ހާރުކެއުން ދޫކޮށްނުލުން
ރޯދަހިފުމުގައި އެންމެ ސަމާލުކަންދޭންވާނެ އެއްކަމަކީ ހާރުކެއުމެވެ. ހާރުނުކައި ރޯދައަށް ހުންނަނަމަ ހަށިގަނޑުން ފެންމަދުވާ މިންވަރު އިތުރުވެ ދުވާލުގެ ވަގުތުގައި ވަރުބަލިކަން އިހްސާސް ކުރެވޭލެއް ބޮޑުވާނެއެވެ. ހާރުނުކެއުމަކީ ރޯދަވީއްލާ ގަޑީގައި އިތުރަށް ކާހިތްވެ އެކަމުގެ ސަބަބުން ހަށިގަނޑު ވަރަށް ބޮޑަށް ލޮޑުކޮށްލާނެ ކަމެކެވެ. ރޭގަނޑު ގިނައިން ކެއުމަކީ ހަށިގަނޑުގައި ސަރުބީގެ މިންވަރު އިތުރުވާނެ ކަމެކެވެ.
ވީހާވެސް ލުއިކޮށް ރޯދަ ވީއްލުން
ރޯދަވީއްލުން ވީހާވެސް ލުއިކޮށްލާށެވެ. ކަދުރާއެކު ލުއިބުއިމަކުން ރޯދަވީއްލުމަކީ ހަށިގަނޑަށް ވަރަށް ފައިދާ ހުރި ކަމެކެވެ. ހަށިގަނޑުގެ ގިނަ ގުނަވަންތައް އޭގެ މަސައްކަތް ދުވާލު ލުއިކޮށްލާފައިވަނިކޮށް ކުއްލިއަކަށް މަސައްކަތް މާބުރަކޮށްލުމަކީ ރަނގަޅު ގޮތެއްނޫނެވެ. ވީމާ ބުއްދިވެރިގޮތަކީ ލުއިކޮށް ރޯދަވީއްލުމަށްފަހު ފަހުން ކެއުމެވެ. މިގަޑީގެ ކެއުމުގައި ވެސް ފެޓްސް މަދުކުރެވޭތޯ ބަލާށެވެ. އެހެންނޫންނަމަ ހަށިގަނޑުގައި ސަރުބީގެ މިންވަރު އިތުރުވާނެއެވެ.
ފޮނި އަދި ލޮނު ތަކެތި މަދުކުރުން
ރޯދަމަހުގެ ކެއުމުގައި ވީހާވެސްބޮޑަށް ފޮނި ތަކެތި މަދުކުރާށެވެ. ރޯދަވީއްލުމުގައި އަދި ތަރާވީސް ދަމު ގިނައިން ފޮނިތަކެތި ބޭނުން ކުރާނަމަ ޖެހިގެން އަންނަ ދުވަހު ރޯދައަށް ހުރުމުގައި ވަރުބަލިވާލެއް ބޮޑުވާނެއެވެ. ހަމަ މިގޮތަށް ގިނައިން ލޮނު ބޭނުން ކުރާނަމަ ހާއްސަކޮށް ހާރުކެއުމުގައި ލޮނުހިމެނޭ މިންވަރު ގިނަ ނަމަ ދުވާލު ކަރުހިއްކާމިންވަރު އިތުރުވާނެއެވެ. ފޮނި އަދި ލޮނުތަކެތި ގިނައިން ކެއުމުން ހާއްސަކޮށް ހަށިގަނޑުގައި ސަރުބީ ރައްކާކުރާމިންވަރު އިތުރުވާނެއެވެ.
ގިނައިން ދިޔާތަކެތި ބޭނުން ކުރުން
ރޯދަވީއްލުމަށްފަހު ފަތިސްވުމާދެމެދު ވީހާވެސް ގިނައި ދިޔާތަކެތި ހާއްސަކޮށް ފެން ބޭނުން ކުރެވޭތޯ ބަލާށެވެ. މަދުވެގެން އަށްތަށި ފެން ބޭނުން ކުރެވޭނަމަ ދުވާލު ހަށިގަނޑުން ގެއްލިގެންދާ ފެނުގެ މިންވަރު އިއާދަކުރެވި ހަށިގަނޑު ރީހައިޑްރޭޓް ކުރެވޭނެއެވެ. ދިޔާތަކެތި ބޭނުން ކުރާއިރު ކެފެއިން އެކުލެވޭ ބުއިންތައް މަދުކޮށްލަންވާނެއެވެ. ކެފެއިން އަކީ ހަށިގަނޑުން ފެން ބޭރުކުރާ މިންވަރު އިތުރުކުރާ މާއްދާއެކެވެ.
ހެލިފެލިވެ އުޅުން
ދުވާލުގެ ވަގުތުގައި އަދި ރޯދަވީއްލުމަށްފަހުވެސް ހެލިފެލިވެ އުޅޭށެވެ. ދުވާލުގެ ވަގުތުތަކުގައި ހަށިގަނޑުން ހަކަތަ ގެއްލޭކަންކަން މަދުކުރިނަމަވެސް ރޭގަނޑު ކޮންމެވެސް ކަހަލަ ކަސްރަތެއް ކޮށްލުމަކީ ހަށިގަނޑަށް ފައިދާވާނެ ކަމެކެވެ. އެއްގޮތަކަށްވެސް މާބުރަކޮށް ކަސްރަތު ނުކުރާށެވެ.