ގަލޮޅު ދަނޑު ތަޅާލައި މިއަހަރު އެޅުމަށް ހަމަޖެހިފައިވާ ސްޓޭޑިއަމްގެ ކުރެހުން ދައްކާލައިފި އެވެ.

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގަލޮޅު ދަނޑު ތަޅާލާ އައު ދަނޑެއް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށާއި މިއީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ބަޖެޓު ކުރެވިގެން ކުރިއަށްދާ މަސައްކަތެއް ކަމަށެވެ.

މަހްލޫފް މީގެކުރިން ވިދާޅުވި ގޮތުގައި ސަރުކާރުގެ ވިސްނުމަކީ ގަލޮޅު ދަނޑު އަވަސް އަވަހަށް މަރާމާތު ކުރުމުގެ ބަދަލުގައި އެ ދަނޑު ތަޅާލައި އާ ދަނޑެއް އެތަނުގައި އެޅުމެވެ.

ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް އިންޑިއާ އިން ދޭ 40 މިލިއަން ޑޮލަރުގެ ލޯން އެހީގެ ތެެރެއިން ގަލޮޅު ދަނޑުގެ ތަރައްގީއަށް ހަރަދުކުރަން އަންނަ އަހަރުގެ ބަޖެޓްގައި 45.4 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. އަދި 2023 ވަނަ އަހަރުގެ ބަޖެޓްގައި 10 މިލިއަން ރުފިޔާ ވަނީ ގަލޮޅު ދަނޑުގެ ތަރައްގީ އަށް ހިމަނައިފައެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް ދޭ ލޯނުން ހިންގަން ނިންމާފައިވާ ޕްރޮޖެކްޓެކެވެ.