ޕާކިސްތާންގެ ވަގުތީ ބޮޑު ވަޒީރު އެގައުމު ދުސްތޫރީ ހުސްކަމަކާއި އިގުތިސާދީ ނުތަނަވަސްކަމެއްގެ ތެރެއަށް ވައްޓަވާލައްވައިފިއެވެ. ޕާކިސްތާން ތަހްރީކޭ އިންސާފްގެ ސަރުކާރު ކުއްލިއަކަށް އަދި ދުވަސް ނުފުރާ ނިމުމަކަށް އައުމާއެކު، ޕާކިސްތާނާއެކު އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ކުރިއަށް ގެންދާ ޕްރޮގްރާމް ވެސް ހުއްޓުމަކަށް އައިސްފިއެވެ.
އިސްލާމްއާބާދުގައި ހުންނަވާ އައިއެމްއެފްގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އެސްޓަރ ޕެރޭޒް ރުއިޒް މީޑިއާއަށް ވިދާޅުވީ އައިއެމްއެފްއިން ޕާކިސްތާނަށް ދޭން އުޅޭ ދަރަނީގެ ފައިސާއާ މެދު އަލުން ބަހުސް ކުރާނީ އައު ސަރުކާރެއް އެކުލަވާލުމުންނެވެ.
އައިއެމްއެފްއާ އެކު ޕާކިސްތާނުން ބަހުސް ކުރަމުންދާ މި ލޯނަކީ މިދިޔަ އަހަރުގެ ފަހު ކޮޅުން ފެށިގެން ކުރިއަށް ގެންދާ މަޝްވަރާއެކެވެ.
މިއީ އައިއެމްއެފްއިން ހޯދާ 6 ބިލިއަން ޑޮލަރުގެ އެކްސްޓެންޑެޑް ފަންޑް ފެސިލިޓީ އެއް ހޯދުމަށް ކުރާ މަސައްކަތެކެވެ. އައިއެމްއެފްއިން ވަނީ ބައެއް އިގްތިސާދީ އިސްލާހީ ފިޔަވަޅު އެޅުމަށް ޕާކިސްތާނަށް މަޖުބޫރު ކޮށްފައެވެ. އޭގެ ތެރޭގައި ޓެކްސް މައާފު ދިނުން ހުއްޓާލުމާއި ހަކަތައިގެ އަގު މަތި ކުރުންފަދަ ޕާކިސްތާނުން ފަހަތު ފަޔަށް ބުރަވާ މައްސަލަތަކެއް ހިމެނެއެވެ.
ޕާކިސްތާންގެ ބޭރުގެ ފައިސާގެ ރިޒާވް ވަނީ ދަށަށް ގޮސްފައެވެ. ކޮވިޑާ ގުޅިގެން ފަތުރުވެރިކަން ހުއްޓުމާއި ބޭރުން ލިބޭ މަސައްކަތް ކުރާ މީހުން ގައުމަށް ފޮނުވާ ފައިސާ ނުލިބުމުގެ މައްސަލަ ވަނީ ކުރިމަތި ވެފައެވެ.
ވަޒީފާ ނެތް މީހުންގެ އަދަދުވެސް އިތުރު ވަމުން ދެއެވެ. އަދި މިހާރު ޕާކިސްތާންގެ އިންފްލޭޝަން ވަނީ 48 ޕަސެންޓަށް އިތުރު ވެ ކާބީތަކެތީގެ އަގުތައް އަތް ފުނޯރާ ފަށަށް ގޮސްފައެވެ.
އައިއެމްއެފްގެ ޕެކޭޖް ލިބުމުގައި ލަސްވާނަމަ ޕާކިސްތާން އިގްތިސާދީ ކާރިސާއަކާ ކުރިމަތި ލާން ޖެހުމަކީ ގާތް ކަމެކެވެ. އަދި ޗައިނާއިން ނަގާފައިވާ ބޮޑެތި ލޯންތަލުގެ ތެރޭން ލޯނަކަށް އަނބުރައި ފައިސާ ދެއްކުންވެސް ދަނީ ގާތް ވަމުންނެވެ.
ޕާކިސްތާންގެ ގާނޫނުއަސާސީ ބުނަނީ ގާނޫނު ހަދާ މަޖިލިސް އުވާލުމުން 90 ދުވަސް ތެރޭ އިންތިޚާބު ބާއްވަން ޖެހޭ ކަމަށެވެ. ނަމަވެސް މިއަދު ޕާކިސްތާން އިލެކްޝަން ކޮމިޝަނުން ބުނެފައި ވަނީ އަވަސް އިންތިޚާބެއް ބާއްވަން ހަމަސް ދުވަސް ބޭނުންވާ ކަމަށެވެ.