އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިއްޔެ ބޭއްވި "ނޭވާހޮޅިއަށް" އެއްވުމުގެ ތެރެއިން ފެނުނު ބިދޭސީ މީހައަކީ ފުލުހުންގެ މެޑިކަލް އޮފިސަރެއް ކަމަށް ފުލުހުން ބުނެފިއެވެ.
އިއްޔެ މުޒާހަރާގެ ތެރެއިން އޭނާ ފެނުމާއެކު އޭނާއަކީ އިންޑިއާއިން ފޮނުވާފައިވާ ކޮމާންޑަރެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ސޯސަލް މީޑިއާގައި ވާހަކަދައްކާފައެވެ.
މިކަމާ ގުޅިގެން މީޑިއާތަކަށް މިއަދު ދިން މައުލޫމާތުގައި ފުލުހުން ބުނެފައި ވަނީ، އެ ބިދޭސީ މުވައްޒަފަކީ ފުލުހުންގެ ސިއްހީ ހިދުމަތްދޭ ބައިގައި މަސައްކަތް ކުރާ މުވައްޒަފެއް ކަމަށާއި، އޭނާ އިއްޔެ މަސައްކަތް ކޮށްފައި ވަނީ ފުލުހުންގެ މެޑިކަލް ޓީމާ އެކުގައި ކަމަށެވެ.
އަދި ބައެއް ނޫސް މަޖައްލާތަކުން އޭނާގެ ފޮޓޮއާއި މައުލޫމާތު އާންމުކުރި ގޮތުގެ ސަބަބުން އޭނާއަށް އިންޒާރު ލިބެމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ފުލުހުންނަށް ކޮމާންޑް ކުރަން ހުރީ ކޮން ގައުމެއްގެ މީހެއްތޯ ސާފުކުރަން ފުލުހުންނާއި ސުވާލު ކުރި ކަމަށާއި ނަމަވެސް އަދި މިހާތަނަށް އެސުވާލަށް ޖަވާބު ލިބިފައި ނެތް ކަމަށެވެ.