ރަޝިޔާއިން އުފައްދާފައިވާ ވެކްސިން، ސްޕްޓްނިކް5 ވެކްސިން ޓެސްޓަށް އިންޑިއާއަށް ފޮނުވައިފިއެވެ. އިންޑިއާގައި މި ވެކްސިން ޓެސްޓް ކުރާނީ ޑރ. ރެއްޑީ ލެބޯޓްރީންނެވެ. ސްޕުޓްނިކް5 ވެކްސިން އަކީ 92 އިންސައްތަ ކާމިޔާބު ވެކްސިންއެއް ކަމަށް ރަޝިޔާއިން ބުނެއެވެ.

ރަޝިޔާގެ ވެކްސިންގެ ކާމިޔާބު ކަމަށް ޔަގީންކަން ދީފައިވަނީ ރަޝިޔާގެ ނޭޝަނަލް ރިސަރޗް ސެންޓަރއާއި ރަޝިއަން ޑައިރެކްޓް އިންވެސްޓްމެންޓް ފަންޑުންނެވެ.

ލެންސެޓް ޖަރނަލްއިން ސެޕްޓެމްބަރ 4 ގައި ޝާއިއުކޮށްފައިވާ ކަރުދާހެއްގައި ބުނެފައި ވަނީ ރަޝިޔާގެ ވެކްސިންގެ ފޭސް 1 އަދި 2 ގެ ޓެސްޓްތަކުން އެއްވެސް ސީރިއަސް މައްސަލައެއް ރިޕޯޓްކޮށްފައި ނުވާ ކަމަށެވެ.

ސްޕްޓްނިކް ވެކްސިންގެ 1.2 ބިލިއަން ޑޯޒް ހޯދުމަށް 50 ގައުމަކުން ވަނީ އެދިފައެވެ. ބޭރު ގައުމުތަކަށް މި ވެކްސިން ފޮނުވާނީ ރަޝިޔާގެ ކުންފުންޏާ ގުޅިފައިވާ ވެކްސިން އުފައްދާ ތަންތަނުންނެވެ. މިއީ، އިންޑިއާއާއި ބްރަޒީލާއި، ޗައިނާއާއި، ސައުތު ކޮރެއާއާއި، އަދި އެނޫންވެސް އެހެން އެތައް ގައުމެއްގައި ރަޝިޔާއާ ގުޅިގެން މިވެކްސިން އުފައްދާ މަރުކަޒުތަކެވެ.

ޑރ، ރެއްޑީގެ ކުންފުނިން ރަޝިޔާ ވެކްސިން އިންޑިއާގައި ޓެސްޓް ކުރުމަށް އިންޑިއާ ސަރުކާރުން ހުއްދަދީފައިވަނީ އޮކްޓޯބަރު މަހުގައެވެ. އިންޑިއާއިން ބޭނުންވަނީ އަވަސް ގޮތަކަށް ވެކްސިން ޓެސްޓް ކޮށް މީހުންނަށް ވެކްސިން ލިބޭގޮތަށް ހަމަޖައްސާފައި ބާއްވާށެވެ.

ރަޝިޔާއިން ވެކްސިން ބޭނުން ކުރުން އިޢްލާން ކޮށްފައިވަނީ 11 އޮގަސްޓްގައެވެ.