ފުލުހުން ތަމްރީން ކުރުމަށް އައްޑޫސިޓީގައި ހުޅުވި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯއެންފޯރސްމެންޓަކީ ސަރުކާރުތަކުން ކުރިބުރަ މަސައްކަތުގެ ނަތީޖާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވީ އެތަނަކީ ރާއްޖޭގެ އަމިއްލަވަންތަ ކަމުގައި، ހިންދެމިލުމަށް އަވަށްޓެރި އިންޑިއާގެ ނިޔަތް ހެޔޮކަން ދައްކުވައިދޭ ރަމްޒެއްކަމަށެވެ.

ރައީސް މިހެން ވިދާޅުވީ ދިވެހިފުލުހުންގެ ޚިދުމަތަށް 89 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޖަލްސާގައި ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ފުލުހުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމަށް ފުލުހުންނަށް ބޭނުންވާ އިންސާނީ ވަސީލަތާއި، ހުނަރާއި، ގާބިލްކަމާއި، ޓެކްނޮލޮޖީ ފުލުހުންނަށް ފޯރުކޮށްދެއްވާނޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އިންތިޒާމް ވެގެން ހިންގާ ކުށްތަކާ، ޑްރަގް ނެޓްވޯރކް ތަކުގެ ގުޅުމަކީ ރާއްޖޭގެ އަމާން ކަމާ، ސުލްޙަ މަސަލަސް ކަމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުންކަމަށެވެ. އެއީ ރައްޔިތުންގެ އޮތް ވަރަށްބޮޑު ކަންބޮޑުވުމެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މިކަންކަން ހުއްޓުވާ ކޮންޓްރޯލް ކުރުމަށް ޚާއްސަ ޓާސްކް ފޯސްތަކެއް އެކުލަވާލައި މަސައްކަތްކުރަމުން އަންނަކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އޭގެ ހެޔޮ ބަދަލު ވަރަށް އަވަހަށް ފެންނާނެކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި މެޑަލް ލިބިލެއްވި ފުލުހުންނަށް ކުލައާ މެޑަލް ރައީސް ވަނީ ހަވާލުކޮށްދެއްވައިފައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ މޯބައިލް އެޕްލިކޭޝަން ވެސް އިފްތިތާޙް ކޮށްދެއްވާފައެވެ.