އާއްމުކޮށް ކަސްރަތު ކުރާމީހަކަށް ރޯދަމަހު ކަސްރަތު ނުކޮށް ހުރުމަކީ ފަސޭހަކަމަކަށް ނުވެދާނެއެވެ. އަދި ކަސްރަތު ނުކުރާމީހަކަށް ރޯދައަށް ހުރެ ކަސްރަތު ކުރުމަކީ ކުރަން ފަސޭހަކަމެއްނޫނެވެ. ބަރުދަން ލުއިކުރަން ކަސްރަތު ކުރާމީހުންނާއި ދިމާވެފައިވާ ސިއްހީ މައްސަލައެއް ހައްލުކުރުމަށް ކަސްރަތުކުރާ މީހުން ރޯދަހިފަމުން ކަސްރަތުކުރެވިދާނެތޯ ސުވާލު އުފައްދަފާނެއެވެ. ކުރާކޮންމެ ކަމެއްގައިވެސް އޭގެ ދެކޮޅު އޮންނައިރު ރޯދައަށް ހުރެ ކަސްރަތު ކުރުމަކީވެސް އެކަމުގެ ފައިދާއާއި ގެއްލުން ހިމެނޭކަމެކެވެ.

ރޯދައަށް ހުރެ ކަސްރަތު ކުރުމަކީ ޚާއްސަކޮށް ބުރަކޮށް ކަސްރަތު ކުރުމަކީ އެކަމުގެ ސަބަބުން ހަށިގަނޑުގައި ރައްކާކުރެވިފައިވާ ސަރުބީ އަންދާލާނެކަމެކެވެ. މިއީ ބައެއްބަލިތައް ތަހައްމަލުކުރަމުންދާ މީހުންނާއި އާދަޔާއި ޚިލާފަށް ބަރުދަން މަތީ މީހުންނަށް ވަރަށް ފައިދާކުރަނިވި ކަމަކަށްވެދާނެއެވެ. ކޮލެސްޓްރޯލާއި ހަކުރުމަތިމީހުންވެސް ރޯދައަށް ހުރެ ކަސްރަތު ކުރާނަމަ އެކަމުގެ ފައިދާ ފެންނާނެއެވެ.

ނަމަވެސް ރޯދައަށް ހުރެ މާބުރަކޮށް ކަސްރަތު ކުރުމަކީ އޭގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ހަކަތަ ނެގުމަށް ހަށިގަނޑުގެ މަސްތައް ބޭނުން ކުރާނެކަމެކެވެ. ވީމާ މިއީ އެކަމަށް ދޭންޖެހޭ ސަމާލުކަން ރަނގަޅަށް ނުދެވިއްޖެނަމަ މީހާ މާބޮޑަށް ހިކި މަސްތަކަށް ގެއްލުންވެދާނެކަމެކެވެ.

ސިއްހީ އަދި ކަސްރަތުގެ މާހިރުން ދެކެލައްވާ ގޮތުގައި ރަނގަޅުވަގުތުގައި އެކަަމަށްދޭންޖެހޭ ސަމާލުކަން ދީގެން ކުރާނަމަ ރޯދައަށް ހުރެ ކަސްރަތުކުރުމަކީ ހަށިގަނޑަށް ފައިދާ ހުރި ކަމެކެވެ.

ކަސްރަތު ކުރާނީ ކޮންވަގުތަކު؟

ރޯދަވީއްލުމުގެ ކުރިން: ހަވީރުގެ ވަގުތަކީ ކަސްރަތު ކުރަން ހަމަވަރަށް ރަނގަޅު ވަގުތެކެވެ. މިވަގުތ ކަސްރަތު ކުރާނަމަ ކަސްރަތު ނިންމާލުމަށްފަހު ހަށިގަނޑު ތާޒާކޮށްލުމަށް ބޭނުންވާ ކާނާގެ ބައިތައް ވަގުތުން ބޭނުންކުރެވޭނެއެވެ.

ރޯދަވީއްލުމަށްފަހު: މިއީވެސް ކަސްރަތުކުރެވިދާނެ ރަނގަޅު ވަގުތެކެވެ. ނަމަވެސް ވަގުތުކޮޅު ކުޑަ ކަސްރަތު ކުރަން އުނދަގޫކަމަކަށްވެދާނެ ވަގުތެކެވެ. ތިރީހަކަށް މިނެޓްގެ ވަގުތުކޮޅެއް ކަސްރަތަށް ހުސްކޮށްލެވޭނަމަ މިއީވެސް ހަމަރަނގަޅު ވަގުތެކެވެ.

ތަރާވީހަށްފަހު : ތަރާވީހަށްފަހު ރަނގަޅަށް ހަމަޖެހިލައިގެން ކަސްރަތު ކުރެވިދާނެއެވެ. ކަސްރަތުކުރުމަށް އެކަށޭނަ ކެއުމަކަށްފަހު ސާޅީސްފަސްމިނެޓެއްހާއިރުގެ ކަސްރަތެއްކޮށްލުމަކީ ވަރަށް ފައިދާހުރިކަމެކެވެ. މިގަޑީގައިވެސް ކަސްރަަތު ނިންމާލުމަށްފަހު ރަނގަޅު ފައިދާހުރި ކެއުމެއް ކާންވާނެއެވެ.

ހާރުގެ ކުރިން: ހާރުކެއުމުގެ ކުރިއަކީވެސް ކަސްރަތު ކުރެވިދާނެ ގަޑިއެކެވެ. ނަމަވެސް މިއީ އަޅުގަނޑުމެން ދިވެހިންނަށް ފަސޭހަވަގުތެއް ކަމަށް ނުވެދާނެއެވެ. ތިރީހަކަށް މިނެޓްގެ ވޯރކްއައުޓެއް ހެދުމަށްފަހު ހާރުގެ ވަގުތުގައި ހަށިގަނޑަށްބޭނުންވާޒާތުގެ ރަނގަޅު ކެއުމެއް ހާރަށް ފަރިއްކުޅުވޭނަމަ އޭގެ ފައިދާ ފެންނާނެއެވެ.

ކަސްރަތު ކުރާނީ ކިހާވަރަކަށް:

ކޮންމެމީހަކީ ތަފާތު މީހަކަށްވެފައި އެކިމީހުން ކަސްރަތު ކުރަނީ އެކި ބޭނުންތަކަށެވެ. ވީމާ ކަސްރަތުކުރާގަޑިއާއި މިންވަރުބިނާވަނީ އެމީހެއްގެ ހާލަތަށެވެ. ވީމާ ކަސްރަތު ކުރާނެ ގަޑިއާއި މިންވަރު ކަނޑައަޅާނީ އެމީހަކު ކަސްރަތުކުރާބޭނުންމަށް ބަލާފައި އެމީހެއްގެ ސިއްހަތު ތަންދޭ ގޮތެެއްގެ މައްޗަށް ބިނާކޮށެވެ. ނަމަވެސް ރޯދަމަހު ކަސްރަތު ކުރުމުގައި އެހެންމަަސްމަހާއި ތަފާތުކޮށްލަން ޖެހެއެވެ. ކަމުގެ މާހިރުންވިދާޅުވަނީ ރޯދަމަހު އެމީހަކު އާއްމުކޮށް ކަަސްރަތު ކުރާވަރަށް ވުރެ ވިހި ޕަސެންޓް ދަށްކުރުމަށެވެ. އަދި ކަސްރަތު ކުރާވަގުތު 30 މިނެޓާއި 45 މިނެޓާއި ދެމެދަށް ފިޓްކުރެއްވުމަށެވެ.

ނޯޓް : ކަސްރަތުކުރައްވާނަމަ ރޯދަހިފުމަށް އުނދަގޫވާގޮތަކަށް ޕްރޮގުރާމް ނުރާއްވަވާށެވެ. ފުރިހަމަ ސިއްހަތެއްގައި ހުރުމަކީ ރޯދައިގެ މަތިވެރި އަޅުކަން އޭގެ އެންމެފުރިހަމަ ގޮތުގައި އަދާކުރުމަށް ލިބޭނެ ވަރަށްބޮޑު ބާރެކެވެ.