ލަންކާ ރަައީސް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. ލަންކާ ސިފައިން ވަނީ ތުހުމަތު ކުރެވޭ މީހުން އެއްވެސް އަމުރެއް ނެތި ހައްޔަރު ކުރުމުގެ ބާރު މިހާރު ސިފައިންނަށް ލިބިގެންވާ ކަމަށް ބުނެފައެވެ. ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި މިވަނީ، ރައީސްގެ ގެކޮޅުގެ ބޭރުގައި ކުރަމުންދާ މުޒާހަރާތައް ހަމަނުޖެހުންތަކަކަށް ބަދަލުވިތާ އެއް ދުވަސް ފަހުންނެވެ.

މުޒާހަރާގެ ބައިވެރިން ބެރިކޭޑްތައް ފަޅާލައި، ރައީސް ގޯޓާބަޔަ ރާޖަޕަކްސަގެ އަމިއްލަ ގެކޮޅު ކައިރީގައި ބުރާސްފަތި ދުވަހު ވެހިކަލްތަކުގައި ރޯކޮށްލާފައި ވެއެވެ.

ސްރީލަންކާ އޮތީ އިގުތިސާދީ ބޮޑު ކާރިސާއެއްގެ ތެރޭގައެވެ. އެއީ ތެލުގެ އިމްޕޯޓަށް ފައިސާ ދެއްކުމަށް ބޭނުންކުރާ ބޭރު ފައިސާ މަދުވުމުގެ ސަބަބުން ކަރަންޓު ކެނޑުމާއެކު ދިމާވެފައިވާ ކާރިސާއެކެވެ.

ދުވާލަކު ބައި ދުވަހަށް ނުވަތަ އެއަށް ވުރެ ގިނަ ވަގުތަށް ކަރަންޓް ކެނޑުމާއި، ތެލާއި ޒަރޫރީ ކާބޯތަކެއްޗާއި ބޭސް ނުލިބުމުގެ މައްސަލަ ކުރިމަތިވެ މީހުން ވަނީ އިންތިހާއަށް ރުޅި ގަދަވެފައެވެ. 22 މިލިއަން މީހުންގެ ޖަޒީރާ ގައުމެއްގައި އާންމުންގެ ކެތްތެރިކަން ވަނީ ބޮއްސުންލާފައެވެ.

ބުރާސްފަތި ދުވަހު ރައީސް ރަޖަޕަސްކާގެ ގެކޮޅުގެ ބޭރުގައި ކުރި މުޒާހަރާ ފަށާފައި ވަނީ ސުލްހަވެރިކަމާއެކު އެވެ. ނަމަވެސް، މުޒާހަރާގެ ބައިވެރިން ބުނީ ފުލުހުން ކަރުނަ ގޭހާއި، ވޯޓާ ކެނަން އަދި އެތަނުގައި ތިބި މީހުންގެ ގަޔަށް ބަޑިޖެހުމަށްފަހު ކަންކަން ކުރުމުން ހަމަނުޖެހުމަކަށް ބަަދަލު ވެގެން ދިޔައީ ކަމަށް ބުނެފައެވެ.

ރޮއިޓާސް ނިއުސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ކުރިމަތިލުންތަކުގައި މަދުވެގެން 12 ފުލުހުން ޒަޚަމްވެފައި ވެއެވެ. އިއްޔެ މުޒާހަރާގެ ބައިވެރިންގެ ތެރެއިން 53 މީހަކު ހައްޔަރުކޮށްފައި ވެއެވެ. މީޑިއާ ރިޕޯޓުކޮށްފައިވާ ގޮތުގައި ނިއުސް ފޮޓޯގްރާފަރުންގެ ފަސް މީހަކުވެސް ފުލުހުން ވަނީ ފުލުހުންގެ މަރުކަޒެއްގައި ހިފަހައްޓައި، އަނިޔާކޮށްފަ އެވެ. ސަރުކާރުން ވަނީ މައްސަލަ ބަލާނެ ކަމަށް ބުނެފައެވެ.

ހަރުކަށި ފިޔަވަޅުތަކާއެކުވެސް މުޒާހަރާތައް ހޫނުވެ، އެހެން ހިސާބުތަކަށްވެސް ފެތުރި ފައި ވެއެވެ.