ގދ. ވާދޫ ދަނޑުވެރިން އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ދާއިމީކޮށް މާކެޓު ކުރެވޭނޭ ގޮތް ހަމަޖެހިއްޖެ ކަމަށްވާނަމަ ބޭނުންވަރަކަށް އެތަކެތީ ވާދޫ ދަނޑުވެރިން އުފައްދައިދޭނޭ ކަމަށް އެރަށު ކައުންސިލްގެ ރައީސް ޙަސަން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ޒަމާނީ ދަނޑުވެރިކަމަކީ ޚަރަދުބޮޑު ދަނޑުވެރިކަމެއް ކަމަށެވެ. އެހެން ކަމުން ގަންނާނޭ ބަޔަކުނެތިވެ ގިނަ އަދަދެއްގެ ތަކެތި އުފައްދައިފިއްޔާ ލިބޭނީ ލަނޑެއް ކަމަށެވެ. "އެތަކެތި ނުވިކި ދަނޑުވެރިއާ ޖެހޭނީ އުކާލަން. އެހެންވާ ކަމަށްވާނަމަ ކިހިނެއް އުފައްދާނީ. އެންމެ ފުރަތަމަ ދާއިމީ މާކެޓެއް އުފައްދައި ދެއްވާ. އެއަށްފަހު ޑިމާންޑާ އެއްވަރަށް ސަޕްލައި ކޮށްދިނުމުގެ ހިތްވަރު ވާދާ ދަނޑުވެރިންގެ އެބަހުރި،" އޭނާ ވިދާޅުވިއެވެ.

ޙަސަން ޢަބްދުﷲ (ހަމްބެ) ވިދާޅުވީ ވާދުއާ އެންމެ ކައިރީގައި އޮތް އަޔާޑާ ރިސޯޓަށް ބޭނުންވާ ތަރުކާރީފަދަ ތަކެތި ބޭރުން ނުގެނެސް ވާނޭ މިންވަރަށް ވާދޫ ދަނޑުވެރީން ތަކެތި އުފައްދައިދޭނޭ ކަމަށެވެ. "އެމީހުން ބުންނަވީ މިވެނި އެއްޗެއް އެވެނި ވަރަކަށޭ ބޭނުންވަނީ. އަޅުގަނޑުގެ ދަނޑުވެރީން އެތިބި އެވަރަކަށް އެއެއް އުފައްދަން. ވާދޫގައި ބިން އެބައޮތް. ވާދޫގައި ހީވާގި ދަނޑުވެރީން އެބަތިބި. ނެތީ މާކެޓެއް،" އޭނާ ވިދާޅުވިއެވެ.

ވާދޫ ދަނޑުވެރީން އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް މާކެޓު ކުރުމާބެހޭ ގޮތުން ދަނޑުވެރިކަމާ ބެހޭ ވުޒާރާއާއި ސަރުކާރާ ވެސް އެތައް ފަހަރެއްގެ މަތީން މަޝްވަރާ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ކުރެވެނީ މަޝްވަރާ ކަމަށާއި އެއްވެސް ނަތީޖާއެއް ނުނެރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހިނގާ ރޯދަމަހަށް ވެސް ދަނޑުވެރީން އާންމުގޮތެއްގައި ހެއްދީ ކަރާކަމަށާއި ރޯދަމަސް ނިމެންދެން ކަރާ ލިބެން ހުންނާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެން އެއްޗެއް ވިޔަފާރި އުސޫލުން ނުހެއްދީ ވެސް މާކެޓު ނެތުމުން ކަމަށް އޭނާވިދާޅުވިއެވެ.

-ފޮޓޯތައް ވާދޫ ހަމްބެ