ސްރީލަންކާ ސަރުކާރުން އިންޑިއާއާއެކު ސޮއިކޮށްފައިވާ މެރިޓައިމް ސެކިއުރިޓީއާ ގުޅޭ އެއްބަސްވުންތަކަކީ ސްރީލަންކާގެ ސަލާމަތަށާއި ސިޔާދަތަށް އެއިން އަސަރުކުރާނެ އެއްބަސްވުންތަކެއް ނޫން ކަމަށް ސްރީލަންކާގެ ސިފާއީ ވަޒީރު ހާމަ ކުރައްވައިފިއެވެ. ސްރީލަންކާއިން ވަނީ ފްލޯޓިން ޑޮކް ފެސިލިޓީއެއް ބިނާ ކުރުމަށާއި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ޑޯނިއަރ މަތިންދާބޯޓެއް ހޯދުމަށާއި ކޮޅުބުގައި މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރެއް ގާއިމް ކުރުމަށް އެއްބަސްވުމެއް އެކުލަވާލާފައެވެ.

ސްރީލަންކާގެ ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދާދި ފަހުން އިންޑިއާއާއެކު ސޮއިކުރި މެރިޓައިމް ސެކިއުރިޓީ މުއާހަދާތަކުގެ ސަބަބުން ލަންކާގެ ގައުމީ ސަލާމަތަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުވާނެ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އިންޑިއާއިން ފްލޯޓިން ޑޮކް ފެސިލިޓީ ބިނާ ކޮށްދެނީ ލަންކާ ސަރުކާރުން އެއްވެސް އަގެއް ނެގުމަކާ ނުލައެވެ.

ޑޯނިއަރ އެއަރކްރާފްޓާ ގުޅޭ ގޮތުން ޑިފެންސް މިނިސްޓްރީން ބުނީ މިއީ މައިގަނޑު ގޮތެއްގައި މެރިޓައިމް ސަރވައިލެންސް އަދި ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށް ބޭނުންކުރާނެ މަތިންދާބޯޓެއް ކަމަށެވެ.

އެ މިނިސްޓްރީން ބުނީ މިއެއްބަސްވުންތަކަކީ މި ދޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ކުރެވުނު ބައިލެޓްރަލް މަޝްވަރާތަކުގެ މަގްސަދު ކަމަށާއި އަދި އިންޑިއާ ސަރުކާރުން ލަންކާއަށް އެއް ޑޯނިއަރ އެއާކްރާފްޓް ހިލޭ ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ.

މި ނޫސްބަޔާނުގައި އިތުރަށް ބުނެފައި ވަނީ ސްރީލަންކާގެ ފަރާތްތަކަށް ބޭނުންވާ ތަޖުރިބާ ލިބެންދެން އިންޑިއާގެ ފަންނީ ޓްރެއިނިން ޓީމެއްވެސް ސްރީލަންކާގައި ތިބޭނެ ކަމަށެވެ.

މީގެ އިތުރުން، ކޮލަމްބޯގައި ހުންނަ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރއާ ގުޅޭ ގޮތުން ބުނެފައި ވަނީ، އިންޑިއާ ސަރުކާރުގެ 6 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ އުފެއްދުމަށް ހުށަހެޅި ހުށަހެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ރުހުން ދީފައިވާކަމަށެވެ.

އެމްއާރުސީސީ އުފެއްދުމަކީ މި ސަރަހައްދުގައި ހަރަކާތްތެރިވާ އުޅަނދުތައް ހާލުގައި ޖެހުމުން ސާޗް އެންޑް ރެސްކިއު ޚިދުމަތަށް ވަގުތުން އިޖާބަދީ، ބައިނަލްއަގްވާމީ އެކި މުއާހަދާތަކާ އެއްގޮތަށް އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުން ތެރި މަރުކޒެއް ކަމަށެވެ. ސްރީލަންކާ ނޭވީއަކީ ލަންކާއާއި ސަރަހައްދުގެ ވަށައިގެން ދަތުރުކުރާ އާގު ބޯޓުތަކަށް މެރިޓައިމް ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގުމުގެ ޚިދުމަތްދޭ އިދާރާކަމަށްވެސް ބުނެފައި ވެއެވެ.

ލަންކާ ޑިފެންސް މިނިސްޓްރީން ބުނީ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންގެ މާޗަންޓް ޝިޕިން ސެކްރެޓޭރިއެޓްގެ ރަސްމީ މަންދޫބުގެ ހައިސިއްޔަތުން މެރިޓައިމް ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހަވާލުކޮށްފައި ވަނީ ލަންކާ ނޭވީއާއެވެ. އަދި ލަންކާ ނޭވީއަކީ، އެގައުމުގެ ހިކި ފަސް ސަރަހައްދުގެ 27 ގުނަ ބޮޑު ސަރަހައްދެއްގައި ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަން ހިންގުމުގެ ޒިންމާ އޮންނަ ފަރާތެއް ކަމަށެވެ.