ގުޅިގެން އަޅާފައިވާ ފިޔަވަޅެއްގައި އީޔޫގެ ހަތަރު ގައުމަކުން ވަނީ ރަޝިއާގެ 40 އަށް ވުރެ ގިނަ ޑިޕްލޮމޭޓުން ބޭރުކޮށްފައެވެ. އެފަރާތްތަކަށް ތުހުމަތުކުރެވެނީ ޖާސޫސް ކުރަމުން ދާކަމަށެވެ.

އަޔަލެންޑް، ބެލްޖިއަމް، ނެދަލޭންޑްސް އަދި ޗެކް ރިޕަބްލިކުން ވަނީ އަންގާރަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި އެމްބަސީތަކުގައި މަސައްކަތް ކުރާ ޖުމްލަ 43 މުވައްޒަފަކަށް ބޭރުވުމަށް އަމުރު ނެރެފައެވެ.

އީޔޫގެ އެހެން ގައުމުތަކުން ވެސް މިފަދަ ފިޔަވަޅުތަކެއްމިދިޔަ ހަފްތާގައި އެޅިއެވެ.

ބެލްޖިއަމްގެ ޚާރިޖީ ވަޒީރު ސޯފީ ވިލްމޭސް ޕާލަމެންޓް މެމްބަރުންނަށް ވިދާޅުވީ، ބޭރުކޮށްލި ޑިޕްލޮމޭޓުންނަކީ ގައުމީ ސަލާމަތުގެ ރައްކާތެރިކަމާ ގުޅުން ހުރި ބައެއް ކަމަށެވެ. ޕާލަމެންޓަށް މައުލޫމާތު ދެއްވަމުން މިސް ވިލްމޭސް ވިދާޅުވީ، ބްރަސަލްސްގައި ހުންނަ ރަޝިޔާ އެމްބަސީއާއި، އެންޓްވާޕްގައި ހުންނަ ކޮންސިއުލޭޓްގައި ތިބި 21 ސްޓާފުން ގައުމުން ބޭރަށް ދިއުމަށް އެންގި ކަމަށާއި، އެމީހުން ފުރައިގެން ދިއުމަށް ދެ ހަފްތާގެ މުހުލަތެއް ދީފައި ވާނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިއީ ބެލްޖިއަމްގެ އަވަށްޓެރި ނެދަލޭންޑްސްއާ ގުޅިގެން އެޅި ފިޔަވަޅެއް ކަމަށާއި، އިންޓެލިޖެންސް އޮފިސަރުންގެ ގޮތުގައި ރަޝިޔާގެ 17 ޑިޕްލޮމޭޓަކު ސިއްރުން ހަރަކާތްތެރިވާ ކަމަށް ބެލެވޭތީ، އެ މީހުން ގައުމުން ބޭރުވުމަށް އަންގާފައިވާ ކަމަށްވެސް އެގައުމުގެ ޚާރިޖިއްޔާއިން ބުނެފައިވެއެވެ.

އަޔަލެންޑްގެ ބޮޑުވަޒީރު މައިކަލް މާޓިން ޕާލަމެންޓް މެމްބަރުންނަށް ވިދާޅުވީ، އޭނާގެ ސަރުކާރުން ރަޝިޔާގެ ހަތަރު ޑިޕްލޮމޭޓަކު ބޭރުކޮށްލީ، އެގައުމުގެ އިންޓެލިޖެންސް އިދާރާގެ ލަފާ ލިބުމުންނެވެ.

ބޮޑު ވަޒީރު މާޓިން ވިދާޅުވީ، އަޔަރލެންޑް ދޫކޮށް ދިއުމަށް އެމީހުންނަށް އެންގީ އެމީހުންގެ ހަރަކާތްތަކަކީ ޑިޕްލޮމެޓިކް އަޚުލާގާއި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ނުފެތޭ ހަރަކާތްތަކަކަށް ވާތީ ކަމަށެވެ.

ޑަބްލިންގައި ހުންނަ ރަޝިޔާގެ އެމްބަސީން ބުނީ މިއީ އެއްވެސް އަސާސެއް ނެތް ތުހުމަތެއް ކަމަށާއި އޭގެ ސަބަބުން ރަޝިއާ އާއި އަޔަރލެންޑްގެ ގުޅުން އިތުރަށް ގޯސްވާނެ ކަމަށެވެ.

ޗެކް ރިޕަބްލިކްއިން ބޭރުކޮށްލި ޑިޕްލޮމޭޓަކީ ރަޝިއާގެ ޑެޕިއުޓީ އެމްބެސެޑަރެވެ. ޗެކް ރިޕަބްލިކްގެ ފޮރިން މިނިސްޓްރީގެ ޓުވީޓުގައި

ބުނެފައި ވަނީ އެކުވެރި ގައުމުތަކާ ގުޅިގެން، އީޔޫގައި ރަޝިއާގެ އިންޓެލިޖެންސް ހަރަކާތް އޮންނަ މިންވަރު މަދުކުރަމުން ދާކަމަށެވެ.

ބުދަ ދުވަހު ޕޮލެންޑުން ވަނީ އެގައުމުގައި ޖާސޫސް ކުރާ ކަމަށް ތުހުމަތު ކުރެވޭ ރަޝިޔާގެ 45 ޑިޕްލޮމޭޓަކު ބޭރުކޮށްލާފައެވެ.

ޕޮލެންޑްގެ ދާޚިލީ ވަޒީރު މަރިއުޒް ކަމިންސްކީ ޓްވިޓަރ ގައި ލިޔުއްވާފައިވަނީ ޕޮލެންޑްގެ އިންޓެލިޖެންސް އޮފިޝަލުން ރަޝިޔާގެ ޖާސޫސީ އިދާރާ ސްޕެޝަލް ސަރވިސަސް ނެޓްވޯކް ރޫޅާލާފައިވާ ކަމަށެވެ.

އަދި މި މަހު ކުރީކޮޅު ބަލްގޭރިއާ، ލިތުއޭނިއާ، ލެޓްވިއާ އަދި އެސްޓޯނިއާ އިން ވަނީ ރަޝިއާ އެމްބަސީގެ 20 މުވައްޒަފަކު ޑިޕްލޮމެޓިކް އާދަކާދައާ ޚިލާފަށް އުޅޭކަމަށް ބުނެ ބޭރުކޮށްލާފަ އެވެ.

ރަޝިޔާއިން މިފަދަ ނިންމުންތަކަށް އިޖާބަދިނުމަށް ނިންމާފައިވަނީ ދެފަރާތުގެ ދެމެދުގައި ބަދަލުކުރެވޭ ފިޔަވަޅުތަކެއް ގެތެރެއިން ކަމަށްވާއިރު، އެސްޓޯނިއާ، ލެޓްވިއާ އަދި ލިތުއޭނިއާގެ 10 ޑިޕްލޮމޭޓަކު ބޭރުކޮށްލާފައިވާކަން ރަޝިޔާއިން ވަނީ މީގެ ކުރިން ބުނެފައެވެ.