މި ރޯދަމަހު މާލޭގައި އެއްތަނުން އަނެއްތަނަށް އުފުލަންޖެހޭ މުދަލާއި އެނޫންވެސް އެފަދަ ތަކެތި އުފުލުމަށް ޚާއްސަ ވަކި ގަޑިތަކެއް ކަނޑައަޅައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކުރައްވާފައިވާގޮތުގައި މިގޮތަށް ހަމަޖެއްސީ މިހާރު މާލޭގައި މުދާ އުފުލުމުގެ ކަންކަން ހިނގަމުންދާ ގޮތުގެ ސަބަބުން ދަތިތަކެއް ކުރިމަތިވާތީކަމަށެވެ. ޚާއްސަކޮށް ރޯދަމަހާއެކު މާލޭގެ ކާރޫބާރޫ ބޮޑުވެ ބައެއް ޚިދުމަތްތައް ދިނުމަށް ދަތިތަކާ ކުރިމަތިވިކަމަށާ، އެކަން ޙައްލުކުރުމަކީ މި ބަދަލުގެ މައިގަނޑު އެއް ބޭނުންކަމަށް އެމިނިސްޓްރީން ބުނެއެވެ.

މާލޭގައި މުދާ އުފުލުމާ ގުޅޭގޮތުން ޓްރާންސްޕޯޓު މިނިސްޓްރީން އާއްމުކޮށްފައިވާ އުސޫލުގައި ވަނީ ޝައްވާލުމަހުގެ 7 ވަނަ ދުވަހާ ހަމައަށް މާލޭގައި ވިޔަފާރި އުޞޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލުމުގެ ގަޑިތަކެވެ.

އެގޮތުން ހެނދުނު 9:00 އިން ހަވީރު 4:30 އަށް އަދި ރޭގަނޑު 8:00 އިން ފެށިގެން ހެނދުނު 6:00 އަށް ހުރިހާ ބާވަތެއްގެ މުދާ، ހުރިހާ އުޅަނދެއްގައި އުފުލޭނެއެވެ. އަދި ހަވީރު 4:30 އިން 8:00އަށް އެއްވެސް ބާވަތެއްގެ މުދަލެއް ގަނޑުކޮށް، އެއްވެސް ބާވަތެއްގެ އުޅަނދެއްގައި ވިޔަފާރި އުޞޫލުން އުފުލުމަކީ މަނާކަމެެކެވެ.

ހެނދުނު 9:00 އިން ހަވީރު 4:30 އަށް، މެންދަމު 1:00 އިން ހެނދުނު 6:00 އަށް ބުރިޖުން މުދާ އުފުލޭނެއެވެ. އަދި ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:30 އަށް އަދި ރޭގަނޑު 8:00 އިން ފެށިގެން ހެނދުނު 6:00 އަށް ފެނާއި ކައްކާ ގޭސް ބުރިޖު ހުރަސްކޮށް ގެންދެވޭނެއެވެ.