ދިވެހިރާއްޖޭގެ ގައުމީ އެއާލައިނުން ސިރީލަންކާގެ ރަޓްމަލާނާ އެއާޕޯޓަށް ދަތުރުތައް ފަށައިފިއެވެ. އިއްޔެ މާލްޑިވިއަން އިން އަލަށް ފެށި މި ދަތރުރުތަކަށް ސިރީލަންކާގެ ރަޓްމަލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަރަށް ހޫނު މަރުހަބާއެއް ކިޔެވެ.

މާލްޑިވިއަންގެ ފުރަތަމަ، ފްލައިޓަށް މަރުހަބާ ކިޔުމަށްޓަކައި ރަޓްމަލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވޯޓަރ ކެނޯން ސެލިޔުޓެއް އެރުވިއެވެ. އަދި ކެންޑީގެ ސަގާފީ ނެށުމަކާއެކު ބޯޓުން ދަތުރުކުރި ކޮންމެ މީހަކަށް ހަދިޔާއެއްވެސް ދިނެވެ.

މާލްޑިވިއަން އިން މައުލޫމާތު ދިން ގޮތުގައި ހަފުތާއަކު 3 ދަތުރު ސިރީލަންކާއަށް ކުރާނެއެވެ. މި ފްލައިޓްތައް ދަތުރުކުރާނީ އާދީއްތަ، އަނގާރަ އަދި ބުރާސްފަތި ދުވަހުއެވެ. އަދި ލަންކާއަށް ދަތުރުކުރާ މީހުން އިތުރުވާނަމަ، މޭމަހުންފެށިގެން ދަތުރުތައް އިތުރު ކުރާނެކަމަށްވެސް މާލްޑިވިއަން އިން މައުލޫމާތު ދެއެވެ.

މީގެ ކުރިން މާލްޑިވިއަން އިން ސިރީލަންކާގެ ބަންޑާރަ ނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓަށާއި މައްތަލަ ރާޖަ ޕަކްސަ އިންޓަރނޭޝަލް އެއާޕޯޓަށް ދަތުރުކޮށްފައި ވެއެވެ.

ސްރީލަންކާގެ ކޮލަންބޯގައި އޮންނަ ރަޓްމަލާނާ އިންޓަނޭޝަނަލް އެއާ ޕޯޓަކީ އެގައުމުގެ އެންމެ ފުރަތަމަ އިންޓަނޭޝަނަލް އެއާޕޯޓެވެ. 50 އަހަރަށްވުރެ ގިނަ ދުވަސްވީ މި އެއާޕޯޓަށް މާލްޑިވިއަންގެ ފްލައިޓްތައް ދަތުރުކުރަން ފެށުމުން ލަންކާގައި ދިރިއުޅޭ ދިވެހީންނާއި ރާއްޖެއިން ލައްކާ އަށް ދާމީހުނަށް ވަރަށް ބޮޑު ފަސޭކަމެއް ލިބިގެން ދާނެއެވެ. މިއީ ދިވެހިން ގިނައިން ދިރިއުޅޭ ސަރަޙައްދުތަކާއި ކައިރީގައި އޮންނަ އެއާޕޯޓެކެވެ.

ސްރީލަންކާއަށް އަލަށް ފެށި މި ދަތުރުތަކުގެ އިތުރަށް ބަނގުލަދޭޝް އާއި އިންޑިއާގެ އެކި މަންޒިލްތަކަށް މޯލަޑިވިއަން އިން ދަތުރުތައް ކުރަމުން ގެންދެއެވެ.