ރަޝިޔާއިން ޔޫކްރެއިންއާ ދެކޮޅަށް ފުރިހަމަ ހަނގުރާމައެއް ފެށިއިރު، އިންޑިއާ އެންމެ ފުރަތަމަ ފެނިގެންދިޔައީ އިހުސާސް ނުކުރެވޭ ފަދަ ސިޔާސީ އަނދަވަޅެއްގައި ތާށިވެފައި އޮތް ތަނެވެ. އިންޑިއާގެ ތަރައްގީއަށް ގެރެންޓީއެއްގެ ގޮތުގައި ހުޅަނގުގެ ގައުމުތަކާ ގާތް ގުޅުމެއް ބާއްވަމުން ދިޔަ ނިއު ދިއްލީ ލަފާކުރެވުނީ، ވޮޝިންޓަނާއި އެ ގައުމުގެ އެކުވެރި ގައުމުތަކާ ގުޅިގެން މަސައްކަތް ކުރާނެ ބައިވެރިއެއްގެ ގޮތުގައެވެ. ނަމަވެސް ރަޝިޔާ ހަނގުރާމައިގައި އިންޑިއާއިން ވަނީ ރަޝިއާ ކުށްވެރިކުރުމަށް ދެކޮޅު ހަދައި އަމިއްލަ ސިޔާސަތެއް ގެންގުޅެފައެވެ.
އިސްލާމްއާބާދާ އެކު ހުޅަނގުގެ ބާރުތައް އެކަތިގަނޑަކަށް ވެގެން ދިއުމުން 1950 ގެ އަހަރުތަކުން ފެށިގެން ރަޝިއާގެ ބައިވެރިއެއްގެ ގޮތުގައި މޮސްކޯއިން ދިޔައީ ނިއުދިއްލީއަށް ތާއީދުކުރަމުންނެވެ. ފިނި ހަނގުރާމަ ނިމުމަށްފަހު ފާއިތުވެދިޔަ ދެހާހުގެ އަހަރުތަކުގައި އިންޑިއާއިން ހުޅަނގުގެ ގައުމުތަކާ އެކު އޮތް ގުޅުން ވަރަށް ބާރަށް ތަރައްގީ ކުރަމުން ދިޔައެވެ. ނަމަވެސް، ރަޝިއާގެ ގުޅުން ދޫކޮށެއް ނުލައެވެ.
ރަޝިއާއިން ޔުކްރެއިންއަށް ދިން ހަމަލާގެ ބަހުސްގައި އދ.ގެ ސަލާމަތީ މަޖިލީހާއި އާންމު މަޖިލީހުގައި އިންޑިއާއިން ރަޝިޔާ ކުށްވެރި ކުރުމަށް ބަހެއް ނުބުނުމަކީ އެއްވެސް ފަރާތަކުން ސަޕްރައިޒް ވާން ޖެހޭފަދަ ކަމެއް ނޫނެވެ.
ޔުކްރެއިން ހަނގުރާމައިގެ މަސްރަހުން މިހާރު ފެނިގެން މިދަނީ މި ހަނގުރާމައަކީ މިއީ އިންޑިއާއަށް ލިބުނު ހަދިޔާއެއްގެ ގޮތުގައެވެ. ވޮޝިންޓަނުން ވަނީ ބެއިޖިންއާ ދެކޮޅަށް ބައިވެރިއެއްގެ ގޮތުގައި ނިއުދިއްލީ ބޭނުންވާކަން ހާމަކޮށްފައެވެ. އަދި ރަޝިއާގެ އަސްކަރީ ހާޑްވެއާއަށް އިންޑިއާއިން ބަރޯސާވާ މިންވަރު ބޮޑު ކަމުން މޮސްކޯއާއެކު ހިތް ހަލާލުވެފައި އޮންނަން ޖެހޭކަންވެސް ވޮޝިންޓަނަށް އެނގޭކަމުގައި ބުނެފައެވެ.
ޗައިނާއެކޭ އެއްފަދައިން، ވަސީލަތްތައް މަދު އިންޑިއާއިންވެސް ވަނީ މި ދަނޑިވަޅުގައި ހުޅަނގުން ނުގަނެ ދޫކޮށްލާފައިވާ ރަޝިޔާގެ ތެޔޮ ވަރަށް ހެޔޮއަގުގައި ހޯދުމަށް މި ކާރިސާގެ ބޭނުން ރަނގަޅު ގޮތުގައި ހިފާފައެވެ. އަނެއްކޮޅުން، އިންޑިއާއިން ރަޝިޔާ ކުށްވެރި ކުރުމުން އެއްކިބާވުމުން، ޗައިނާއާއި ރަޝިޔާއިން ގެންދަނީ، އިންޑިއާ އެމީހުންގެ ފަޅިއަށް ގެންދެވޭތޯ އިތުރު މަސައްކަތްތަކެއް ކުރަމުންނެވެ.
މިދިޔަ ހަފުތާގައި ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ ވަނީ ކުރިން އިއުލާން ކޮށްފައި ނުވާ ނުރަސްމީ ދަތުރުފުޅެއްގައި ނިއުދިއްލީއަށް ވަޑައިގެންފައެވެ. ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްޖެއި ލާވްރޯވް އިންޑިއާއަށް ވަޑައިގަންނަވާނެކަމަށް ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ.
ބެއިޖިން އާއި މޮސްކޯ އިން އުންމީދު ކުރަނީ ހުޅަނގާ ދެކޮޅަށް އެކުލަވާލެވިދާނެ އޭޝިއާގެ ކޮއެލިޝަނެއްގެ ތެރެއަށް އިންޑިއާ ބައިވެރިކޮށްލެވިދާނެ ކަމަށެވެ. ނަމަވެސް އިންޑިއާއިން އެމެރިކާއާއި އެ ގައުމުގެ އެކުވެރިގައުމުތަކާ އެކު ގެންގުޅޭ ސްޓްރެޓީޖިކް ގުޅުމުން އެކަހެރިވެދާނެ ކަމަކަށް ނުބެލެވެއެވެ. އިންޑިއާއިން ދަނީ މިފުރުސަތުގައުވެސް ލިބެން އޮތް ފައިދާއެއް ނެގުމަށް މަސައްކަތް ކުރަމުންނެވެ.
މި ހަނގުރާމައިގެ ސަބަބުން އިންޑިއާއަށް ލިބެމުންދާ ފައިދާތައް ކިތަންމެހާވެސް ގިނައެވެ. ރަޝިޔާއިން އިންޑިއާއަށް ހެޔޮ އަގުގައި ރަޝިޔާގެ ތެލާއި، ގަސްކާނާއާއި އެނޫންވެސް ބައެއް ބާވަތްތައް ލިބެމުން ދެއެވެ. މިސްކޯއިން ބޭނުން ވަނީ މި ދަނޑިވަޅުގައި މޮސްކޯގެ މުދާ ގަންނާނެ ބާޒާރެކެވެ.
ޗައިނާގެ ފަރާތުން އިންޑިއާއިން ބޭނުން ވަނީ ހިމާލިޔާގައި އިންޑިއާ ސިފައިންނާ ކުރިމަތިލައިގެން ތިބި ޗައިނާ ސިފައިން ފަހަތަށް ޖެހޭށެވެ.
އެމެރިކާއާއި ހުޅަނގުގެ ބައިވެރިންގެ ފަރާތުން އިންޑިއާއިން ބޭނުންވާ ކަމަކީ، ރަޝިޔާގެ އސްކަރީ ސަޕްލައިއަށް އިންޑިއާއިން ބަރޯސާވާ މިންވަރު ކުޑަ ކުރުމަށް ހުލަނގުގެ މިލިޓަރީ ޓެކްނޮލޮޖޯ އިންޑިއާއަށް ލިބި މޮސްކޯއަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމެވެ.
އެމެރިކާއިން ރަޝިޔާއާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގައި އިންޑިއާއިން ސާފުކޮށް ބައިވެރި ނުވުމުން އެމެރިކާ ރައީސް ވިދާޅުވީ އިންޑިއާގެ ގޮތްނޭނގޭ ކަމެވެ. ނަމަވެސް ފަހުން އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުން ވަނީ އިންޑިއާއިން ގެންގުޅޭ ސިޔާސަތުގެ ނާޒުކުކަން އިހުސާސް ކުރެވޭކަމަށް ވިދާޅުވެފައެވެ.
އެމެރިކާގެ މަސްއޫލުވެރިން ޤަބޫލުކުރައްވާ ގޮތުގައި ރަޝިޔާގެ ތެޔޮ އިންޑިއާއިން ގަތުމަކީ މިހާރު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފު އަމަލެއް ނޫނެވެ. އިންޑިއާއިން ރަޝިޔާގެ ހަތިޔާރަށް ބަރޯސާވާ މިންވަރަކީ ކުޑަ މިންވަރެއް ނޫންކަމަށް ވިދާޅުވެ އެމެރިކާގެ އަންޑަރ ސެކްރެޓަރީ އޮފް ސްޓޭޓް ވިކްޓޯރިއާ ނުލޭންޑް ވިދާޅުވީ މައްސަލައަކީ އެމެރިކާ ކަމަށެވެ. ފިނި ހަނގުރާމައިގެ ދުވަސްވަރު އިންޑިއާއަށް ޒަމާނީ ހަތިޔާރު ސަޕްލައި ކުރުމަށް އެމެރިކާއިން ނުކުޅެދިފައިވާ ކަމީ އެމެރިކާގެ މައްސަލައެއް ކަމުގައި ނުލެންޑް ވިދާޅުވިއެވެ.
މިދިޔަ ހަފްތާގައި ނިއުދިއްލީއަށް ކުރެއްވި ދަތުރުފުޅުގައި އެކަމަނާ ވިދާޅުވީ، ވޮޝިންޓަން މިހާރު އޮތީ ފިނި ހަނގުރާމައިގެ މިއޮޅުންގަނޑު އިސްލާހު ކުރަން ތައްޔާރަށް ކަމަށެވެ. އަދި މިއަހަރު ނޮވެމްބަރު މަހު އެމެރިކާއާއި އިންޑިއާގެ ޚާރިޖީ އަދި ދިފާއީ ވަޒީރުންގެ ބައްދަލުވުން އޮންނަ އިރު މި ކަމަށް ބެލޭނެ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންގެ އަސްކަރީ ނާކާމިޔާބީއާއި، ރަޝިޔާއާ ދެކޮޅަށް ހުޅަނގުގެ އެއްބައިވަންތަކަން އާދަޔާ ޚިލާފަށް ބޮޑުވެގެން ދިއުމުން، ބެއިޖިންގއާއި މޮސްކޯ ވަނީ އެއްބަޔަކު އަނެއްބަޔަކާ އިތުރަށް ގާތްވެ ގުޅުން ބަދަހި ވެފައެވެ. މި ދެ ގައުމުން ދަނީ ހުޅަނގު ނޫން ގައުމުތަކުން އެމީހުންނާ އިއްތިހާދުވާނެ ބައިވެރިން ހޯދުމަށްވެސް މަސައްކަތް ކުރަމުންނެވެ. އިންޑިއާ އޮތީ މި ދެގައުމުންވެސް އަމާޒު ކުރާ ލިސްޓްގެ އެންމެ ކުރީގައެވެ.
މި ކަން އެނގޭ ކަމަކީ، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޗައިނާއާއި އިންޑިއާ އެއް ބަޔަކު އަނެއް ބަޔަކަށް އެއްބާރުލުމަށް އެދިވަޑައިގެން ވާހަކަ ދެއްކެވުމެވެ. ވަންގް ވަނީ 2022 ވަނަ އަހަރު ޗައިނާއިން ބްރިކްސް ސަމިޓަށް ތައްޔާރުވާތީ ސަމިޓްގައި އިންޑިއާގެ ބޮޑު ވަޒީރު ބައިވެރިވެ ވަޑައި ގަތުމަށް އެދެމުންނެވެ. އަދި ވަންގް ގެންދަވަނީ ބްރިކްސް އާއި ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން ޕްރޮމޯޓް ކުރައްވަމުންނެވެ. މިއީ ހުޅަނުގުގެ ގައުމުތައް ބައިވެރި ނުވާ ތިންވަނަ ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ޖަމާއަތްތަކެވެ.
އެހެންނަމަވެސް، ބެއިޖިންއާއި، ޗައިނާގެ ޖޫނިއަރ ޕާޓްނަރ މޮސްކޯ އިސްވެ އޮވެ އުފައްދާ އާ ކޯލިޝަނެއްގެ ތެރެއަށް ފުންމާލަން ނިއުދިއްލީ އޮތީ ތައްޔާރަކަށް ނޫނެވެ. އިންޑިއާއިން އެންމެ ބޮޑަށް ކަންބޮޑުވާ ކަމަކީ، ހިމާލިއާ ފަރުބަދަމަތީ ސަރަހައްދުގައި ޗައިނާއާއެކު ކުރަމުންދާ ދަށް ފެންވަރުގެ ސަރަހައްދު މަތީ ހަނގުރާމަ ނިމުމަކަށް ގެނައުމެވެ.
މިކަމަކީ އިންޑިއާއަށް ވަރަށް އިސް ކަމަކަށް ވާއިރު ބެއިޖިންއިން އަދިވެސް މިކަމަށް ސީރިއަސް ކޮށް އިޖާބަ ދީފައެއް ނުވެއެވެ.