އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތުން ސަރުކާރުގެ ހުރިހާ މުވައްޒަފުންނަށް ތުނބުޅި ބެހެއްޓުމަށް އަންގައިފިއެވެ. އަދި އިސްތަށި ބޯތުނބުޅި ނުބަހައްޓަނީނަމަ ވަޒީފާއިން ވަކިކުރުމަށްވެސް އަންގައިފިއެވެ.
އިސްލާމީ ހައްދުފަހަނައަޅާފައިވާ ތާލިބާންގެ އަމުރު ބިލް މައުރޫފި ވައްނަހީއަނިލް މުންކަރި މިނިސްޓްރީގެ އިންސްޕެކްޓަރުން ވަނީ ހޯމަ ދުވަހުން ފެށިގެން ސަރުކާރުގެ އޮފީސްތަކަށް ވަންނަ ދޮރުތައް ޕެޓްރޯލް ކުރަންފަށާފައެވެ. އަދި ތުބުޅި ބެހެއްޓުމާ ބެހޭ އިއުލާނަށް އަމަލު ކުރޭތޯވެސް ބަލަންފަށާފައެވެ.
ސަރުކާރު މުވައްޒަފުންނަށް އަންގާފައި ވަނީ ތުނބުޅި ބަހައްޓައި ގަޔަށް ދޫކޮށް އޮންނަ އަފްޣާނީ ގަމީހާއި ހަރުވާޅު ލައިގެން އޮފީއަށް ދިއުމަށެވެ. އަދި ބޮލުގައި ތާކިހަލެއް ނުވަތަ ފަގުޑިއެއް އަޅަންވެސް މަޖުބޫރެވެ.
މިވާހަކަ ރިޕޯޓް ކުރި ޕާކިސްތާންގެ ޑޯން ނޫހުން ބުނީ ވަގުތުގައި މުވައްޒަފުން ނަމާދުކުރޭތޯވެސް މިއންސްޕެކްޓަރުން ބަލާކަމަށެވެ.
އަދި މިގޮތަށް ހެދުން ނުބަހައްޓާ މީހުންނަށް މިހާރުން ފެށިގެން އޮފީސްތަކަށް ނުވަދެވޭނެ ކަމަށް އަންގަމުން ދިޔަ ކަމަށާއި، ހެދުން އެޅުމާއި ތުނބުޅީގެ ގަވާއިދަށް ނުފެތޭ މީހުން އެންމެ ފަހުން ވަޒީފާއިން ވަކިކުރާނެ ކަމަށް ވެސް ވަނީ އަންގާފައެވެ.