ޕީއެންސީގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ހުރި އަޙްމަދު ޙުސައިން އެ މަގާމުން ވަކިކޮށްފިއެވެ.

މާފަންނުގެ ގެއެއްގައި 42 ކިލޯގެ މަސްތުވާތަކެތި ރައްކާކުރި ކަމަށް އެންމެ ބޮޑަށް ތުހުމަތުކުރެވޭ މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ އަހުމަދު ހުސައިންނެވެ.

އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ ކައުންސިލް މެންބަރެއްގެ ގޮތުގައި ހުރި އަހްމަދު ޙުސައިން ގެ މައްޗަށް ކުރެވޭ ތުހުމަތެއްގައި އޭނާ ހައްޔަރު ކުރި ކަމުގެ މަޢުލޫމާތު ލިބުމާއެކު، އެމައްސަލަ ބެލުމަށްފަހު އެ ޕާޓީގެ އަސާސީޤަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަށް ނިންމާފައީވާ ކަމަށެވެ.

އެގޮތުން އެޅޭ ފިޔަވަޅެއްގެ ގޮތުގައި އަޙްމަދު ޙުސައިން ޕާޓީގެ ކައުންސިލް މެންބަރު ކަމުން ވަކި ކޮށް، ޕާޓީގެ ޢާންމު މެންބަރެއްގެ ގޮތުގައިވެސް ޕާޓީގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާކަމަށް އިދިކޮޅުން ބުނެއެވެ.

“ޕީއެންސީ ގެ އަސާސީ ޤަވާއިދަށް ބަލާއިރު، ޕާޓީގެ ސިޔާސަތުތަކާއި ޚިލާފުވެ، ޤާނޫނާއި ޚިލާފު ބޮޑެތި ކުށްތަކަށް އަރައިގަންނަ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމުގެ ބާރު ޕާޓީގެ އަސާސީ ޤަވާއިދުން ޕާޓީއަށް ލިބިދީފައިވުމާއިއެކު، އަޙްމަދު ޙުސައިން ގެ މައްޗަށް ކުރެވިފައިވާ ތުހުމަތުގެ ކުޑަބޮޑު މިނަށްބަލާ، އޭނާގެ މައްޗަށް ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ މީގެ ކުރިންވެސް މިފަދަ ކަންކަމުގައި ޢަމަލުކުރެވިފައިވާ ގޮތްތަކަށް ރިޢާއަތް ކުރުމަށްފަހުއެވެ.”ބަޔާނުގައި ވެއެވެ.

އިދިކޮޅުން ވަނީ އަޙްމަދު ޙުސައިންގެ މައްޗަށް ކުރެވިފައިވާ ތުޙުމަތުގެ މައްސަލަ ބަލާ ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުން އަވަސް ކުރުމަށް ކަމާ ބެހޭ އެންމެހާ މުއައްސަސާތަކަށް ގޮވާލާފައެވެ.