އިޒްރޭލު މީޑިއާއިން އާންމުކުރި މައުލޫމާތުގައި ބުނަނީ، ޓެލްއަވީވަށް ޙަމަލަ ދިން އިރު ޟިޔާ ޙަމާރިޝާ )ފޮޓޯގައި( ދުއްވަމުން ދިޔައީ އިސްރާއީލުގެ އުޅަނދެއް ކަމަށާއި އޭނާ ބޭނުން ކުރީ އިޒްރޭލު ސިފައިން ބޭނުން ކުރާ ވައްތަރުގެ އެމް 16 ގެ މެޝިން ބަޑިއެއްކަމަށެވެ. ނަމަވެސް މިއީ އިޒްރޭލު ސިފައިންގެ ފަރާތުން ލިބިފައިވާ ބަޑިއެއް ނޫންކަމަށް އިޒްރޭލުން ބުނެއެވެ. އަދި ލަފާ ކުރެވެނީ މިއީ އުރުދުން އިން ނުވަރަ މިސްރުގައި ހަތިޔާރުގެ ވަގު ވިޔަފާރިކޮށް އުޅޭ ބައެއްގެ އަތުން ހޯދާފައިވާ ބަޑިއެއް ކަމަށެވެ.
ހަމާރިޝާ ވަނީ އޭނާ އޭނާގެ ރައިފަލް ހިފައިގެން ޓެލްއަވީވް ކައިރީގައި އޮންނަ ބަނީ ބަރާކް އަވަށުގައި ޔަހޫދީ ވަޒަންވެރިންނަށް ފަނަރަ ވަރަކަށް މިނެޓުގެ ތެރޭގައި ހުނަރުވެރިކަމާއެކު ހަލުއި ގޮތަކަށް ބަޑީގެ ހަމަލާތަކެއް ދީފައެވެ. އޭނާ ވަނީ އިޒްރޭލުން ނަގަބް ސަހަރާގައި ބޭއްވި އަރަބި ސަމިޓަށް ތައްޔާރު ވުމުގެ ގޮތޮން ހަދީރާ އާއި ނަގަބްގައި ބެހެއްޓި މަގު ހުރަސްތަކާއި ޗެކްޕޯސްޓްތައް ގިރާކޮށް އޭނާގެ އަމާޒަފަތްގަނޑަށް ފޯރާފައެވެ.
މި ހާދިސާގެ ކުރިން އަންގާރަ ދުވަހުގެ ހެނދުނު، އިޒްރޭލުން ވަނީ ސަމިޓަށް ވަޑައިގަތް އަރަބި ވެރިންގެ ސަލާމަތީ ފިޔަވަޅު ވަރުގަދަ ކޮށް ހުޅަނގު އައްސޭރިން އިޒްރޭލަށް ވަދެވެން އޮންނަ ހުރިހައި ސަރަހައްދެއް ބަންދުކޮށްފައެވެ. މި ހަމަލާ އައިސްފައިވަނީ އޭގެ ފަހުންނެވެ.
ޙަމާރިޝާއަކީ، ހުޅަނގު އައްސޭރީގެ އުތުރުގެ ސިޓީއެއް ކަމަށްވާ ޖެނީންގެ ދެކުނުގައި އޮންނަ ޔާދު ނަމަކަށް ކިޔާ އަވަށަކަށް 1995 ވަނަ އަހަރު އުފަންވި ފަލަސްތީނުގެ ޒުވާނެކެވެ. އިޒްރޭލުން ވަނީ 2016 ވަނަ އަހަރު އިސްރާއީލުގެ އިސްތިއުމާރީ ސިފައިންގެ ޖަލުތަކުގައި އޭނާ 30 މަސް ދުވަސްވަންދެން ބަންދުކޮށްގެން ގެންގުޅެފައެވެ. އޭނާ ޖަލަށްލީ ހަތިޔާރު ގެންގުޅުމާއި ހަތިޔާރުގެ ވިޔަފާރި ކުރުމުގެ ކުށުގައެވެ.
މިނިވަންވުމަށްފަހު، ރަނގަޅު މުސްތަޤްބަލެއް ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ޒުވާނެއްގެ ހައިސިއްޔަތުން ޟިޔާ ވަނީ އޭނާގެ ބައްޕައާއެކު ވަޒީފާ އަދާކޮށްފައެވެ. ހައި ސްކޫލް އިމްތިހާނުން ފާސްވުމަށް ފަހު، ޔުނިވަރސިޓީ ތަޢުލީމު ފުރިހަމަ ކުރުމަށް ރަޖިސްޓަރީ ކުރަމުން ދިޔަ ދުވަސްވަރަކީ އިޒްރޭލު ސިފައިން އޭނާ ހައްޔަރުކުރި ދުވަސްވަރެވެ. ނަމަވެސް އޭނާ އާމްދަނީ ހޯދަން ވަޒީފާއަށް ނުކުމުގެ ސަބަބުން އޭނާ އުނެގުނުމުން މަހުރޫމް ވާން ޖެހުނެވެ.
ޟިޔާ މަޝްހޫރުވެފައި ވަނީ އުންމީދު ބޮޑު ރަނގަޅު މުސްތަގްބަލަކަށް ހުވަފެން ދެކޭ އުފެދުމުގައި މަޑުމައިތިރިކަމާއި، މީހުންނާއެކު ފުޅާ ދާއިރާއެއްގައި ގުޅުން ބާއްވާ އިޖުތިމާއީ ޒުވާނެއްގެ ގޮތުގައެވެ.
އޭނާގެ ބައްޕަ އަހުމަދު ހަމަރްޝާ ކިޔައިދިން ގޮތުގައި ޟިޔާއަކީ ވިސްނުން ރަނގަޅު ޒުވާނެކެވެ. އަދި ދިރިއުޅުމަށް ޝައުގުވެރިވާ މަސައްކަތަށް ގަޔާވާ ޒުވާނެއް ކަމުގައެވެ. އޭނާގެ ބައްޕަ ބުނާ ގޮތުގައި ދެބަފައިން އެންމެފަހުން ބައްދަލުވީ އަންގާރަ ދުވަހުގެ މެންދުރު ކެއުމަށެވެ. އަދި އެއިރަކުވެސް ކުރިންވެސް އޭނާގެ ސިކުނޑީގައި ގެރިއްލާ ހަމަލައެއް ދިނުމުގެ ވިސްނުމެއް އޮތްކަމެއް އެނގިފައި ނުވާ ކަމަށެވެ.
އޭނާ އަކީ އަބަދުވެސް ލޯމަތިން ފެންނަން ހުންނަ ޒުވާނެއް ކަމަށާއި އޭނާގެ ކަންބޮޑުވުމަކީ އޭނާގެ މަސައްކަތާގެން ކުރިއަށް ގޮސް ކައިވެންޏަށް ތައްޔާރު ވުން ކަމަށް އޭނާގެ ބައްޕަ ކިޔައި ދިނެވެ.
އިސްރާއީލުގެ އެތައްބަޔަކު މަރާލައި ޒަޚަމްކޮށްލި އޮޕަރޭޝަން ހިންގީ އޭނާ ކަމަށް އިޒްރޭލުން އިއުލާން ކުރުމާއެކު ފަލަސްތީނުގެ އެކި ހިސާބުތަކުގައި މިސްކިތްތަކުގެ ތާޅަފިލިތަކުން އޭނާގެ ނަން ގޮވައި ސުއާކޮށްފައި ވެއެވެ.
އާންމުކޮށް މިފަދަ އޮޕަރޭޝަންތައް ހިންގުމަށް ފަހު އިޒްރޭލުން އަމަލު ކުރާ ބީދައިން އިޒްރޭލުން ވަނީ އާއިލާގެ ގެއަށް ފަތުހު ހަތަރެއް ޖެހި އިރު ހަމަލަ ދީފައެވެ. އަދި ގޭގައި އަންހެނުންނާއި ފިރިހެންނުން ވަކިކޮށްފައި ބޭތިއްބުމަށްފަހު ތަހުގީގު ހިންގާފައެވެ.
ޟިޔާގެ އާއިލާއަކީ ޕީއެލްއޯ/ ފަތަހަ ޖަމާއަތަށް ނިސްބަތްވާ އާއިލާއެކެވެ. ނަމަވެސް އިޒްރޭލުން ޟިޔާ ހައްޔަރުކޮށްގެން ޖަލަށް ލިއިރު އޭނާ ގެންގުޅެފައި ވަނީ އިސްލާމީ ޖިހާދުގެ ހަނގުރާމަވެރިންނާއެކު ގައެވެ. މިހާރު ލަފާ ކުރެވޭ ގޮތުގައި އޭނާގެ ސިކުނޑި ދޮވެފައިވަނީ ޖަލުގައެވެ.
އިޒްރޭލު ސިފއިން ވަނީ ތިން ފަންގިފިލާއަށް ހުންނަ މިގެ ތަޅާލުމަށް ތައްޔާރުކޮށް ގޭގެ އެކި ތަންތާގައި ލޯވަޅުތައް އަޅާފައެވެ. އަދި ގެ ތަޅާލަނީ ކީއްވެގެންތޯ އިޒްރޭލު ސިފައިންނާއި ބައްޕަ ސުއާލު ކުރުމުން ބުނެފައި ވަނީ ކަލޭ ދަރިން ތަރުބިއްޔަތު ކުރާ ގޮތް ފެނޭ ހެއްޔެވެ؟ ޖަވާބުގައި ކުދިންގެ ބައްޕަ ބުނފައި ވަނީ ފަލަސްތީނު މީހުން ބަންދުކޮށްގެން އެމީހުން ހިސާރުގައި ބައިތިއްބައިގެން އުޅޭނަމަ އިޒްރޭލަށް މިފަދަ ކަންކަމާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.