ޔޫކްރެއިންގެ މުސްލިމުންގެ ބައެއް ކަމުގައިވާ ކްރައިމިއާ އިސްލާމިކް ބެޓޭލިއަން އިން ވަނީ ޔޫކްރެއިންގެ ވެރިރަށް ކިއޭވްގެ ހުޅަނގުގައި އޮންނަ މުތީޖިން ނަމަކަށް ކިޔާ ވިލެޖްގެ ތެރޭގައި ތިބި ރަޝިއާގެ ހަނގުރާމަވެރިން ކިބައިން އެއަވަށް މިނިވަން ކޮށްފައިވާކަން އިއުލާނުކުރާ ވީޑިއޯއެއް އާންމުކޮށްފައެވެ.

ޔޫކްރެއިންގައި "ކްރިމިއަން އިސްލާމިކް ބެޓޭލިއަން" ގެ ނަން މަޝްހޫރުވާން ފަށާފައިވަނީ 2014 ވަނަ އަހަރު ރަޝިޔާއަށް ތާއީދުކުރާ ވިކްޓަރ ޔަނުކޮވިޗްގެ ވެރިކަމާ ދެކޮޅަށް ގެނައި އިންގިލާބަށް ފަހުއެވެ.

ކްރިމިއަން ތަތާރުން

ސޯވިއެޓް ޔޫނިއަންގެ ޒަމާނުގައި 1954ގައި ކްރައިމިއާ ޔޫކްރެއިންއާ ގުޅުނީ ސޯވިއެޓް ލީޑަރު ނިކިޓާ ޚުރުޝޭވް ކްރައިމިއާ ޔުކްރެއިންއާ ޙަވާލު ކުރުމުންނެވެ.

ސޯވިއެޓް ޔޫނިއަން 1991ގައި ރޫޅިގެން ދިއުމާއެކު ކްރައިމިއާ ވެގެން ދިޔައީ ޒާތީ މިނިވަންކަމެއް ލިބިފައިވާ ބައެއްގެ ގޮތުގައެވެ.

މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ކްރައިމިއާ އަކީ މުސްލިމު ތާތާރު ނަސްލުގެ މީހުންގެ ވަޒަނެކެވެ. މި ތާގައި ތަތާރުންގެ އާބާދީ އަކީ 12 ޕަސެންޓެވެ. އެއީ 243،000 މީހުންނެވެ.

ކްރައިމިއާގައި ރަޝިޔާ ދަރިކޮޅުގެ އާބާދީއަކީ ގާތްގަނޑަކަށް 58% އެވެ. ރަޝިޔާ ދަރިކޮޅުގެ އާބާދީއަކީ މި ސަރަޙައްދުގައި އޮތް އެންމެ ބޮޑު ނަސްލީ އާބާދީއެވެ.

2001 ވަނަ އަހަރުން ފެށިގެން ޔޫކްރެއިންގެ އެންމެ ފަހުގެ ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުން މި ސަރަޙައްދުގައި ޔޫކްރެއިން ދަރިކޮޅުގެ މީހުންގެ ނިސްބަތަކީ ގާތްގަނޑަކަށް %24 އެވެ.

ފެބްރުއަރީ 2014 ގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވިދާޅުވަނީ "ކްރައިމިއާ އަނބުރާ ރަޝިއާއަށް އައުމުގެ މަސައްކަތް ފަށަން ޖެހޭ" ކަމަށެވެ.

މާޗް 2014ގައި ރަޝިޔާއިން ކްރައިމިއާގެ ކޮންޓްރޯލް ނެގުމުގައި ކާމިޔާބު ހޯދައި ޔޫކްރެއިންގެ ދެކުނު އަދި އިރުމަތީ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ހަމަނުޖެހުންތައް ހިންގަން ފަހިކޮށް ދިނެވެ. އަދި މި ސަރަހައްދުގައި މޮސްކޯއަށް ވަފާތެރި ވެރިންގެ ވެރިކަމެއް އިންދިއެވެ.

މާޗް 16، 2014ގައި ރަޝިއާއަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ކްރައިމިއާ ޔޫކްރެއިން އިން ވަކިވެ މިނިވަންވިކަން އިއުލާން ކޮށްފައެވެ.

މާޗް 18، 2014ގައި ކްރައިމިއާ ރަޝިއާފެޑެރޭޝަނާ ގުޅިފައިވާ ކަމަށް މޮސްކޯއިން ރަސްމީކޮށް އިއުލާން ކުރިއެވެ.

ޔޫކްރެއިންގެ ސިފައިން ކްރައިމިއާ ދޫކޮށް ބޭރުވެގަތީ ކްރައިމިއާގެ ކޮންޓްރޯލް ރަޝިޔާގެ ބާރުގެ ދަށަށް ދިއުމުންނެވެ.

ޔުކްރެއިންގައި ރަޝިޔާއިން ހަނގުރާމަ އިއުލާން ކުރުމުން ކްރައިމިއާގެ ތަތާރު އިސްލާމިކް ބެޓޭލިއަން އާއި އެނޫންވެސް ރަޝިޔާއާ ދެކޮޅުވެރި އެތައް ބަޔަކު ރަޝިޔާއާ ދެކޮޅު ޙަރަކާތްތައް ފުޅާކުރަން ފެށިއެވެ. އެތައް ޤަރުނެއް ވަންދެން ކްރައިމިއާގައި ދިރިއުޅޭ އެންމެ ފާހަގަކޮށްލެވޭ ބައި މަދު ދަރިކޮޅުގެ މީހުންނަކީ ތާތާރު މުސްލިމުންނެވެ.

އިސްލާމިކް ކްރައިމިއަން ތަތާރު ބެޓޭލިއަން އުފެއްދިކަން އިއުލާން ކުރީ 2014ގައި ތާތާރު ވިޔަފާރިވެރިޔާ އީސާ އަކަޔޭވްއެވެ.

ޖޫން 2014ގައި ކްރިމިއަން ތަތާރު ހަނގުރާމަވެރިންނާއި ކައުކޭސިއަން އަދި ޔޫކްރެއިންގެ ހަނގުރާމަވެރިންގެ މި ބެޓޭލިއަން އިރުމަތީ ޔޫކްރެއިންގެ ޑޮންބާސްގައި ރޝިޔާއާ ދެކޮޅަށް ހަމަލަ ދޭން ފެށިއެވެ.

މީގެ އިތުރުން ތާތާރުންގެ އެހެން ބެޓޭލިއަންއެއްވެސް އޮވެއެވެ. އެއީ ކްރައިމިއަން ތަތާރު ޝެއިޚް މަންޞޫރު ބެޓޭލިއަންއެވެ. މިފަދަ އެތައް މުސްލިމް ބެޓޭލިއަން އެއްގެ ތެރެއިން އެއް ބެޓޭލިއަން އަކަށް ވެގެން ދިޔަ އަނެއް ބަޔަކީ ޗެޗްނިއާގެ ޖޯހަރު ދުދަޔޭވް ބެޓޭލިއަންއެވެ.

އީސަ އަކަޔޭވް އަކީ 2014 ވަނަ އަހަރު ރަޝިޔާއިން ކްރައިމިއާ ހިފުމުގެ ކުރިން ވެރިރަށް ސިމްފަރޯޕޯލްގައި އޭނާގެ އަމިއްލަ ކުންފުންޏެއް ހިންގި ވިޔަފާރިވެރިއެކެވެ.

އޭނާގެ އާއިލާއާއި ކްރިމިއަން ތަތާރުންގެ 20 ހާހެއްހައި މީހުން ޔޫކްރެއިންގެ ސަރަހައްދުތަކަށް ހިޖުރަކުރުމަށް ފަހު، އޭނާ ނިންމެވީ ތަތާރު ދަރިކޮޅުގެ މީހުން އެއްބައިވަންތަކޮށް ރަޝިއާއާއި ދެކޮޅަށް ހަނގުރާމަ ކުރާށެވެ.

އޭނާގެ އިސްލާމިކް ބެޓޭލިއަން އަކީ ޔޫކްރެއިންގެ ސިފައިންގެ އެހީއާއި ތަމްރީނު ފުރިހަމަކޮށް އަމިއްލަ އަށް ފަންޑުކޮށްގެން އުފެއްދި ބެޓޭލިއަން އެކެވެ.