ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ވަނީ ބުރާސްފަތި ދުވަހު ފަލަސްތީނު މީހުންނާ ދެކޮޅަށް ހަމަލަތަކެއް ދީފިއެވެ. އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ޖެނީންއާއި، ޖެނީންގެ ރެފިއުޖީ ކޭމްޕަށް ވަދެ ދެ ޒުވާނަކު މަރާލައި، 15 މީހަކު ޒަޚަމް ކޮށްފައި ވެއެވެ. އަދި ޔަހޫދީ ވަޒަންވެރިއަކަށް ވަޅިން ހަމަލަ ދިން އެހެން ޒުވާނަކުވެސް މަރާލާފައިވާ ކަން އިޒްރޭލު ސިފައިން ވަނީ ކަށަވަރު ކޮށްދީފައެވެ. މިއާއެކު އިރުމަތީ ޤުދުސްގެ މަސްރަހުވެސް ވަނީ ހޫނުވެފައެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ޖެނީންގައި ޝަހީދުކޮށްފައި ވަނީ އުމުރުން 17 އަހަރާއި 23 އަހަރުގެ ދެ ޒުވާނުން ކަމަށެވެ. މި ދެމީހުން ޝަހީދުވީ އިޒްރޭލު ސިފައިންނާ ދެމެދު ބަދަލު ކުރެވުނު ބަޑީގެ ހަމަލާގައެވެ. އަދި އިތުރު 15 މީހަކަށް އަނިޔާވެ ފަރުވާ ދިން ކަމަށާއި، އިޒްރޭލު ސިފައިން ޖެނީން ހޮސްޕިޓަލް ކައިރީގައި ތިބި މީހުންނަށް ކަރުނަ ގޭސް ޖަހާފައިވާ ކަމަށެވެ.

ޖެނީންގައި ހުންނަ އަލްޖަޒީރާގެ ކޮރެސްޕޮންޑެންޓް ބުނި ގޮތުގައި އިޒްރޭލު ސިފައިންގެ ތެރޭގައި ހިމެނޭ އަރަބިންގެ ސްޕެޝަލް ފޯސަސްގެ އެއް މެމްބަރަކު ހަމަލާތަކުގައި ޒަޚަމްވެގެން ފަރުވާ ދީފައިވާކަން އިޒްރޭލު ސިފައިން ވަނީ ކަށަވަރުކޮށްދީފައެވެ.

އަލްޖަޒީރާއިން ރިޕޯޓް ކުރިގޮތުގައި ޖެނީންގެ އިރުމަތީ އަވަށްތަކަށާއި، އެއަވަށުގެ ރެފިއުޖީ ކޭމްޕަށް އަމާޒުކޮށް ދިން ހަމަލާގައި އިޒްރޭލު މީހުންނާ ފަލަސްތީނު މީހުންނާ ދެމެދު ބަޑީގެ ހަމަލާތައް ބަދަލު ކުރެވުނު ކަމަށާއި ފަލަސްތީނު މީހުން އިޒްރޭލު ސިފައިން ރެފިއުޖީ ކޭމްޕަށް ވަދެ ނުދީ ހިފަހައްޓާލި ކަމަށެވެ.

އިޒްރޭލު ސިފައިން ޖެނީނަށް ހަމަލަދިނީ ފަލަސްތީނުގެ ސުހައިބް މެރްހީ ހައްޔަރު ކުރުމަށް މަސައްކަތް ކުރުމުގެ ތެރޭގައެވެ. އޭނާއަކީ، އިޒްރޭލު ސިފައިންނާއި ޔަހޫދީ ވަޒަންވެރިން މަރާލި އަންގާރަ ދުވަހުގެ ބަނީ ބަރަކް ހާދިސާގައި ހަމަލަ ދިން ފަލަސްތީނުގެ ޒުވާނާ ޟިޔާ ހަމާރިޝާގެ މައްސަލަ ތަހްގީގު ކުރުމުގައި ތުހުމަތު ކުރެވޭ މީހެއް ކަމަށް އިޒްރޭލުން ބުނެއެވެ.