ބ.ދަރަވަންދޫ ފެނުގެ ނިޒާމް އިފްތިތާހް ކޮށްފިއެވެ. އެރަށުގައި އިއްޔެެ ބޭއްވި ރަސްމިއްޔާތެއްގައި މިނިޒާމް އިފްތިތާހުކޮށްދެއްވީ ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އާމިނަތު ޝައުނާއެވެ.
ރައްޔިތުންނަށް ފެނުގެ ޚިދުމަތް ދެމެހެއްޓެނިވިގޮތެއްގައި ފޯރުކޮށްދިނުމަށް، މިނިޒާމް ހިންގާ ބަލަހައްޓާނީ ފެނަކަ ކޯރޕަރޭޝަނުގެ ފަރާތުންނެވެ. ދަރަވަންދޫ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ ޢަމަލީ މަސައްކަތްކޮށްފައި ވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީ އިން ކެނޭޑިއަން ކްރިސްޓަލައިން ވޯޓަރ އިންޑިއާ ލިމިޓެޑް އާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއު ހިންގާފައި ވަނީ ގްރީން ކްލައިމެޓް ފަންޑް ހިލޭ އެހީ ގެ އިތުރުން ދިވެހި ސަރުކާރާއި ޔޫ.އެން.ޑީ.ޕީ ގެ އެހީތެރިކަމާއެކުގައެވެ.
ދަރަވަންދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުމަށް ޖުމްލަ 33,273,032.22 (ތިރީސް ތިން މިލިއަން ދުއި ސައްތަ ހަތްދިހަ ތިން ހާސް ތިރީސް ދެ ރުފިޔާ ބާވީސް ލާރި) ރުފިޔާ ޚަރަދުކުރެވިފައިވާ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
މި ނިޒާމުން ފެން އުފެއްދުމުގެ އޮޕަރޭޝަނުގައި ހިމަނާފައިވާ ވާރޭފެނުގެ ނިޒާމާއި އިއާދަކުރަނިވި ހަކަތައިގެ ނިޒާމުގެ ސަބަބުން ހިންގުމުގެ ޚަރަދުން ގާތްގަނޑަކަށް 30 އިންސައްތަ ސަލާމަތް ކުރެވޭނެކަމަށް ބެލެވޭ ކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ. ނިޒާމް ހިންގުމަށް ހަމަޖެހިފައި ވަނީ އިޔާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެންނެވެ. ފެން އުފެއްދުމުގެ ޚަރަދު ކުޑަކޮށް ތިމާވެއްޓާއި ރައްޓެހި ގޮތަށް ދެމެހެއްޓެނިވި ޚިދުމަތެއް ދިނުމުގެ ގޮތުން 25 ކިލޯވޮޓުގެ ގެ ސޯލާ ފެނަލް ވެސް ވަނީ ގާއިމްކުރެވިފައެވެ.
މި މަޝްރޫޢު ނިމުނުއިރު ފެނުގެ ޒަމާނީ ނިޒާމެއް ދަރަވަންދޫގައި ޤާއިމްކޮށް 362 ފެން މީޓަރު ވަނީ ރަށުގެ ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ބަހައްޓައިދެވިފައެވެ.
ފެންއުފެއްދުމަށް ކުރެވޭ ޚަރަދުތައް ކުޑަކުރުމަށާއި، ދަރަވަންދޫގައި ހުރި ފެނު ޤުދުރަތީ ވަސީލަތްތައް އެންމެހެޔޮ ގޮތުގައި ބޭނުންކުރުމަށް އަމާޒުކޮށް ވާރޭފެން ރައްކާކުރުމަށް 600 ޓަނުގެ ތާނގީއެއް ވެސް ވަނީ އެރަށުގައި ބަހައްޓާފައެވެ.
މި މަޝްރޫޢުގެ ދަށުން 25 ޓަނުގެ 2 ޑީސެލިނޭޝަން ޕްލާންޓު ވަނީ އެރަށުގައި ބަހައްޓާފައެވެ. މި ޕްލާންޓްތައް މެދުވެރިކޮށް ދުވާލަކު 50 ކިއުބިކް މީޓަރުގެ ފެން އުފެއްދުމުގެ ޤާބިލްކަން މި ނިޒާމަށް ވަނީ ލިބިފައެވެ.
މީގެ އިތުރުން މި ޕްލާންޓްތަކުން އުފައްދާ ފެން ރައްކާކުރުމަށް 300 ޓަނުގެ ތާނގީއެއް ބެހެއްޓިފައިވެއެވެ. އަދި 11.2 ކިލޯމީޓަރ ދިގުމިނުގެ ފެންވިއުގައެއް މި މަޝްރޫޢުގެ ދަށުން ޤާއިމްކުރެވިފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
ދަރަވަންދޫގައި މިނިޒާމް އިފްތިތާހު ކުރައްވަމުން ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ޝައުނާ ވިދާޅުވީ ފެނުގެ ޚިދުމަތުގެ ރެގިއުލޭޓަރ އާއި ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވެ، ދާއިރާއާއި ގުޅުންހުރި ޤާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.