ފުވައްމުލަކު ސިޓީގައި ސަރުކާރުން އަޅައިފައިވާ އެއާޕޯޓު ބޮޑުކޮށްދެވެން އޮތް އެންމެ ބޮޑަށް ބޮޑު ކޮށްދެއްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެސިޓީގެ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން އެސިޓީގެ ރައްޔިތުންނަށް ހޮނިހިރުވިލޭރޭ ދެއްވި މާހެފުމެއްގައި ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ސިޓީ ކައުންސިލުން ވަނީ އެ ސިޓީގެ އެއަރޕޯޓް މިހާރަށްވުރެ ބޮޑުކުރުމަށް ހުށަހަޅާފައި ކަަމަށެވެ. އެހެން ކަމުން އެއަރޕޯޓް ބޮޑުކުރެވެން އޮތް މިންވަރެއް ބެލުމަށް ޓެކްނިކަލް ސާވޭއެއް ހަދަންޖެހޭ ކަމަށް ވިދާޅުވިއެވެ. އެއާޕޯޓު ބޮޑުކުރެވޭނީ އެ ސާވޭއަށްފަހު ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެ ސިޓީގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް މިހާރު ޓެންޑަރިންގ ގެ މަރުޙަލާގައިވާ 200 ހައުސިންގ ޔުނިޓުގެ އިތުރުން އިތުރު 200 ހައުސިންގ ޔުނިޓެއްގެ މަސައްކަތް ފުވައްމުލައް ސިޓީގައި ކުރިޔަށްގެންދިއުމަށް ނިންމަވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ފުވައްމުލައް ސިޓީގެ މިހާރު ކުރިޔަށްދާ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށްދާއިރު އެ މަސައްކަތް މެދުނުކެނޑި ކުރިޔަށްދާގޮތަށް ދެވަނަ ފޭސްއެއްގެ ގޮތުގައި އިތުރު 10 ކިލޯމީޓަރުގެ މަގު ހެދުމަށް ނިންމަވާފައިވާކަން ވެސް ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވިއެވެ.

ފުވައްމުލައް ސިޓީގައި ތަރައްޤީކުރާ 50 އެނދުގެ އައު ހޮސްޕިޓަލް ތަރައްޤީކުރާއިރު އެތަނުގައި ޚާއްޞަ ޚިދުމަތް ތަކެއްގެ ގޮތުގައި ކުޑަކުދިންނާއި އަންހެނުންނަށް ޚާއްޞަ ސްޕެލިޓީ ޚިދުމަތްތައް ހިމަނުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުންވެސް ފުވައްމުލައް ސިޓީގެ ބަނދަރުގެ ދަތިކަން ހައްލުކޮށް ބަނދަރު ބޮޑުކުރުމަށް ކުރިން އެ ބަނދަރުގެ މަސައްކަތް ކުރި ކުންފުންޏަށް ބަނދަރުގެ ސާވޭގެ މަސައްކަތް ހަވާލުކުރުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މި ނޫންވެސް މަސްވެރިންގެ ފަސޭހައަށް ރޭވިފައިވާ ކަންކަމާއި ފުވައްމުލައް ސިޓީގައި ފަތާފެންގަޑެއް ތަރައްޤީކުރުމާއި އަދި ސިޓީގެ ތަރައްޤީއަށް ރޭވިފައި ހުރި އަދި މިހާރު ހިނގަމުންދާ ބައެއް މަޝްރޫއުތަކުގެ ތަފްޞީލުތަކަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރުކާރުން ތަރައްޤީގެ ކަންކަން ކުރިޔަށްގެންދަވާނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައިގެންކަން ފާހަގަކުރެއްވިއެވެ. އަދި ފުވައްމުލައް ސިޓީއަކީ ބަޔޮސްފިއަރ ރިޒާވެއްކަން ފާހަގަކުރައްވައި ތަރައްޤީގެ މަޝްރޫއުތައް ކުރިޔަށްގެންދިއުމުގައި އެކަމަށް ޚާއްޞަ ސަމާލުކަމެއްދީގެން ގުދުރަތީ ދިރުންތައް އަންނަން އޮތްޖީލުތަކަށް ވާޞިލުކޮށްދެވޭގޮތަށް ކުރިޔަށްގެންދިއުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެެވެ.

މި މާހެފުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން ރާއްޖޭގެ އިޖްތިމާޢީ ފޭރާން ރަނގަޅުކުރުމަށާއި ޚާއްޞަކޮށް ހެޔޮލަފާ ޖީލެއް ބިނާކުރުމަށް ތަޢުލީމީ ދާއިރާއިން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފުވައްމުލައް ސިޓީއަށް ވަޑައިގެންފައި މި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ފުވައްމުލަކު ސިޓީއާ އައްޑޫ ސިޓީއަށް ކުރައްވާ 4 ދުވަހުގެ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.