އޮސްޓްރޭލިއާ އާއި ނިއުޒިލެންޑްގެ ބޮޑުވަޒީރުން ވަނީ ސޮލޮމަން އައިލެންޑްސްގައި ޗައިނާގެ ސިފައިން ތިބުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މިދިޔަ ހަފްތާގައި ލީކުވި ޑޮކިއުމެންޓަކުން އެނގެނީ ދެކުނު ޕެސިފިކްގެ ޖަޒީރާ ގައުމެއް ކަމަށްވާ ސޮލޮމަން އައިލެންޑްސްގައި ޗައިނާއަށް ސިފައިން ބައިތިއްބައި ބޯޓު ފަހަރު ބަނދަރު ކުރުން ފަދަ ކަންކަން ކުރެވިދާނެ ކަމެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވީ، މިމައްސަލާގައި ހަފުތާ ބަންދުގައި ނިއުޒީލެންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑާންއާ ވާހަކަ ދައްކަވާފައިވާ ކަމަށާއި، އަދި ޕަޕުއާ ނިއުގިނީ އާއި ފިޖީގައި ހޯމަ ދުވަހުގެ ފަހުގެ ވަގުތެއްގައި އެގައުމުގެ ބޮޑުވަޒީރުންނާ މަޝްވަރާ ކުރައްވާ ފައިވާ ކަމަށެވެ.

"އަހަރެމެންނަށް ފެނުނު ރިޕޯޓްތަކަކީ އަހަރެމެންނަށް ސަޕްރައިޒެއް ނޫން، މިއީ އަހަރެމެންގެ ސަރަހައްދުގައި އަހަރެމެންގެ އަމިއްލަ ގައުމީ ސަލާމަތަށް ކެނޑިނޭޅި ކުރިމަތިކުރަމުންދާ ޕްރެޝަރުތަކާއި ނުރައްކާތަކުގެ ހަނދާންތައް އާކޮށްދޭ ރިޕޯޓްތަކެއް،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މޮރިސަން ވިދާޅުވި އެވެ.

"މިއީ މި ސަރަހައްދުގެ ކަންބޮޑުވުން އޮތް މައްސަލައެއް ނަމަވެސް މިއީ ސަޕްރައިޒެއްގެ ގޮތުގައި އައި ކަމެއް ނޫން. އެ ޕްރެޝަރުތައް އަޅުގަނޑުމެންނަށް ވަރަށް ކުރިއްސުރެ އެނގިފައި އޮތީ،" އޭނާ އިތުރަށް ވިދާޅުވި އެވެ.

އާޑާން ވިދާޅުވި ގޮތުގައި ސޮލޮމޮންގައި ޗައިނާ ސިފައިންގެ އަސްކަރީ ފައުޖުތައް ތިބުމުން "ވަރަށް ބޮޑަށް ކަންބޮޑުވާ" ކަމަށެވެ.

"އަޅުގަނޑުމެން ދެކެނީ މިފަދަ އަމަލުތަކަކީ ސަރަހައްދުގެ ނުރައްކަލަށް އަސްކަރީ ގޮތުން ކުރިމަތިވެދާނެ ގޮންޖެހުމެއްގެ ގޮތުގައި،" ރޭޑިއޯ އެންޒީއަށް އެކަމަނާ ވިދާޅުވި އެވެ.

އާޑާން ވަނީ ސަލާމަތީ ގުޅުންތަކަށް ވިސްނާއިރު ސޮލޮމޮންސްގެ ލީޑަރުންނަށް "އަމިއްލަ ޕެސިފިކް ސަރަހައްދުގެ އާއިލާއަށް ބެލުމަށް" އެދިވަޑައިގެންފައެވެ.

ސޮލޮމަން އައިލެންޑްސް އިން ބުރާސްފަތި ދުވަހު ހާމަކުރި ގޮތުގައި ޗައިނާއާއެކު ޕޮލީސިންގ ކޯޕަރޭޝަން އެގްރީމެންޓެއްގައި ވަނީ ސޮއިކޮށްފައެވެ.

މި ޑްރާފްޓް އެއްބަސްވުމުގެ ޝަރުތުތަކުގެ ދަށުން ޗައިނާއިން ސޮލޮމޮންއަށް ފުލުހުންނާއި ސިފައިން ފޮނުވައި "އިޖުތިމާއީ ހަމަޖެހުން ދެމެހެއްޓުމަށް އެހީތެރިވުމަށް" ހިމަނާފައި ވެއެވެ. އަދި ސްޓޮޕްއޯވާތަކަށް ޗައިނާ މަނަވަރުތައް ފޮނުވުމަށާއި ސަޕްލައި އާކުރުމަށް ވެސް ރަށްރަށުގައި ބަނދަރު ކުރެވިދާނެއެވެ.

މިދިޔަ ހަފުތާގައި ޗައިނާގެ ޚާރިޖީ ވުޒާރާގައި މި އެއްބަސްވުމާ ބެހޭގޮތުން ސުވާލު ކުރުމުން ބުނީ ބެއިޖިން އާއި ސޮލޮމޮންސް އިން "އާދައިގެ މަތިން ގާނޫނު ތަންފީޒު ކުރުމާއި ސަލާމަތީ އެއްބާރުލުން ކުރިއަށް ގެންދަނީ ހަމަހަމަ ކަމާއެކު މުއާމަލާތް ކުރުމާއި، ދެގައުމަށް ފައިދާކުރަނިވި އެއްބާރުލުމުގެ މައްޗަށް ބިނާކޮށް" ކަމަށެވެ.

ސެކިއުރިޓީ އެގްރީމަންޓް ފައިނަލްކޮށް، ސޮއިކޮށް ނުވަތަ އަމަލުކުރަން ފެށޭނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ގާތްގަނޑަކަށް 700،000 މީހުން ދިރިއުޅޭ ސޮލޮމޮންއިން ވަނީ 2019 ވަނަ އަހަރު ޓައިވާނު ދޫކޮށް ބެއިޖިންއާ ގުޅުން ބަދަހި ކޮށްފައެވެ.

ސޮލޮމޮންސްގެ އިދިކޮޅު ލީޑަރު މެތިއު ވާލޭ ވިދާޅުވީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އޮސްޓްރޭލިއާގެ ހައި ކޮމިޝަނަރު ލޭންކާން ސްޓްރެޗަން އަށް މައުލޫމާތު ދެއްވިކަމަށެވެ. އަދި ސަރުކާރުން ބެއިޖިންއާ އެކު ސަލާމަތީ އެއްބަސްވުމެއް އެކުލަވާލުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އޭގެ ދަށުން ޗައިނާގެ އަސްކަރީ ބޭސްތައް ގާއިމް ކުރަން ޖެހިދާނެ ކަމަށް އެންގެވި ކަމަށެވެ.

މޮރިސަން ވިދާޅުވީ އޮސްޓްރޭލިއާއިން ބޭރުގެ އެހީ އަލުން ރުކުރުވާލަނީ ޕެސިފިކް ކަނޑުގެ ސަރަހައްދުގެ ކަންކަމަށް ފޯކަސް ކުރުމަށެވެ.

"ޕެސިފިކް ގެ އެކި ހިސާބުތަކުގައި ހުރި ރިސްކުތައް އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެ،" ޗައިނާގެ އެންގޭޖްމަންޓަށް އިޝާރާތް ކުރައްވައި މޮރިސަން ވިދާޅުވި އެވެ.