ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުالله މާފުށި ޖަލުގެ ބައެއް ގައިދީންނާއެކު ރޯދަމަހުގެ ފުރަތަމަ ދުވަހު ރޯދަވީއްލަވައިފިއެވެ. މި ރޯދަ ވީއްލެވުމުގައި އެމަނިކުފާނު ވަނީ ގައިދީންގެ ހާލަތުން ގާތުން އޮޅުންފިލުއްވައިފިއެވެ. އެގޮތުން ރޯދަމަހު ޤައިދީންގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ކުރެވޭނީ ކޮން ކަންތައްތަކެއްތޯ ދެނެގަތުމަށް މިނިސްޓަރ ވަނީ އެމީހުންނާ ވާހަކަ ދައްކަވަން ވަގުތު ހޭދަކުރައްވައިފައެވެ.

"ޤައިދީން ރަނގަޅު ބައެއްގޮތުގައި އަނބުރާ މުޖުތަމައުއަށް ނެރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ. އެމަސައްކަތް ހުއްޓާ ނުލާ ކުރަމުން ގެންދާނެ. ޤައިދީންނާއެކު މިއަދު ރޯދަވީއްލުމުގެ ތެރެއިން ހޭދަކުރި ވަގުތުތަކަކީ އެކަމަށްވެސް ވިސްނައިގެން ކަންކަން ދެނެގަތުމަށް ބޭއްވި ބައްދަލުވުމެއް" ޤައިދީންނާއެކު ރޯދަވީއްލެވުމަށްފަހު މިނިސްޓަރ ވިދާޅުވި ކަމަށް ހޯމް މިނިސްޓްރީން ރިޕޯޓު ކޮށްފައިވެއެވެ.

ރޯދަމަހުގެ ތެރޭގައި ޖަލުގެ އެކި ޔުނިޓްތަކުގައި ތިބި ގައިދީންނާއެކު މިފަދަ ބައްދަލުވުންތައް ކުރިއަށް ގެންދަވަން މިނިސްޓަރ ވަނީ ނިންމަވާފައި ކަމަށް ވެސް ހޯމް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. މީގެކުރިންވެސް މިނިސްޓަރ ގެންދެވީ ޖަލަށް ވަޑައިގެން އިދީންނާ ބައްދަލުކުރައްވައި, އެމީހުންގެ ހާލަތު ގާތުން ބައްލަވައި އޮޅުންފިލުއްވަމުންނެވެ.

މިނިސްޓަރގެ އަރިހުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުޙައްމަދުފުޅުވެސް ޖަލަށް ވަޑައިގެން, ގައިދީންނާއެކު ރޯދަވީއްލެވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ގައިދީންގެ އަޑު އެއްސެވިއެވެ.