ރ. އަތޮޅު މަޑުއްވަރީ ފެނުގެ ނިޒާމް އިފްތިތާހު ކޮށްފިއެވެ. އެރަށުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި ނިޒާމް އިފްތިތާހުކޮށްދެއްވީ ތިމާވެއްޓާބެހޭ ވަޒީރު އާމިނަތު ޝައުނާއެވެ.
މިއީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން ކެނޭޑިއަން ކްރިސްޓަލައިން ވޯޓަރ އިންޑިއާ ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަސައްކަތެވެ.
މި މަޝްރޫޢަށް ޖުމްލަ ތިރީސް ތިން މިލިއަން ސަތޭކަ ސާޅީސް އަށް ހާސް ނުވަ ސަތޭކަ ފަސްދޮޅަސް ނުވަ ރުފިޔާ އަށްޑިހަ އެއް ލާރި ވަނީ ޚަރަދުކުރެވިފައެވެ. ފެނުގެ ޚިދުމަތް ދެމެހެއްޓެނިވިގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، ނިޒާމް ހިންގާ ބަލަހައްޓާނީ ފެނަކަ ކޯރޕަރޭޝަންގެ ފަރާތުންނެވެ.
މި މަޝްރޫޢުގެ ދަށުން އެރަށުގައި މިވަނީ ފެނުގެ ޒަމާނީ ނިޒާމެއް ގާއިމް ކުރެވިފައެވެ. އެރަށުގެ ގޭބިސީތަކާއ އެހެނިހެން ޢިމާރާތްތަކުގައި މިހާރުވަނީ 367 ފެން މީޓަރު ބަހައްޓައިދެވިފައެވެ.
"މި ނިޒާމުން ފެން އުފެއްދުމުގެ އޮޕަރޭޝަނުގައި ހިމަނާފައިވާ ވަރޭފެނުގެ ނިޒާމާއި އިއާދަކުރަނިވި ހަކަތައިގެ ނިޒާމުގެ ސަބަބުން ހިންގުމުގެ ޚަރަދުން ގާތްގަނޑަކަށް 30 އިންސަތަ ސަލާމަތްކުރެވޭނެކަމަށް ބެލެވޭ،" ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
އެ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި މި ނިޒާމް ހިންގުމަށް ހަމަޖެހިފައި ވަނީ އިޔާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެންނެވެ. މިގޮތުން ފެން އުފެއްދުމުގެ ޚަރަދު ކުޑަކޮށް ތިމާވެއްޓާ ރައްޓެހި ގޮތަށް ދެމެހެއްޓެނިވި ޚިދުމަތެ ދިނުމުގެ ގޮތުން 25 ކިލޯވޮޓުގެ ސޯލާ ފެނަލް ވެސް ވަނީ ގާއިކޮށްފައެވެ.
ފެންއުފެއްދުމަށް ކުރެވޭ ޚަރަދު ކުޑަކުރުމަށާއި، މަޑުއްވަރީގައި ހުރި ފެނުގެ ޤުދުރަތީ ވަސީލަތްތައް އެންމެހެޔޮ ގޮތުގައި ބޭނުންކުރުމަށް އަމާޒުކޮށް ވާރޭފެން ރައްކާކުރުމަށް އިތުރު 600 ޓަނުގެ ތާގީއެއް ވެސް ވަނީ ވަނީ އެރަށުގައި ބަހައްޓާފައެވެ.
މި މަޝްރޫޢުގެ ދަށުން 55 ޓަނުގެ 2 ޑީސެލިނޭޝަން ޕްލާންޓު ވެސް އެރަށުގައި ވަނީ ބަހައްޓާފައެވެ. މި ޕްލާންޓްތައް މެދުވެރިކޮށް ދުވާލަކު 110 ކިއުބިކް މީޓަރުގެ ފެން އުފެއްދުމުގެ ޤާބިލްކަން މި ނިޒާމަށް ވަނީ ލިބިފައެވެ. މި ޕްލާންޓްތަކުން އުފައްދާ ފެން ރައްކާކުރުމަށް 400 ޓަނުގެ ތާނގީއެއް ބހައްޓައި 8.6 ކިލޯމީޓަރ ދިގުމިނުގެ ފެންވިއުގައެއް ވެސް މި މަޝްރޫޢުގެ ދަށުން އެރަށުގައި ވަނީ ޤާއިމްކުރެވިފައެވެ.