މިޔަންމާރގެ ވެރިކަން ކުރާ ނޭޝަނަލް ލީގް ފޯރ ޑިމޮކްރެސީއަށް ސަރުކާރެއް އެކުލަވާލަން ބޭނުންވާ ތަނަވަސް އަޣްލަބިއްޔަތު ލިބިފައިވާ ކަމަށް އެގައުމުގެ އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
މިޔާންމާރގެ އިންތިޚާބުގައި ވެރިކަން ކުރާ އެންއެލްޑީން ދެ މުސްލިމު ކެންޑިޑޭޓަކު ވަނީ އިންތިޚާބު ވެފައެވެ.
އުމުރުން 33 އަހަރުގެ ސީތޫ މާއުންގ އާއި ވިން މިއާ މިއާ (71އ) އަކީ ވެރިކަން ކުރާ އެންއެލްޑީ އިން އިންތިޚާބު ވި ދެ މެންބަރުންނެވެ.
ސީތޫ މާއޮންގ ވަނީ ވެރިކަން ކުރާ ޕާޓީގެ ސިޔާސަތަށް ފާޑުކިޔުމަށް އުޒުރުވެރި ވެގެންފައެވެ. އޭނާ ބުނެފައި ވަނީ ހުރިއި ބައިމަދު ބަޔެއްގެ ހައްގުގައި އޭނާ މަސައްކަތް ކުރާނެ ކަމަށެވެ.
އަން ސަންސޫއީ އިސްވެ ހުންނަވާ އެންއެލްޑީއަށް ޕާލަމެންޓްގެ 642 ގޮނޑީން 346 ގޮނޑި ލިބިފައި ވެއެވެ. ސަރުކާރެއް އެކުލަވާލުމަށް ބޭނުން ވަނީ 322 ގޮނޑިއެވެ.
މިޔަންމާރގެ ޕާލަމެންޓްގައި ސިފައިންނަށް 166 ގޮނޑި ޚާއްސަ ކޮށްފައި ވެއެވެ.
މުހައްލިލުން ލަފާ ކުރާ ގޮތުގައި އައު ސަރުކާރުން މަސައްކަތް ކުރާނީ ޗައިނާގެ ނުފޫޒުގައި ނުޖެހި މިނިވަން ޚާރިޖީ ސިޔާސަތެއް ގެންގުޅޭށެވެ.
އެންއެލްޑީއަކީ ކުރިން ހުޅަނގުގެ ގައުމުތަކުން ސަޕޯޓު ކުރި ޕާޓީއެކެވެ. ރޮހިންގާ މުސްލިމުންނާއި ބައިމަދު މީހުންނާ މެދު މިޔަންމާގައި ގެންގުޅެން ފެށި ސިޔާސަތާ ހެދި ހުޅަނގުގެ ތާއިދު ވަނީ ގެއްލިފައެވެ. މިޔަންމާގެ ގަތުލުއާންމާ ގުޅިގެން ހިނގަމުންދާ ބައިނަލްއަގްވާމީ ޝަރީއަތުގައި ޗައިނާއިން މިޔަންމާއަށް ތާއީދު ކުރެއެވެ.
މިޔަންމާރއާއި ޗައިނާއާ ދެމެދު އޮންނަ 2200 ކިލޯމީޓަރުގެ ދިގު ބޯޑަރާއި އަދި ޗައިނާއާ ގާތް ގުޅުމެއް އޮންނަ ދަރިކޮޅުތަކުގެ ސަބަބުން ޗައިނާއަށް މިޔަންމާ ގައި އެދެވޭ ފުރުސަތުތަކެއް ލިބެއެވެ. ނަމަވެސް ޗައިނާގެ މަގްބޫލުކަން މިޔަންމާގެ ބައިގިނަ ނަސްލުގެ ބުޑިސްޓުންގެ މެދުގައި އޮންނަނީ ދަށްކޮށެވެ.
މުހައްލިލުން ލަފާ ކުރާ ގޮތުގައި، ޗައިނާއަށް ދީލާ ލުމުގެ ބަދަލުގައި ޖަޕާނާއި ސިންގަޕޯރއާއި ދެކުނު ކޮރެއާއިން އިންވެސްޓްމެންޓް ހޯދުމަށް މިޔަންމާއިން މަސައްކަތް ކުރާނެއެވެ. އަދި ޗައިނާއާއި އިންޑިއާއާ ދެމެދު ޚާރިޖީ ސިޔާސަތުގައި ހަމަހަމަކަމެއް ގެންގުޅުމަށްވެސް މަސައްކަތް ކުރާނެއެވެ.
އިނގިރޭސި އިސްތިއުމާރުގެ ދުވަސްވަރުން ފެށިގެން މިޔަންމާއާއި އިންޑިއާއާ ދެމެދު ގާތް ގުޅުންތަކެއް ގާއިމްކޮށްފައި ވެއެވެ. އެންމެ ފަހުގެ މުޣަލް ރަސްގެފާނު ބަންދުކޮށްފައި އިނގިރޭސިން ބެހެއްޓީވެސް މިޔަންމާގައެވެ. އަވަހާރަވެ ފަސްދާނު ލެވިފައި ވަނީވެސް އެތާނގައެވެ.
ބަހާދުރު ޝާހް ޒަފަރު ދޭއް ރަސްގެފާނުގެ މަގްބަރާ ބަލަހައްޓަނީ އިންޑިއާ އެމްބަސީންނެވެ.
އިދިކޮޅު ޔޫނިއަން ސޮލިޑަރިޓީ އެންޑް ޑިވެލޮޕްމެންޓުން ވަނީ ނަތީޖާއާ މެދު ޝައްކު އުފައްދާފައެވެ. އެޕާޓީން ސަރުކާރައި ސިފައިންނަށް ގޮވާލާފައިވަނީ އިތުބާރު ހިފޭފަދަ މިނިވަން އިންތިޚާބެއް ބޭއްވުމަށެވެ.