އިމްރާން ޚާންގެ ސަރުކާރު ވައްޓާލުމަށް ބޭރުގެ ފަރާތަކުން މަސައްކަތް ކުރާ ކަމަށް ބުނާ ސިޓީ މިއަދު ސަރުކާރުން އިތުބާރު ކުރާ މީޑިއާގެ ފަރާތްތަކާ ހިއްސާ ކޮށްފިއެވެ. މި މަހު 27 ވަނަ ދުވަހު އިމްރާން ޚާން ގައުމާ ހިއްސާ ކުރައްވާނެ ކަމަށް ވިދާޅުވާ ސިޓީއަކީ މިއީއެވެ.

މި ބައްދަލުވުމުގައި ބައިވެރިވި މަދު އަދަދެއްގެ ސީނިއާ ނޫސްވެރިން ވިދާޅުވާ ގޮތުގައި ދައުލަތުގެ ސިއްރެއް ކަމަށް ބުނެ ސިޓީ ހިއްސާ ކޮށްފައެއް ނުވެއެވެ. ނަމަވެސް އޭގައި ހުރި ބައެއް ވާހަކަތައް އިއްވާފައި ވެއެވެ.

ޕާކިސްތާން ސިފައިންގެ އަތުގައި މިސިޓީގެ ކޮޕީއެއް އޮތް ކަމަށާއި އަދި ޕާކިސްތާން ކެބިނެޓްގައިވެސް މިސިޓީއާ މެދުވެސް ބަހުސް ކުރެވިފައިވާ ކަމަށް ނޫސްވެރިން ބުނެއެވެ.

މިސިޓީގައި ބަޔާން ކޮށްފައިވާ ވާހަކަތަކަކީ ޕާކިސްތާންގެ މަސްއޫލުވެރިއަކާ ބޭރުގެ ސަރުކާރެއްގެ ފަރާތަކާ ދމެދު ދައްކާފައިވާ ވާހަކަތަކެވެ. އެ ފަރާތަކުން ބުނެފައި ވަނީ އިމްރާން ޚާންގެ އިތުބާރު ނެތްކަމުގެ ވޯޓް ފާސްކޮށްފިނަމަ ޕާކިސްތާންގެ ބައިނަލްއަގްވާމީ މައްސަލަތައް ހަނދާން ނައްތާލެވި މައާފް ކުރެވިދާނެ ކަމަށެވެ. އަދި އިތުބާރު ނެތްކަން ފާސް ނުވެއްޖެނަމަ، ޕާކިސްތާނަށް ކުރިއަށް އޮތް ތަނުގައި ވަރަށް އުދަގޫ ވާނެ ކަމަށެވެ.

މި ސިޓީގައި ހިމެނޭ ވާހަކަތަކަށް ބަލައި ބައެއް ސީނިއާ ނޫސްވެރިން މީޑިއާގައި ލަފާކޮށްފައި ވަނީ މި އިންޒާރުތައް ދީފައިވާ ގައުމަކީ އެމެރިކާކަމަށެވެ. އަދި އެމެރިކާއާއި ޔޫރަޕުން ޕާކިސްތާނުން ރަޝިޔާއާ މެދު ހަނގުރާމައިގައި ކަން ކުރި ގޮތާމެދު ގަޔާ ނުވެފައިވާ ކަމަށާއި އިމްރާން ޚާންގެ ރަޝިޔާ ދަތުރަކީ ޚާންގެ އަމިއްލަ އިސްނެގުމެއް ކަމަށްވެސް އެފަރާތުން ދެކޭ ކަމަށެވެ.

އިމްރާން ޚާން ވަނީ މިސިޓީ ޕާކިސްތާންގެ ޖާސޫސީ އިދާރާއާ ޙަވާލުކުރައްވާފައެވެ.