ރަޝިޔާއިން ދިން ޙަމަލާގެ ސަބަބުން ޔޫކްރެއިންގައި 10 މިލިއަނަށްވުރެ ގިނަ މީހުން މިހާރު ގެދޮރު ދޫކޮށް ހިޖުރަކޮށްފައިވާކަމަށް ރެފިއުޖީންނާ ބެހޭ އދގެ ހައިކޮމިޝަނަރ ވިދާޅުވެއެވެ. އަދި އަވަށްޓެރި ގައުމުތަކަށް ހިޖުރަކޮށްފައިވާ 3.8 މިލިއަން މީހުންގެ އިތުރުން، ހަނގުރާމައިގެ ސަބަބުން ޔުކްރެއިންގެ އެތެރޭގެ ސަރަހައްދުތަކަށް 6.5 މިލިއަން މީހުން ހިޖުރަކޮށްފައިވާ ކަމަށްވެސް އަންދާޒާ ކުރެވެ އެވެ.
އދ.ގެ މަސްއޫލުވެރިން މި އަދަދު ބިނާކޮށްފައި ވަނީ އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އިން މި މަހުގެ 9 ވަނަ ދުވަހާއި 16 ވަނަ ދުވަހާ ދެމެދު ކޮށްފައިވާ ދިރާސާތަކުގެ މައްޗަށެވެ.
ސާވޭކުރި ގައުމުގެ އެތެރޭގެ ހިސާބުތަކަށް ހިޖުރަކޮށްފައިވާ 2000މީހުންގެ ތެރެއިން %30 އަކީ ކިޔޭވް އިން ބޭރުވި މީހުންނެވެ. %36 އަށްވުރެ ގިނަ މީހުން ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުން ފިލައިގެން ގޮސްފައި ވެއެވެ. %20 މީހުން ބޭރުވީ އުތުރު ސަރަހައްދުންނެވެ.
ގާތްގަނޑަކަށް %40 މީހުން މިހާރު ތިބީ ޔޫކްރެއިންގެ ހުޅަނގު ސަރަހައްދަށް ވަދެފައެވެ. ކިއޭވްގައި ތިބީ 3% އަށް ވުރެ ވެސް މަދުން މީހުންނެވެ.
އައިއޯއެމް އިން އަންދާޒާ ކުރާ ގޮތުގައި އެތެރޭގެ ހިޖުރަކުރާ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަކީ އަންހެނުންނެވެ. މިއިން ގިނަ މީހުންނަކީ މާބަނޑު، ނުވަތަ ނުކުޅެދުންތެރިކަން ހުންނަ ނުވަތަ އަނިޔާގެ ޝިކާރައަކަށް ވެފައިވާ މީހުންނެވެ.