އއ. މާޅޮސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލަ މަސައްކަތްކުރާ ސަރަހައްދަށް ގެންގޮސްފިއެވެ. އެމްޓީސީސީން ވިދާޅުވީ މިއީ އެތަނަށް ގެނެވުނު ބޮޑު ހިލައިގެ ދެވަނަޝިޕްމެންޓް ކަމަށެވެ. މި ޝިޕްމެންޓް އެ ސަރަހައްދަށް ގެންގޮސްފައިވަނީ މާރިޗުމަހު 31 ވަނަދުވަހުއެވެ.

އެރަށު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރުވަނީ ބަނދަރު ފުންކުރުމުގެ މަސައްކަތް ނިމިފައި ކަމަށް މަސައްކަތްކުރާ އެމްޓީސީސީން ވިދާޅުވެފައިވެއެވެ. ބަދަރު ހެދުމަށް ފުންކޮށްފައިވަނީ 24،335 ކިއުބިކް މީޓަރެވެ. މީގެ އިތުރުން 394 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 100 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 56 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 1970 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ. އަދި ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ. މި މަޝްރޫޢަކީ 56.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.