ގެސްޓްރައިޓިސް ނުވަތަ ބަނޑުގައި ވައި ހެދުމަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނަ ބަޔަކަށް ދިމާވެފައިވާ ސިއްހީ މައްސަލައެކެވެ. މައިދާއާއި ގޮހޮރުގެ އެތެރެފަށަލަ ދުޅަވެ ނުވަތަ ފާރުވެ އެކަމުގެ ސަބަބުން ވައިގެ އުނދަގޫ ވަރަށް ގިނަބަޔަކު ތަހައްމަލު ކުރަމުންދެއެވެ. މިއީ އާއްމުގޮތެއްގައި ކެއުމުގެ ވައްޓަފާޅިއާއި ދިިރިއުޅުމުގެ ބައެއް އާދަކާދަތައް ހުންނަގޮތަކުން ފެށި އޭގެ އަސަރު ބޮޑުވަމުންދާ މައްސަލައެކެވެ. ގިނައިން ތެޔޮއެކުލެވޭ އަދި ކުޅިކާތަކެތި ކެއުމާއި ގިނައިރު ހުސްބަނޑާހުރުމާއި ފެންބޭނުންކުރާމިންވަރު މަދުވުމަކީ ވައިގެ އުނދަގޫދިމާވާން މެދުވެރިވާ އެންމެ އާއްމު ސަބަބުތަކެވެ.
ރޯދަހިފުމަކީ ގިނަވަގުތުތަކެއްގައި ހުސްބަނޑާ ހުންނަ ހާލަތަކަށްވެފައި އަދި އަޅުގަނޑުމެން ދިވެހިންގެ ކެއުމުގެ އާދަކާދަ ހުންނަގޮތުން ރޯދަވީއްލާ ވަގުތުގައި ބޭނުން ކުރެވޭ ގިނަ ތަކެއްޗަކީ ތެލާއި މިރުސް ވަރަށްބޮޑަށް އެކުލެވޭ ކާތަކެއްޗަށް ވުމުން ވައިގެ އުނދަގޫ ދިމާވެފައިވާ މީހުންގެ ހާލަތު އިތުރަށް ގޯސްވުމަކީ ވަރަށް ފަސޭހައިން ވެދާނެކަމެކެވެ. ވީމާ ގެސްޓްރައިޓިސްގެ އުނދަގޫ ތަހައްމަލު ކުރަމުންދާ ބޭފުޅުން ރޯދަމަހު ކެއިންބުއިމަށާއި ބައެއް އާދަކާދަތަކަށް ބައެއްބަދަލު ގެނައުމަކީ އެކަމަށް ލުޔެއްހޯދުމަށް ވަރަށް މުހިންމު ކަމެކެވެ.
ގިނައިން ފެން ބޭނުން ކުރެއްވުން
ރޯދަވީއްލެވުމަށްފަހު ފަތިސްވުމާދެމެދު މަދުވެގެން 8 ތަށި ފެން ބޭނުން ކުރައްވާށެވެ. އެއްފަހަރާ ގިނައިން ފެންބޭނުން ކުރެއްވުމުގެ ބަދަލުގައި މަދުމަދުން ގިނައިރުން ފެންބޭނުން ކުރައްވާށެވެ. އެއްފަހަރާ ގިނައިން ފެންބޯނަމަ ސިއްހީ އިތުރުމައްސަލަތައް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ.
ވީހާވެސް ލަހުން ހާރުފަރިއްކުޅުވުމާއި ވީހާވެސް އަވަހަކަށް ރޯދަވީއްލުން
ރޯދަވީއްލާއިރު ވީހާވެސް ލުއިކޮށް ފެއްޓެވުމާއި ހަވާދާއި ތެޔޮމަދު ކާނާ ފަރިއްކުޅުވުމަކީ ވައިގެ އުނދަގޫ ކުޑަކުރުމަށް ބާރުއަޅާ ކަމެކެވެ. ރޯދަވީއްލާ ވަގުތު ކުއްލިއަކަށް ބަނޑުފުރާލުމަކީ މައިދާގައި އެސިޑް ގިނަވެ ވައިގެ އުނދަގޫ އިންތިހާއަށް ބޮޑުވެދާނެ ކަމެކެވެ. އަދި ވީހާވެސް ލަސްކޮށް ހާރު ފަރިއްކުޅުވުމުން ބަނޑުހުސްކޮށް ހުންނަވަގުތު ކުޑަކުރެވޭނެއެވެ.
މީގެ އިތުރަށް ކާވަގުތުތަކުގައި ވީހާވެސް ލަސްލަހުން ކާތަކެތި ރަނގަޅަށް ހިމުންކޮށްގެން ކެއުމަކީ މައިދާގެ މަސައްކަތަށް ލިބޭވަރަށް ބޮޑުލުޔެކެވެ. މިކަމުގެ ސަބަބުން މައިދާގައި އުފެދޭ އެސިޑްގެ މިންވަރު ދަށްވެ ވައިގެ އުނދަގޫ ކުޑަކޮށްދެއެވެ.
ބޯކޮޅު އުސްކޮށްލައިގެން އޮށޯއޮތުން
ރޯދަވީއްލެވުމަށްފަހު އޮށޯވެއޮންނަނަމަ ބޯކޮޅަށް އުސްކޮށްލައްވައިގެން އޮށޯއޮންނަވާށެވެ. މިހެން ހެއްދެވުމުން މައިދާގައި ހުންނަ އެސިޑްގެ އަސަރު ކާތަކެތި ދަތުރުކުރާ ހޮޅިއަށް ކުރާލެއް ކުޑަވާނެއެވެ. މީގެއިތުރަށް ބަނޑަށް ބާރު ނުވާފަދަ ފަސޭހަ ފޭރާމެއްލުމަކީވެސް ވައިގެ އުނދަގޫ ކުޑަކޮށްދޭނެކަމެކެވެ.
ދުންފަތުގެ އިސްތިއުމާލް ނުކުރެއްވުމާއި އެހެން ބައްޔަކަށް ފަރުވާކުރައްވާނަމަ ގަވާއިދުން އެކަމަށް ފަރުވާކުރެއްވުމާއި، ކެފެއިން އެކުލެވޭ އަދި ކާރބޮނޭޓެޑް ބުއިންތައް ބޭނުން ނުކުރެއްވުމަކީ ވައިގެ އުނދަގުލުން ސަލާމަތްވުމަށް ކުރެވިދާނެބައެއް ކަންކަމެވެ.