވަނީ ހުރަސްއަޅައި މޫނަށާއި ލޮލަށް ޕެޕަރ ސްޕްރޭ ޖަހާފައި ކަމަށެވެ. އެހެން ކަމުން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބުނެފައިވެއެވެ.
ޕީޕީއެމުން ބުނެފައިވަނީ އެ ކޯލިޝަނަށް ނިސްބަތްވާ ދެ ނާއިބު ރައީސުން ކަމަށްވާ، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދާއި ތ. ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ގެ ލޮލަށް ވެސް ވަނީ ޕެޕަރ ސްޕްރޭ ޖަހާފައި ކަމަށެވެ. އެއަށްފަހު ފުލުހުން ވަނީ ހައްޔަރު ކުރުމުގައި ގެންގުޅެން ޖެހޭ އުސޫލުތަކާ ޚިލާފަށް އެ ދެ ބޭފުޅުން ހައްޔަރުކޮށް ދޫނިދޫއަށް ގެންގޮސްފައި ކަމަށް ވެސް ޕީޕީއެމުން ބުނެފައިވެއެވެ. "އެހެންކަމުން، މަޖިލީހުގެ ދެ މެންބަރުންނާއި، މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރާއެކު މިއަދު ހައްޔަރުކޮށްފައިވާ އެންމެންވެސް ހައްޔަރުކޮށްފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށްވާތީ، އެ ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލަމެވެ." ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
"ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27 އަދި 32 ވަނަ މާއްދާއިން ލިބިދީފައިވާ އަސާސީ ޙައްޤަށް އަރައިގަނެ، އެ ހައްޤު ހަނިކޮށް މިކޯލިޝަންގެ ރެލީ ކުރިއަށް ގެންދެވޭނީ ކާނިވަލުގައި ކަން އެންގުމާއެކު، ކާނިވަލްގައި ކުރިއަށް ގެންދިޔުމަށް ނިންމި ރެލީވެސް ހުއްޓުވުމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީއިން އެންގުމާއެކު، އެކަން ހުއްޓުވުމަށް ސަރުކާރުގެ ފަރާތުން ފުލުހުންގެ މައްޗަށް ޣައިރު ޤާނޫނީ ޢަމުރުކޮށް، އަދި މި ޣައިރު ޤާނޫނީ ޢަމުރު ތަންފީޒު ކުރުމަށް ފުލުހުން މަސައްކަތް ކުރުމަކީ ހިތާމަހުރި ކަމެކެވެ. ސަރުކާރުގެ ޣައިރު ޤާނޫނީ ޢަމުރު ތަންފީޒު ކުރުމުގައި ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކަށް އެކިވަރުގެ އަނިޔާވެ، ހޮސްޕިޓަލް އިން ވެސް ވަނީ ފަރުވާދެވިފައެވެ." އެބަޔާނުގައި ވެއެވެ.
ޕީއެމްއިން ބުނެފައިވަނީ އިންޑިއާ އެމްބަސީއިންނާއި، ސަރުކާރުން އަންގާ ޣައިރު ޤާނޫނީ އެންގުނަތަކަށް ތަބާނުވުމަށާއި، ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކަށް އަރައި ނުގަތުމަށް ދިވެހި ފުލުހުންނަށް އިލްތިމާސްކުރާ ކަމަށެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ދިވެހި ރައްޔިތުން ކުރިއަށް ގެންދާ ސުލްޙަވެރި ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ މަގު ފަހިކޮށްދިނުމަށްވެސް ފުލުހުނަށް ގޮވާލާ ކަމަށް ބުނެފައިވެއެވެ.