ރައީސް އިބްރާހިމް މުހައްމަދު ސާލިހް އައްޑޫ ސިޓީއަށް ކޮށްދެއްވަން ވަޢުދުވެ ވަޑައިގެންފައިވާ ކަންކަން ރަނުންރަނަށް ފުއްދަވައި ދެއްވާނެ ކަމަށް އައްޑޫ ސިޓީގެ ޑެޕިޔުޓީ މޭޔަރު މުޙައްމަދު ޔަސްރިފް ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރަށް 2 އަހަރު ފުރުމާ ގުޅިގެން ހަލި ނިއުސް އަށް ދެއްވި ޚާއްސަ އިންޓަވިއު އެއްގައި ޔަސްރިފް ވިދާޅުވީ އައްޑޫ ވައުދުނާމާ ރަނުން ރަނަށް ފުއްދަވާނެ ކަމަށާއި ރައްޔިތުން ކޮށްދެއްވަންވީ ކަމަކީ ސަރުކާރަށް އިތުބާރު ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޑެޕިއުޓީ މޭޔަރ ވިދާޅިވިގޮތުގައި، އައްޑޫ ވައުދުނާމާ ތަންފިޒުކޮށްދެއްވާނެ ކަމުގެ ޔަޤީން ކަން ރައީސުލް ޖުމުހޫރިއްޔާ 2018 ވަނަ އަހަރު ނޮވެމްބަރ މަހުގެ 18 ވަނަ ދުވަހު ދެއްވާފައިވާ ކަމަށެވެ. އެ ޔަގީންކަން ދެއްވީ އައްޑޫގެ ކައުންސިލަރުންނާއި އައްޑޫގެ އޭރުގެ މަޖިލިސް މެމްބަރުންނާއެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ.
ބައެއް މަސައްކަތްތައް ފެށިފައި
ޔަސްރިފް ވިދާޅުވީ ރައީސް އޮފީހާއި، މިނިސްޓްރީ ތަކާއި އައްޑޫ ސިޓީ ކައުންސިލާ އެކު ކުރެވުނު ގިނަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އައްޑޫ ތަރައްޤީގެ ގިނަ މަޝްރޫއު ތަކަށް ފައިސާ ހަމަޖެހިފައިވާ ކަމަށެވެ. އޭގެ އިތުރުން ބައެއް މަސައްކަތްތަކުގެ ޑިޒައިން ފޭސް ކުރިޔަށްދާ ކަމަށް ވެސް ވިދާޅުވިއެވެ. އެހެން ކަމުން ސަރުކާރުގެ ބަޖެޓުން ހަރަދު ކޮށްގެން އައްޑޫ ގެ މުހިއްމު ގިނަ މަޝްރޫއު ތަކެއް ފަށައިގަނެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް ފަށައިގަތުމަށް ސަރުކާރުން ބޮޑެތި ހަރަދު ތަކެއް ކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން މީދޫ އަދި މަރަދޫ ފޭދޫ ބަނދަރު މަސައްކަތް ނިމުމަކާ ގާތަށް ގޮސްފައިވެއެވެ. އަދި މަރަދޫ ބަނދަރަށް ބޮޑެތި ބަދަލު ތަކެއް ގެނައުމަށް ވޭރިއޭޝަނުގެ ގޮތުގައި ސަރުކާރުން ބޮޑެތި މަސައްކަތް ތަކެއް ކުރެވި ބަނދަރުގެ މަސައްކަތް މިހާރުވަނީ ނިމުމަކާ ހަމައަށް އައިސްފައެވެ. ހުޅުދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީ އިން ވަނީ ފަށައިފައެވެ. އަދި މީދޫގެ ހުޅަނގު އުތުރު ފަރާތު ގިރާ ސަރަހައްދު ޖިއޯ ބޭގްސް ޖައްސައި ހިމާޔަތް ކުރުމުގެ މަސައްކަތް މިވަގުތު އެމްޓީސިސީއާ ވަނީ ހަވާލު ކުރެވިފައި ކަމަށް ވެސް ޔަސްރިފް ވިދާޅުވިއެވެ.
ހުޅުމީދޫ ގެ ދަރިވަރުންނަށް އޯލެވެލް އަދި އޭލެވެލް އަށް ކިޔަވައިދިނުމަށް މިވަގުތު އޮތް ކިލާސް ރޫމްގެ ދަތިކަން ހައްލު ކުރުމުގެ ގޮތުން އާކިލާސް ރޫމް އިމާރާތުގެ މަސައްކަތް ބާރު ސުޕީޑްގައި ކުރިޔަށް ދާއިރު އައްޑޫ ހައިސުކޫލްގެ މަލްޓި ޕާޕަސް ހޯލުގެ މަސައްކަތް ނިމިފައިވާ ކަމަށް ވެސް ޑެޕިޔުޓީ މޭޔަރު ވިދާޅުވިއެވެ. މަރަދޫ ސުކޫލްގެ އާ އިމާރާތާއި، އިރުޝާދީއްޔާ ސުކޫލްގެ އިމާރާތުގެ މަސައްކަތްވެސް ކުރިޔަށް ދާކަމުގައި އޭނާ ވިދާޅުވިއެވެ.
ބިން ހިއްކުން
އައްޑޫ ރައްޔަތުން އެދޭގޮތަށް އައްޑޫގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫއެއް އިންޑިއަން އެގުޒިމް ބޭންކް ޕުރޮޖެކްޓުގެ ތެރެއިން ފައިސާ ހަމަޖެހި ބިން ހިއްކުމަށް ބޭނުންވާ ޕުރިލިމިނަރީ ސާރވޭ އެލް އެންޑް ޓީ ނަމަކަށް ކިޔާ އިންޑިއާ ކުންފުންޏަކާ ހަވާލު ކޮށް ނިންމައި އެ ރިޕޯޓަށް ބިނާކޮށް މިވަގުތު ވަނީ ކޮންޓްރެކްޓަސް ހޯދުމަށް އިއުލާން ކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި ޕްރޮޖެކްޓް ތެރޭގައި ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ، ހުޅުދޫ އަދި މީދޫގެ ބިން ހިއްކުމުގެ އިތުރަށް ހިތަދޫ ފަޅުތެރެއިން ރިސޯޓް ހެދުމަށް 2 ރަށް މީދޫ ބޭރުން 1 ރަށް އަދި ހުޅުދޫ ފަޅުތެރެއިން 2 ރަށް ހެދިގެންދާނެއެވެ. އަދި އިންޓަނޭޝަނަލް ސީ ޕޯޓުގެ ދެކުނުން ލިންކް ރޯޑުގެ އިރުމަތީ ފަރާތުން ގައުކެނޑިއާ ހަމަޔަށް ބީޗް ހެދުމަށް ބިން ހިއްކުމަށް ހަމަ ޖެހިފައިވެއެވެ.
ފެންބޮޑުވުން
އައްޑު އަށް ވާރޭވެހިލާއިރަށް ފެންބޮޑުވެ ރައްޔަތުންނަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށް ސުޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމް އައްޑޫގެ ހުރިހާ ރަށެއްގައި ޤާއިމުކޮށް ހުރިހާ ބޮޑެތި މަގުތައް ތާރު އަޅައިގެން ހެދުމުގެ ޕުރޮޖެކްޓް ދެބަޔަކަށް ބަހާލައިގެން ކުރިޔަށްދާ ކަމަށް ވެސް ޑެޕިޔުޓީ މޭޔަރު ވިދާޅުވިއެވެ. ފުރަތަމަ ބައިގައި 18 އައު މަގަކާއި، ފޭދޫ، މަރަދޫ، މަރަދޫފޭދޫގެ ބޮޑުމަގު ރީސާފޭސް ކުރުމާއި ފޭދޫ ރަށްދެބައިމަގުގައި ތާރު އަޅައިގެން ހެދުމަށް އިންޑިއާގެ ޖީކޭޑީ ކިޔާ ކުންފަޏަކާ ހަވާލު ކުރެވި އެފަރާތުން މެޝިނަރީސް އަދި މެޓީރިއަލްސް ގެނެވި މަސައްކަތް ވަނީ ފަށައިފައި ކަމަށް ވެސް ޔަސްރިފް ވިދާޅުވިއެވެ. ދެން އޮތީ އެގުޒިމް ބޭންކުގެ ލައިން އޮފް ކުރެޑިޓްގެ ތެރެއިން އައްޑޫގައި މީހުން ދިރިއުޅޭ ސަރަހައްދުގެ ބާކީހުރި ހުރިހާ މަގެއް ތާރު އަޅައިގެން ހެދުމެވެ. މި ޕްރޮޖެކްޓުގެ ތެރޭގައި، ގައުކެނޑި ތެރެއިން މިހާރު އޮތް ދެލޭން ލިންކުރޯޑް ޑައިވާރޓް ކުރެވި، ހަތަރު ލޭން މަގެއް، ދެ ބުރިޖް ސެކްޝަނާއި އެކު ހަންކެޑެ ފުއްޓަރުން ގޮސް މަރަދޫ އަށް ދެވޭގޮތަށް ހެދުން ހިމެނިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި ޕްރޮޖެކްޓް ނިމޭއިރު އައްޑޫގެ މަގުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރެވި ސާރވެއިލެންސް ކަންކަން އިތުރަށް ފުރިހަމަ ވެގެންދާނެއެވެ.
ކުނި މެނޭޖުކުރުން
އައްޑޫ ގައި ޤާއިމުކުރާ ދެކުނު ސަރަހައްދީ ކުނި މެނޭޖް ކުރުމުގެ ނިޒާމްގެ މަސައްކަތް ކޮރެއާ ކުންފުންޏަކާއި ހަވާކުރެވި 1 މެގަވޯޓުގެ ވޭސްޓު ޓު އެނާރޖީ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފަށައިގަތުމަށްޓަކައި، އާރުއޭއެފް ސަރަހައްދުން ވޭސްޓް މެނޭޖްމަންޓް ފެސިލިޓީ ޤާއިމު ކުރުމަށް ދީފައިވާ ބިމުގައި ހުރި ތަކެތި ނަގައި ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް އެންވައަރަމެންޓުން ވަނީ އިއުލާން ކުރައްވާފައެވެ.
އެއާޕޯޓާއި ސީޕޯޓު
އައްޑޫ އިންޓަނޭޝަނަލް އެއަރޕޯރޓާއި ސީ ޕޯޓް ގެ ތަރައްޤީ އަށް ބޭނުންވާ ފައިނޭންސް ސަރުކާރުން މިވަގުތު ވަނީ ހަމަޖައްސަވައިފައެވެ. އަދި ދެ ކުންފުނިން ހުށަހެޅުއްވި ޕްރޮޖެކްޓަށް ވަނީ އާބަސް ވިދާޅުވެފައެވެ. އަދި ދެ ޕްރޮޖެކްޓަށް ވެސް ފައިސާ ހަމަޖެހި މަސައްކަތް ފެށުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ޑެޕިޔުޓީ މޭޔަރު ވިދާޅުވިއެވެ.
ހައުސިން
ރައީސް ނަޝީދުގެ ސަރުކާރުން އައްޑޫގައި އެޅުމަށް ނިންމި ހައުސިންގ ޔުނިޓް ތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ރައީސް ޔާމީނުގެ ސަރުކާރުން މާލެ ބަދަލު ކުރުމަށްފަހު ހިތަދޫ 264 އަދި ހުޅުމީދޫގައި އިމާރާތް ކުރި 46 ހައުސިންގ ޔުނިޓުސް ނިމިފައި ހުއްޓަސް ފުލެޓު ހައްގުވާ ފަރާތްތަކާ ހަވާލު ނުކޮށް ގިނަ ދުވަސް ވެފައި ވުމުގެ ސަބަބުން މި ސަރުކާރުން ފުލެޓްތައް ހަވާލު ކުރުމުގެ ކުރިން ކުރަންޖެހުނު މަރާމާތަށް އެތަކެއް ބޮޑު ހަރަދު ކުރަން ޖެހިފައިވާ ކަމަށް ވެސް ޔަސްރިފް ވިދާޅުވިއެވެ. އަދި ފުލެޓް ސަރަހައްދުގެ ލޭންޑް ސްކޭޕިންގ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލު ކޮށް އެ ކުންފުނިން މިހާރު ވަނީ ސާމާނާއެކު ހިތަދޫ އަށް އައިސް މަސައްކަތް ފަށައިފައެވެ.
ފުޓުބޯޅަ ދަނޑުތައް
އައްޑޫ ފޭދޫ ގެ ފުޓްބޯޅަ ދަނޑު ފޭދޫ ހިއްކި ބިމުގައި މުޅިން އަލަށް ސަބްބޭސް ތައްޔާރު ކޮށް ވިނަ ޓާރފް އެޅުމުގެ މަސައްކަތް ޔޫތު މިނިސްޓުރީއިން އަމިން ކޮންސްޓުރަކުޝަން އާއި ހަވާލު ކޮށް މިހާރު ވަނީ ޓާރފް އެޅުމުގެ މަސައްކަތް ނިންމާފައެވެ. އަދި ފޭދޫ މިދެންނެވި ދަނޑުގެ ވަށައި ފެންސް ޖެހުމުގެ މަސައްކަތުގެ ޕްރޮޖެކްޓް ކައުންސިލް އިން އިއުލާން ކޮށް މިވަގުތު ކުންފުންޏްޏެއް އައްޔަން ކުރެވިފައެވެ. ހިތަދޫ ސުކޫލް ކުރިމަތީގައި ހަދާ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކުރެވި، ޑުރެއިނޭޖް ހަދައި ނިމިފައިވާ އިރު ޓާރފް އެޅުމުގެ މަސައްކަތް ކުރިޔަށްއޮތް މަދު ދުވަސް ތަކެއްގެ ތެރޭގައި ނިމޭނެ ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރަށް އިންޓަނޭޝަނަލް ފެންވަރުގެ ބެޑްމިންޓަން އެރީނާ އެއް މިދިޔަ އަހަރު ސަރުކާރުން ވަނީ އައްޑޫ ކައުންސިލާ ގުޅިގެން އައްޑޫގައި އިމާރާތް ކުރައްވާފައެވެ.
މަސްތުވާ ތަކެތީގެ ވަބާ
އައްޑޫގެ ރައްޔިތުންގެ ތެރެއިން މަސްތުވާތަކެތީގެ ވަބާގައި ޖެހި ފަރުވާއަށް ބޭނުންވެ އަނބުރާ މުޖުތަމައަށް ނިކުންނަން ބޭނުންވާ ރައްޔިތުންނަށް ފަރުވާދިނުމަށް ހަދާ ޑުރަގް ރީހެބިލިޓޭޝަން ސެންޓަރ ހެދުމަށް ވަނީ ފައިސާ ހަމަޖެހިފައެވެ. ކައުންސިލް އިންވަނީ ހުޅުމީދޫގައި ޑުރަގް ރީހެބިލިޓޭޝަން ސެންޓަރ އެޅުމަށް ބިން ހަމަޖައްސަވައި ބިމުގެ ރަޖިސްޓްރީ ނެޝަނަލް ޑުރަގް އެޖެންސީއަށް ދެއްވާފައެވެ. ޑުރަގް ރީހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތަށް ކޮންޓުރެކްޓަރ އާއި އެކު ސޮއި ކުރެވި ދާދި އަވަހަށް މަސައްކަތް ފެށިގެންދާނެއެވެ. މީގެ އިތުރަށް އައްޑޫގައި އެކި އެކި ސަބަބުތަކާއި ހުރެ އަޅާލުން ބޭނުންވާ ކުޑަ ކުދީންނަށް ހާއްސަ ސޭފް ހޯމް އެއް އެޅުމަށާއި އުމުރުން ދުވަސްވެފައިވާ ފަރާތްތަކަށް ހާއްސަ އެލްޑަރލީ ހޯމް އެއް އެޅުމަށް ޖެންޑަރ މިނިސްޓްރީ އިން އެދިގެން ބިން ހަމަ ޖައްސައިދީފައި ވެއެވެ. "އިރާދަ ކުރެއްވީއްޔާ 2021 ވަނަ އަހަރު އަމަލީ މަސައްކަތް ފެށިގެންދާނެ،" ޔަސްރިފް ވިދާޅުވިއެވެ.
ޓޫރިޒަމް
"އައްޑޫ ރައްޔިތުންނަށް ބޭނުންވާ ވަޒީފާގެ ފުރުސަތު އިތުރު ކުރުމަށްޓަކައި، 400 ޓޫރިސްޓް ގެސްޓް ހައުސް ނުވަތަ ސިޓީ ހޮޓާ އެޅުމަށް މިހާރު ވަނީ އިއުލާން ކުރެވިފައި. ޓުވަރިޒަމް ޒޯންތަކުގެ ޕްލޮޓްތައް ކާމިޔާބު ކުރާފަރާތްތަކަށް އަވަހަށް ފަސޭހައިން މަސައްކަތް ފަށައިގަތުމަށް އެހީތެރިކަމެއް ދިނުމުގެ ބޭނުމުގައި އައްޑޫގެ ޓުވަރިޒަމް ފަސް ޒޯންގެ ލޭންޑް ސްކޭޕިންގ މަސައްކަތަށް އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި މިވަގުތު ކޮންޓްރެކްޓްގައި ސޮއިކުރެވި މަސައްކަތް ފަށައިގަތުމަށް އެވަނީ ތައްޔާރުވެފައި،" އޭނާ ވިދާޅުވިއެވެ. "މީގެ އިތުރަށް އައްޑޫގައި ގޭދޮށު ތިން މަސްޕުލާންޓް އެޅުމަށް އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މިހާރު ވަނީ 3 ފަރާތަކާ ހަވާލު ކުރެވިފައި. މިގޮތުން ހިތަދޫ، މަރަދޫ އަދި ހުޅުމީދޫގައި ފެކްޓަރީ އެޅުމަށް މިވަގުތު ކޮންޓުރެކްޓަރ ދަނީ ޑީޓެއިލް ޑިޒައިނިންގ މަސައްކަތް ކުރަމުން،" ޔަސްރިފް ވިދާޅުވިއެވެ.
އައްޑޫ ހަންކެޑެ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް އަބަދުވެސް އޮތް ހުރަހެއް ކަމުގައި ގިނަބަޔަކު ބުނަމުން ދިޔަ ލިންކުރޯޑް ހަންކެޑެ ބޭރުން ހުޅަނގަށް ބަދަލު ކޮށް ބުރިޖާއި ކޯޒްވޭ ތަކާއި އެކު އަލުން ހެދުމަށް ޕްރޮޖެކްޓް ހަދައި، ޑިޒައިންކޮށް މިވަގުތު އޮތީ ކޮންޓުރެކްޓަރ އައްޔަން ކުރާހިސާބުގައި ކަމުގައި ވެސް ޔަސްރިފް ވިދާޅުވިއެވެ. ހަންކެޑެ ހިމެނޭ ގޮތަށް ފަޅުން ބިން ހިއްކައިގެން ހެދޭ ފަސްރަށް ތަރައްޤީ ކުރެވި، މިވަގުތު އިއުލާން ކުރެވިފައިވާ 4000 ގެސްޓް ހައުސް އެނދު އެޅި އައްޑޫގައި ހެދިފައިވާ ތިން ރިސޯޓާއި އީކުއޭޓަރ ވިލެޖާއި އެހެނިހެން ގެސްޓް ހައުސް ތަކާއި އެކު އައްޑޫ އިންޓަނޭޝަނަލް އެއަރ އެއަރޕޯޓް ރަނގަޅަށް ހިނގައިގަނެ އައްޑޫގައި ރަނގަޅު އިގްތިސާދެއް އުފެދި އައްޑޫ ގައި ގިނަ ގުނަ ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ނިންމުން
ނިމިގެން މިދާ 2020 ވަނަ އަހަރު ނިމިގެން މިދަނީ ކޮރޯނާ ވައިރަސްގެ ބިރުވެރި ކަމުގެތެރޭގައެވެ. އެހެން ކަމުން އުއްމީދު ކުރި މިންވަރަށް ބާރަށް މަސައްކަތްތައް ކުރިއަށްނުދިޔަ ކަމުގައިވިޔަސް 2021 ވަނަ އަހަރަކީ އައްޑޫ ރައްޔިތުންނަށް އުފާވެރި ފާގަތި އަހަރެއްކަމުގައި ވާނެކަމާ މެދު "އަޅުގަނޑުގެ ކުޑަވެސް ޝައްކެއްނެތް،" ކަމަށް ޔަސްރިފް ވިދާޅުވިއެވެ. "އަޅުގަނޑުގެ އިލްތިމާސް އަކީ އައްޑޫ ރައްޔަތުން ރައީސުލް ޖުމުހޫރިއްޔާ އަށް އަދި ސަރުކާރަށް އިތުބާރު ކޮށްދެއްވުން،" އޭނާ ވިދާޅުވިއެވެ.