އިންޑިއާގެ ބެޓެރިން ދުއްވާ ސައިކަލް ކުންފުނި އޯލާއަށް އިންޑިއާ ސަރުކާރުން ވަނީ ބެޓެރި އުފެއްދުމަށް ހިތްވަރު ދިނުމުގެ ގޮތުން އިމްތިޔާޒްތަކެއް ދީފައެވެ. އުފެއްދުމަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ދޭ އިމްތިޔާޒްގެ ބަދަލުގައި އޯލާއަށް ޖެހޭނީ 20 ގިގަ ވޮޓްގެ ހަކަތަ ރައްކާ ކުރާ ވަރުގެ ބެޓެރި އުފައްދައި ބާޒާރަށް ނެރޭށެވެ.

ތެލުގެ އަގު ފީފާއަކަށް 120 ޑޮލަރަށް އަރާފައި ވުމުން އިންޑިއާއިން އަމާޒު ހިފާފައި ވަނީ ރައްޔިތު މީހާގެ ޖީބަށް ލުއިވާ ގޮތަށް އުޅަނދު ފަހަރުގެ ހަކަތަ ހެޔޮ އަގެއްގައި ލިބޭ ގޮތަށް ބެޓެރި އަށް ބާރުއަޅައި އިލެކްތްރިކް ވެހިކަލްތަކަށް ހިތްވަރު ދޭށެވެ.

އޯލާ އިލެކްޓްރިކް އަކީ ފަސް ބިލިއަން ޑޮލަރުގެ އަގު ހުރި އަލަށް ބާޒާރަށް ތައާރަފްވެފައިވާ ކުންފުންޏެކެވެ. މިއީ އިލެކްތްރިކް ސައިކަލް އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ފކްޓްރީއެވެ.

ކުރު މުއްދަތެއްގެ ތެރޭގައި އޯލާ އިލެކްޓްރިކްއިން ވަނީ ނުވަ އެއް އިންސައްތައިގެ މާކެޓް ޝެއަރއެއް ހޯދާފައެވެ. ފެބްރުއަރީ މަހު އެކަނިވެސް އޯލާއިން ވަނީ އިންޑިއާގެ މާކެޓަށް ހަތް ހާސް އުޅަނދު ސަޕްލައި ކޮށްފައެވެ.

އިންޑިއާއިން އޯލާއަށް ބެޓެރި އުފެއްދުމަށް ހިތްވަރު ދިނުމުގެ އަނެއް މަގްސަދަކީ ޗައިނާއަށް އިންޑިއާއިން ބެޓެރީގައި ބަރޯސާ ނުކުރުމެވެ.