ބޮޑުވަޒީރު އިމްރާން ޚާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕާކިސްތާންގެ ޕާލަމެންޓަށް ހުށަހެޅިފައި ވީނަމަވެސް މިއަދުގެ ނޭޝަނަލް އެސެމްބްލީގެ ޖަލްސާގައި ތާވަލް ނުކުރެވި، މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އެ މަސައްކަތް ވަނީ ފަސްކޮށްފައެވެ.

މިއަދުގެ ޖަލްސާގައި ސަރުކާރުގެ އިސް މެމްބަރުންނާއި އިދިކޮޅު ފަރާތްތަކުން ބައިވެރިވިއެވެ. ސަރުކާރު ތަމްސީލު ކުރާ 50 މެމްބަރުންނާއި އިދިކޮޅުގެ 150 މެމްބަރުންވެސް ޖަލްސާގައި ތިއްބެވެ. ނަމަވެސް ޖުމުލަ އދަދު ސާފުވާގޮތެއް ނުވެއެވެ.

ޕާކިސްތާން ބޮޑު ވަޒީރު އިމްރާން ޚާން މަގާމުން ދުރުކުރުމަށްޓަކައި އިދިކޮޅު ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ)ގެ ބިލާވަލް ބުއްޓޫ ވަނީ އިމްރާން ޚާންގެ ޕާޓީގެ ބައިވެރިއެއްގެ ސަޕޯޓް ހޯއްދަވާފައެވެ.

އިމްރާން ޚާންގެ ވެރިކަން ކުރާ ޕާކިސްތާން ތަހްރީކޭ އިންސާފް ޕާޓީ (ޕީޓީއައި)ގެ އެކުވެރި މުތަހިދާ ޤާއުމީ މޫވްމަންޓް ޕާކިސްތާން (އެމްކިއުއެމް ޕީ) އާއެކު އޭނާ ވަނީ އެއްބަސްވުމެއް ހައްދަވާފައެވެ.

އެމްކިއުއެމްގެ ލީޑަރު ވަސީމް އަޚްތަރު ވަނީ ބިލާވަލް ބުއްޓޫއާއި އާސިފް އަލީ ޒަރްދާރީގެ ބައްދަލުވުމުގައި އެމްކިއުއެމްއިން ބޭނުންވާ ގިނަ ކަންތައްތަކެއްގެ ވާހަކަ ދަންނަވާފައެވެ. އަދި ޕީޕީޕީއިން ވަނީ މިކަންކަމަށް އެއްބަސްވެފައެވެ.

އެމްކިއުއެމް ޕީ އަކީ ޕާކިސްތާންގެ ޕާލަމެންޓް، ނޭޝަނަލް އެސެމްބްލީގައި ހަތް މެމްބަރުން ހިމެނޭ ޕާޓީއެކެވެ. މިއީ ވެރިކަންކުރާ ޕީޓީއައި ކޯލިޝަންގެ އެންމެ ބޮޑު ބައިވެރިޔާއެވެ.

އިމްރާން ޚާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕާލަމެންޓަށް ވެއްދުމުގެ ކުރިން ގިނަ ކަންތައްތަކެއް ނިންމެވުމަށް އިދިކޮޅު ލީޑަރުން ވަނީ މަޝްވަރާތައް ބާއްވަވާފައެވެ. މި ބައްދަލުވުންތަކުގައި ޕީޕީޕީގެ އާސިފް އަލީ ޒަރްދާރީއާއި، ބިލާވަލް ބުއްޓޫ ޒަރްދާރީއާއި، ޕާކިސްތާން މުސްލިމް ލީގް ނަވާޒް (ޕީއެމްއެލް-އެން)ގެ ޝެހްބާޒް ޝަރީފާއި، ޖަމުއިއްޔަތޭ އުލަމާއޭ އިސްލާމް ފަޒުލް (ޖޭޔޫއައި-އެފް)ގެ ވެރިޔާ މައުލާނާ ފަޒްލުއްރަހްމާން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވި އެހެން ބޭފުޅުންގެ ތެރޭގައި ޝާހިދު ޚަޤާން އައްބާސީ، އަހްސަން އިޤްބާލް، ސާދު ރަފީޤް، ޚަވާޖާ އާސިފް ފަދަ ޕާލަމެންޓްގެ އަޑުގަދަ މުހިންމު މެމްބަރުން ހިމެނިވަޑައިގަންނަވައެވެ.

މި ބައްދަލުވުންތަކުގައި އެކި ޕާޓީތަކަށް ބައި އެޅުމުގެ މަޝްވަރާތަކުގައި އެމްކިއުއެމްއިން ހުށަހެޅީ މައުލާނާ ފަޒުލުއްރަހުމާނަށް ޕާކިސްތާނުގެ ރައީސްކަން ދިނުމަށާއި ނަވާޒް ޝަރީފްގެ ކޮއްކޯ ޝެހްބާޒް ޝަރީފަށް ބޮޑުވަޒީރު ކަން ދިނުމަށާއި އެމްކިއުއެމްއަށް ޕޯޓް އެންޑް ޝިޕިން މިނިސްޓްރީއާއި ސިންދުގެ ގަވަރުނަރުކަން ދިނުމަށެވެ.

ޕީޓީއައިގެ މެމްބަރުންގެ ތެރޭން 24 މެމްބަރަކު ވަނީ އިމްރާން ޚާނާ ދެކޮޅަށް ނިކުމެގެން ފައެވެ. މި24 މެމްބަރުން ވަނީ ފާޅުގައި ޚާންއާ ދެކޮޅަށް ވޯޓު ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

މި ކަމުގެ ސަބަބުން އިމްރާން ޚާން ވަނީ އޭނާއަށް ހިތްވަރު ދިނުމަށް އިސްލާމްއާބާދުގައި އެއް މިލިއަން މީހުން ބައިވެރިވާ ބޮޑު އެއްވުމެއް ބޭއްވުމަށް ގޮވާލައްވާފައެވެ. މީގެ އިތުރުން، ޕީޓީއައިގެ މުއައްސިސް މެމްބަރެއް ކަމުގައިވާ އެމްޕީ ނަޖީބު ހާރޫންވެސް ވަނީ ޚާން ބޮޑުވަޒީރުކަމުން ދުރަށް ވަޑައިގަތުމަށް އިލްތިމާސް ކުރައްވާފައެވެ.

ބޮޑު ވަޒީރު އިމްރާން ޚާން ނިންމަވާފައި ވަނީ މިމަހުގެ 27 ވަނަ ދުވަހު ޕާލަމެންޓް ކުރިމަތީގައި އެއްވުމެއް ބޭއްވެވުމަށް ނންމަވާފައެވެ.

ޚާން ވިދާޅުވެފައި ވަނީ ކޮންމެ ގޮތެއް މެދުވެރިވިނަމަވެސް އޭނާ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ އިމްރާން ޚާންގެ ގޮނޑި ކޮއްކޮއަކަށްވެ ވަޑައިގެން ޕާލަމެންޓްގެ ރައީސް ގަވާއިދާ ޚިލާފްވެ ވަޑައިގަންނަވަނީ ކަމުގައި ތުހުމަތު ކުރައްވާފައެވެ.

ޕާކިސްތާންގެ ޕާލަމެންޓްގައި އިތުބާރު ނެތް ކަމުގެ ވޯޓް ނަގާއިރު ގޮނޑިތައް ބެހިފައިވާ ގޮތުން މި ވޯޓް ފާސްވާނެކަމުގެ ޔަގީން ކަން ބޮޑެވެ. ވަކިން ޚާއްސަކޮށް ޚާންގެ ޕާޓީގެ ބޭފުޅުންވެސް އޭނާއާ ދެކޮޅަށް ނިކުންނާނެ ކަމުގެ ޔަގީންކަން ދިނުމުން މިކަން އިތުރަށް ކަށަވަރު ވެގެން ދެއެވެ.

ޕާކިސްތާންގެ ނޭޝަނަލް އެސެމްބަލީ ގައި 342 މެމްބަރުން ތިއްބަވައެވެ.

ނޭޝަނަލް އެސެމްބްލީގައި ޚާންގެ ޕާޓީ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި)ގެ 155 މެމްބަރުން ހިމެނެއެވެ.

ޚާންގެ ސަރުކާރުގެ ދެމިއޮތުމަށް އެމްކިއުއެމް-ޕީ (7 ގޮނޑި)، ބީއޭޕީ (5 ގޮނޑި)، ޕީއެމްއެލް (ކިއު) (5 ގޮނޑި)، ޖީޑީއޭ (3 ގޮނޑި)، އޭއެމްއެލް (1 ގޮނޑި)، ޖޭޑަބްލިއުޕީ (1 ގޮނޑި) އަދި 2 އިންޑިޕެންޑެންޓުންގެ ތާއީދު ލިބިފައި ވެއެވެ.

އަނެއްކޮޅުން، އިދިކޮޅު ފަރާތްތަކަށް ލިބިފައިވަނީ ޖުމްލަ 162 ގޮނޑިއެވެ. އެއީ އިމްރާން ޚާންގެ ސަރުކާރު ވައްޓާލުމަށް ބޭނުންވާ 172 ގޮނޑިއަށްވުރެ 10 ގޮނޑި މަދު އަދަދެކެވެ. މި ފަރާތްތަކުން އިތުބާރު ނެތްކަމުގެ ވޯޓުގެ އަދަދު ހަމަ ކުރަނީ ޕީއެމްއެލް (ކިއު)އާއި އެމްކިއުއެމް-ޕީގެ ތާއީދާއެކުގައެވެ.