އިސްރާއީލާ ރަސްމީ މުއާމަލާތްތައް ފަށަން ފަލަސްތީނު ސަރުކާރުން ނިންމައިފިއެވެ.
ފަލަސްތީނުން އިސްރާއީލާއެކު އެކި ކަންކަމުގައި ކުރިން ކުރަމުންދިޔަ މުއާމަލާތްތައް ހުއްޓާލީ، މިދިޔަ އަހަރުގެ މެއިމަހުގެ ތެރޭގައެވެ.
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އެ ފިޔަވަޅު އެޅުއްވީ، އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އިތުރު ބިންތަކެއް އިސްރާއީލުގެ އަމިއްލަ ބިންތަކެއްގެ ގޮތުގައި ހެދުމަށް އިސްރާއީލުން ޕްލޭންކުރުމާ ގުޅިގެންނެވެ.
ފަލަސްތީނު ސަރުކާރުގެ ސިވިލް އެފެއަރޒް މިނިސްޓަރ ހުސައިން އަލް-ޝައިޚް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ސިޓީބިޓީ ބަދަލުކުރުމާއި ސީދާ މުއާމަލާތް ކުރުމަށް އިސްރާއީލު ސަރުކާރާއި ފަލަސްތީނު ސަރުކާރާ ދެމެދު އޮތް ގުޅުން ކުރިން އޮތްގޮތަށް ރުޖޫއަކުރަން ނިންމާފައިވާ ކަމަށެވެ.
މާނައަކީ، އިސްރާއީލާއި ފަލަސްތީނާ ދެމެދު އެކި ކަންކަމުގައި ކުރިން ވެފައިވާ އެއްބަސްވުންތަކަށް ފަލަސްތީނު އެނބުރި އައުމެވެ.
އިސްރާއީލާއެކު ގުޅުންތައް ކުރިން އޮތް ހާލަތަށް އެނބުރި ދިއުމަށް ފަލަސްތީނު ސަރުކާރުން ނިންމި މިދަނޑިވަޅަކީ، ފަލަސްތީނުގެ ބޮޑެތި ހުރިހާ ޖަމާއަތްތައް އެގަލަކަށް އަރުވައި، ސުލްހަކުރުމަށް ފަލަސްތީނު ސަރުކާރުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެވެ.
ޖަމާއަތްތައް އެގަލަކަށް އަރުވަނީ ފަލަސްތީނުގެ ރިޔާސީ އިންތިޚާބާއި، ޕާލަމެންޓް އިންތިޚާބު ބޭއްވުމަށް މަގުފަހިކުރުމުގެ ގޮތުންވެސް މެއެވެ.
ނަމަވެސް، އިސްރާއީލާއެކު ކުރިން އޮތް ގުޅުމަށް އެނބުރި ދިއުމަށް ފަލަސްތީނު ސަރުކާރުން ނިންމުމުން، މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް މުހައްލިލުން ވިދާޅުވެއެވެ. ސަބަބަކީ، ޚާއްސަކޮށް ހަމާސް ޖަމާއަތަކީ އިސްރާއީލު ވަރަށް ރުޅިއަންނަ އަދި އިސްރާއީލު ދެކެ ވަރަށް ރުޅިއަރާ ޖަމާއަތަކަށް ވުމުންނެވެ.
ފަލަސްތީނު ސަރުކާރުގެ ނިންމުން މިހާރަށްވެސް ހަމާސް ޖަމާއަތުންވަނީ ކުށްވެރިކޮށްފައެވެ. ސަރުކާރުން ގުޅުންތައް ބާއްވަން ނިންމީ ފަލަސްތީނުގެ ބިންތައް އިސްތިއުމާރުކޮށްގެން އޮތް ބާރާ ކަމަށްވެސް ހަމާސްއިން ބުނެފައި ވެއެވެ.
އަދި ސަރުކާރުގެ ނިންމުމުގެ ސަބަބުން، ފަލަސްތީނުގެ ޖަމާއަތްތައް ސުލްހަކުރުމާއި، އިންތިޚާބުތައް ބޭއްވުމަކީ ދެން ދުރުގައި އޮތް ކަމެއް ކަމަށްވެސް ހަމާސްއިން ބުނެފައި ވެއެވެ.
އަނެއްކޮޅުން، ފަލަސްތީނު ސަރުކާރުން އިސްރާއީލާއެކު ކުރީގެ ގުޅުމަށް ދިއުމަށް ނިންމި މިވަގުތަކީ، ހިފާފައިވާ ހުޅަނގު އައްސޭރީގެ އިތުރު ބިންތަކެއްގައި ޔަހޫދީން ވަޒަންވެރި ކުރުމަށްޓަކައި އެ ބިންތަކުގައި އާބާދީތައް ހެދުމަށް އިސްރާއީލުން ބިޑަށް ހުޅުވާލާފައިވާ ވަގުތެއްގައެވެ.
އިސްރާއީލުން އާބާދީތައް ހެދުން ބިޑަށް ހުޅުވާލުމުން އެމެރިކާއިންވަނީ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ. އަދި އދއިން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ މަންދޫބުވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ހިފާފައިވާ ހުޅަނގު އައްސޭރީގެ ބައެއް ބިންތަކަށް އިސްރާއީލުން ވެރިވެފައި ވީނަމަވެސް، އެއިން އެއްވެސް ބިމަކީ އިސްރާއީލުގެ ބިންތަކެއްގެ ގޮތުގައި އދއާއި ބައިނަލްއަގްވާމީ މުޖުތަމައުވެސް ގަބޫލެއް ނުކުރެއެވެ.