ބ. ދަރަވަންދުއާއި ރ. މަޑުއްވަރީގައި ސަރުކާރުން ގާއިމްކޮށްދެއްވި ފެނުގެ ނިޒާމަށްފަހު އެދެރަށުގެ ރައްޔިތުން ދެން ތަޣައްޔަރުވެފައިވާ ލޮނުފެން ބޭނުން ކުރާކަމަށް ނުޖެހޭނޭ ކަމަށް ފެނަކައިން ވިދާޅުވެއްޖެއެވެ.

ފެނަކަކޯޕަރޭޝަނުން ވިދާޅުވީ ސަރުކާރުން އެ ދެރަށުގައި ގާއިމްކުރެއްވި ފެނުގެ ނިޒާމް ހުޅުވައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާއާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައީދު މުޙައްމަދު ކަމަށެވެ.

މި ޚިދުމަތް އެ ދެރަށުގައި ދެމެހެއްޓެނިވި ގޮތުގައި ދޭން ފެށުމުން "ރައްޔިތުންނަށް ދިމާވެފައިވާ ތަޣައްޔަރުވެފައިވާ ލޮނު ފެން ބޭނުންކުރުން މާޒީވެ ދިޔައީ،" ކަމަށް ފެނަކައިން ވިދާޅުވެފައިވެއެވެ.

އެ ދެރަށުގައި ގާއިމްކުރި މިނިޒާމް ހިންގާ ބަލަހައްޓާނީ ފެނަކަ ކޯރޕަރޭޝަނުންނެވެ. އެ ދެރަށުގައި ވެސް ފެނުގެ ނިޒާމް ގާއިމް ކުރުމުގެ ޢަމަލީ މަސައްކަތްކޮށްފައި ވަނީ ކެނޭޑިއަން ކްރިސްޓަލައިން ވޯޓަރ އިންޑިއާ ލިމިޓެޑް އާ ހަވާލުކޮށްގެންނެވެ. އެ މީހުންނާ މަސައްކަތް ހަވާލު ކުރެއްވީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީ އިންނެވެ. މި ދެ މަޝްރޫއު ހިންގާފައި ވަނީ ގްރީން ކްލައިމެޓް ފަންޑް ހިލޭ އެހީ ގެ އިތުރުން ދިވެހި ސަރުކާރާއި ޔޫ.އެން.ޑީ.ޕީ ގެ އެހީތެރިކަމާއެކުގައެވެ.

ދަރަވަންދޫގައި ފެނުގެ ނިޒާމް ޤާއިމްކޮށްފައިވަނީ ތިރީސް ތިން މިލިއަން ދުއި ސައްތަ ހަތްދިހަ ތިން ހާސް ތިރީސް ދެ ރުފިޔާ ބާވީސް ލާރި ޚަރަދުކޮށްގެންނެވެ.

މަޑުއްވަރީ ފެނުގެ ނިޒާމް ގާއިމް ކޮށްފައިވަނީ ޖުމްލަ ތިރީސް ތިން މިލިއަން ސަތޭކަ ސާޅީސް އަށް ހާސް ނުވަ ސަތޭކަ ފަސްދޮޅަސް ނުވަ ރުފިޔާ އަށްޑިހަ އެއް ލާރި ހޭދަކޮށްގެންނެވެ.