މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެ ސިޓީގެ އިތުރު މަގުތައް ހެދުމުގެ މަސައްކަތް ކުރިޔަށްދާއިރު ފަހިކުރަންޖެހޭ އިތުރު ކަންކަމަށް ބޭނުންވާ ފައިސާ ކައުންސިލަށް ލިބޭނެގޮތެއް ހަމަޖެއްސުމާއި

ފުވައްމުލަކުގައި ހައުސިންގ ޔުނިޓްތައް ތަރައްޤީކުރާއިރު ސިޓީ ކައުންސިލުން ބޭނުންވާ ގޮތަށް އެ ތަންތަން ޑިޒައިން ކުރެވޭނެ ގޮތް ހައްދަވައިދެއްވާނޭ ކަމަށް ރައީސް އިބްރާހީމް ސާލިހު ވިދާޅުވެއްޖެއެވެ. ފުވަމުލަކު ސިޓީކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމޮޓީއާ މިއަދު ބައްދަލުކުރައްވައި ރައީސް މިހެން ވިދާޅު އެކަމަށް ކައުންސިލުން އެދުމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން އެދިވަޑައިގެންނެވީ ސިޓީގެ އިތުރު މަގުތައް ހެދުމުގެ މަސައްކަތް ކުރިޔަށްދާއިރު ފަހިކުރަންޖެހޭ އިތުރު ކަންކަމަށް ބޭނުންވާ ފައިސާ ކައުންސިލަށް ލިބޭނެގޮތެއް ހަމަޖައްސަވައި ދެއްވުމާއި ހައުސިންގ ޔުނިޓްތައް ތަރައްޤީކުރާއިރު ސިޓީ ކައުންސިލުން ބޭނުންވާ ގޮތަށް އެ ތަންތަން ޑިޒައިން ކުރެވޭނެ ގޮތްވުމާއި ސިޓީގައި އިތުރުވަމުންދާ އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމަށް ބޭނުންވާ ކަންކަމާއި ސިޓީގެ މާސްޓަރ ޕްލޭނެއް ހެދުމަށް ބަޖެޓު ހަމަޖައްސަވައިދެއްވުމަށެވެ. މީގެ އިތުރުން ވެސް ސިޓީގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާބެހޭ ގޮތުން ވާހަކަ ދެއްކެވިއެވެ.

ސިޓީކައުންސިލްގެ ހުށަހެޅުއްވުންތަކާ ބެހޭ ގޮތުން ރައީސް ވިދާޅުވީ މަގުހެދުމުގެ މަސައްކަތާއި ހައުސިންގް ޔުނިޓްތަކުގެ ޑިޒައިނާ ގުޅޭގޮތުން ފާހަގަކުރެއްވި ކަންކަން ކުރިޔަށް ގެންދާނީ ކައުންސިލުގެ ޚިޔާލާއި މަޝްވަރާގެ މަތިން ކަމަށެވެ. އަދި އިޖްތިމާޢީ އެންމެ ބޮޑެތި މައްސަލަތަކާއި ގުޅޭގޮތުން ފާހަގަކުރެއްވި ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މުޅި ރާއްޖޭގައި ހުރި މި ފަދަ މައްސަލަތައް ޙައްލުކުރުމަށް ޓާސްކްފޯސްއެއް އެކުލަވާލައިގެން މަސައްކަތް ކުރިޔަށްދާ ކަމަށެވެ. މި މަސައްކަތުގައި ސިޓީތަކަށް އިސްކަންދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެކަމުގައި ވެސް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ސިޓީގެ ތަރައްޤީއަށް އަދި ޞިއްޙީ ދާއިރާއިން ބޭނުންވާކަންކަން ރައީސްގެ ސަމާލު ކަމަށް ގެންނަވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެ ސިޓީގެ ޞިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިޔަށްގެންދިއުމާއި އަލަށް ހަދާ މަގުތަކާއެކު ޕާކިން ފަދަ ކަންކަން ހިމެނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ވަނީ ފުވައްމުލައް ސިޓީގެ ގިރާ ސަރަޙައްދާއި ބަނދަރު ސަރަޙައްދަށް ޒިޔާރަތްކުރައްވައި އެ ތަންތަން ބައްލަވާލައްވާފައެވެ.

ފުވައްމުލަކު ސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމް.ޓީ. ހޯގާޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން ފުވައްމުލަކު ސިޓީގެ ބަނދަރުގެ އުތުރުން ފެށިގެން ރަށުގެ އިރުމަތީ ފަރާތުގައި 2650 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓެއް ޤާއިމުކުރުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫޢަކީ ނެދަލެންޑް ސަރުކާރުގެ ހިލޭ އެހީއާއި ކުވެއިތު ފަންޑުގެ ލޯނު އެހީއާ ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ކުރިޔަށްގެންދާ މަޝްރޫޢެކެވެ. ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ދެއްވި މާހެފުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ސިޓީގެ ބަނދަރު ބޮޑުކުރުމަށް ބަނދަރުގެ ސާވޭގެ މަސައްކަތް، ކުރިން އެ މަސައްކަތް ކުރި ކުންފުންޏާ ހަވާލުކުރުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ވަނީ ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލެއްވުމުގެ އިތުރުން ފުވައްމުލައް ސިޓީ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި ހޮސްޕިޓަލު ބައްލަވާލައްވާފައެވެ.ފުވައްމުލައް ސިޓީގެ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށްގެންދަނީ އެމްޓީސީސީންނެވެ. މަގުހެދުމުގެ މި މަޝްރޫޢުގެ ދަށުން ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ ބޮޑުބައެއް ނިމިފައިވާއިރު މަގުތައް ތަރައްޤީކުރަނީ މަގުތަކުގައި ތާރުއެޅުމާއި ސްޓޯމްވޯޓަރ ޑްރެއިނޭޖާއި މަގުބައްތި ޖެހުން ވެސް ހިމެނޭގޮތަށެވެ. ފުވައްމުލައް ހޮސްޕިޓަލުގެ ޚިދުމަތް ފުޅާކޮށް ފެންވަރު މަތިކުރުމުގެ ގިނަ މަސައްކަތްތައް ކުރިޔަށްދާއިރު އޭގެތެރޭގައި 4 ކޮންސަލްޓިންގ ރޫމާއި، ލެބޯރޓަރީ އާއި، ޕީ.ސީ.އާރު ލެބާއި، ފިޒިއޯތެރަޕީ އާއި ވެއިޓިންގ އޭރިޔާ ހެދުމުގެ މަސައްކަތް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުވައްމުލައް ސިޓީއަށް ކުރައްވާ މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.