ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް، އައްޑޫ ސިޓީގެ މީދޫ ބަނދަރު ރަސްމީކޮށް ހުޅުވައި ދެއްވައިފި އެވެ.

މީދޫ ބަނދަރު ސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ތަމްސީލް ކުރައްވާ މަޖިލިސް މެންބަރުންނާއި އައްޑޫ ސިޓީ ކައުންސިލްގެ އިސްވެރިންނާއި މީދޫގެ ރައްޔިތުން ބައިވެރިވި އެވެ.މީދޫ ބަނދަރުގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީންނެވެ. މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި، ނެރު ފުންކުރުމާއި، ސޭންޑް-ފިލް ބްރޭކްވޯޓާ ހެދުމާއި، 115 މީޓަރުގެ ބޭރުތޮށި ޖެހުމާއި، 496 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި، އެއްގަމު ތޮށްޓާއި އިންވެގެން ދުވާރު ހެދުމާއި ބަނދަރު ސަރަހައްދުގެ ލައިޓް ހަރުކުރުން ހިމެނެ އެވެ.

ރައީސް ސޯލިހް މިއަދު ވަނީ ހުޅުދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީން ކުރިއަށް ގެންދާ ގޮތް ވެސް ބައްލަވާލައްވާފަ އެވެ. މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި، 624 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 114 މީޓަރުގެ ބްރޭކްވޯޓާ ޖެހުމާއި، 742 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި، އެއްގަމު ތޮށްޓާއި އިންވެގެން ދުވާރު ހެދުމާއި ބަނދަރު ސަރަހައްދުގެ ލައިޓް ހަރުކުރުން ހިމެނެ އެވެ