އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގައި ހައި ސްކޫލް ދަރިވަރުން ގްރެޖުއޭޓްވުމަށް އައު ކޯހެއް ފުރިހަމަ ކުރުން މަޖުބޫރު ކަމަކަށް ހަދައިފިއެވެ. މި ކޯހަކީ މާލީ ކަންކަމާއި ވިޔަފާރިއަށް ސްކޫލު ނިންމާ ދަރިވަރުން އަހުލުވެރި ކުރުމަށް ފުރިހަމަ ކުރަން ޖެހޭ ބޭސިކް ފައިނޭންޝަލް ލިޓްރަސީ ކޯހެކެވެ. މި ކޯހުން ފާވާން މަޖުބޫރެވެ. ފްލޮރިޑާ ސަރުކާރުން ވަނީ މި މޭރުމުން ގާނޫނެއް ފާސްކޮށްފައެވެ.
ސަރުކާރުން ބުނެ ފައިވާ ގޮތުގައި މި ކޯހަކީ، ދިރިއުޅުމުގައި ދަރިވަރު ކޮންމެ ފަދަ ކަމެއްގައި އުޅެން ދިމާ ކުރިނަމަވެސް އޭނާއަށް އެޕްލައި ކުރެވޭނެފަދަ މައުލޫމާތާއި ހުނަރު ހިމެނޭނެ ކޯހެއް ކަމަށެވެ.
އައު ތައުލީމީ އަހަރުގައި މި ކޯސް މަޖޫބު މާއްދާއަކަށް ވެގެންދާނެއެވެ. މި ކޯހުގެ ސަބަބުން ދަރިވަރުންނަށް ފައިސާ މެނޭޖްކުރުމުގެ އަސާސްތައް ދަސްކުރުމަށް ބިންގަލެއް އެޅިގެންދާނެ އެވެ. އަދި ދަރަންޏަކީ ކޯޗެއްކަމާއި އެކައުންޓް ބެލެންސް ކުރާނެ ގޮތް އެނގިގެން ދާނެއެވެ. އޭގެ އިތުރުން އިންވެސްޓް ކުރުމުގެ އަސާސްތައް މި ކޯހުގައި ދަސްކޮށް ދެވޭނެއެވެ. މި ކޯހުގައި ހިމަނާފައިވާ އެހެނިހެން ކަންކަމުގެ ތެރޭގައި އޮންލައިން ބޭންކިން އާއި އިންވެސްޓް ކުރާ އެޕްތަކާއި ޓްރޭޑިން އެޕްތަކާއި ބަޖެޓިން އެޕްތަކާއި ކްރިޕްޓޯކަރަންސީ ފަދަ ކަންކަމަށް ދަރިވަރުން ހޭލުންތެރި ކުރުން ހިމެނެއެވެ. އެމެރިކާގެ ޒުވާނުންގެ މެދުގައި ފައިސާ ގެންގުޅުމުގެ އަސާސީ ހުނަރު ދަށްކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް، އެތަކެއް ސްޓޭޓަކުން ދަނީ މިފަދަ ގާނޫނުތައް ފާސްކުރުމަށް މަސައްކަތް ކުރަމުންނެވެ.