މިއަހަރު ތެރޭގައި އިތުރު 25 ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމު ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ރައީސް ވިދާޅުވީ އޭގެ އިތުރުން ރާއްޖޭގެ 61 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ބިނާ ކުރުމަށް މިހާރު ވަނީ ކޮންޓްރެކްޓް ކުރެވިފައި ކަމަށެވެ.

ރައީސް މިހެން ވިދާޅުވީ ދިވެހިފުލުހުންގެ ޚިދުމަތަށް 89 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށް ނިމޭނެކަމަށެވެ. މިކަމަކީ ރައްކާތެރި އަމާން ރާއްޖެއެއް ކަށަވަރު ކުރުމަށް ހިންގާ ބޮޑު މަޝްރޫޢެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް ކުރިއެރުވުމަކީ ރައްޔިތުން މި ސަރުކާރާ މަތިކުރި ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ. ވޭތުވެދިޔަ 3 އަހަރު ކުރެވުނު މަސައްކަތުން ފުލުހުންގެ ޚިދުމަތަށް، ހެޔޮ ބަދަލު ގެނެވިފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަވަށްޓެރި ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ކުރެވުނު މަސައްކަތުން ރާއްޖޭގައި ފުލުހުން ގާއިމުވެ ތިބޭ ހުރިހާ ރަށެއްގައި އަވަށްޓެރި ފުލުހުންގެ ޚިދުމަތުގެ ހުނަރާ ތަމްރީނު ފެށި، މިހާރު ހިނގަމުންއަންނަކަމަށް ވެސް ވިދާޅުވިއެވެ.