ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބިން ހިއްކައި އެތަނުގައި އިމާރާތްކުރި ހިޔާ ފްލެޓްތަކުން ސަރުކާރުން ކުލި ނަގަން ފަށައިފިއެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނު (އެޗްޑީސީ)އިން މި ފްލެޓުތަކުގެ ކުލި ބަލައިގަންނަން ފެށިކަން ވަނީ ހާމަކޮށްފައެވެ. ހިޔާ ފްލެޓްތަކުން ކުލި ނަގަން ފަށާފައި މިވަނީ ޖުމުލަ 3 ފަހަރެއްގެ މަތިން، ކުލި ނެގުން ފަސްކުރުމަށްފަހުއެވެ.

ހިޔާ ފްލެޓުތައް ލިބުނު މީހުންނަށް ފްލެޓު ދޫކުރިއިރު އެއީ ހަތަރު ފާރެވެ. އެތަނުގެ ދޮރެއް ދޮރުފަތެއް، ބޮތްކެއް ފަންކާއެއް ނުހުރެއެވެ. އަދި ތަޅުމުގައި ތަށިމުށި ޖަހާފައެއްވެސް ނުވެއެވެ. އެހެންކަމުން ފްލެޓުތައް ނިންމުމަށް ބޮޑެތި އަދަދުތަކުން ލޯނުނަގައިގެން ތަން ނިންމަންޖެހުނީ އެތަން ލިބުނު ޢާއްމުންނެވެ. އެހެންކަމުން އެމީހުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދޭން ގޮވާލައި އާއްމުންގެ ޖަމިއްޔާ އަދި ހިޔާ ޔޫނިއަން އާއި ފްލެޓުތަކުގެ ވެރިން ގުޅިގެން އަޑުއުފުލާފައިވެއެވެ. މިއާއެކު ސަރުކާރުންވަނީ ކުލިނެގުން ފަސްކޮށްފައެވެ. މިހާރު ކުލި ނަގަން ފެށިއިރު، އަދިވެސް ފިނިޝިންގެ މަސައްކަތްތައް ނުނިމޭ އެތައް އެޕާޓުމަންޓެއް ހިޔާގައިި އެބަހުއްޓެވެ.

ހިޔާ ފްލެޓުގެ މަހު ކުއްޔަށް 7،500ރ. އަދި ސާވިސް ފީގެ ގޮތުގައި ކަނޑައަޅާފައިވަނީ 1،000ރ. އެވެ. އެހެންކަމުން، މިހާރު ސަރުކާރުން ކަނޑައަޅާފައިވާ ގޮތުން، ހިޔާ ފްލެޓަކަށް މަހަކު 8،500 ރުފިޔާ ދައްކަން ޖެހެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހުޅުމާލޭގައި ތަރައްގީ ކުރެއްވި ފްލެޓުތަކުގެ ކުއްޔެއް ގޮތުގައި ކަނޑައެޅުއްވީ 5،600 ރުފިޔާކަމަށް އޭރުގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.