ޅ. ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން ދެން ނުނިމިއޮތީ އެންމެ ފަސް ޕަސެންޓު ކަމަށް އެ މަސައްކަތްކުރާ އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ.

އެކުންފުނީން ވިދާޅުވެފައިވަނީ އެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމެންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެނެސްފައި ކަމަށެވެ. "ބިންހިއްކުމާއި، ބަނދަރު ފުންކުރުމުގެ 95 އިންސައްތަ މަސައްކަތް ވަނީ ފުރިހަމަ ކުރެވިފައި،" އެމްޓީސީސީން ވިދާޅުވެފައިވެއެވެ.

މިއީ 113.3 މިލިއަން ރުފިޔާ ހޭދަކޮށްގެން ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން، 6 ހެކްޓަރުގެ ބިން ހިއްކާނެއެވެ އަދި ބަނދަރު ހެދުމަށް 229,663.36 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފުންކުރެވޭނެއެވެ. އޭގެ އިތުރުން 220 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 148 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 270 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

އެމްޓީސީސީން ގެންދަވަނީ ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ތަރައްގީގެ މިފަދަ އެތައް މަޝްރޫޢުތަކެއް ހިންގަވަމުންނެވެ.