ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީ މެދުވެރިކޮށް، ކޯޓުތަކުގައިވާ ސަން ޓްރެވެލްސްގެ މައްސަލަތަކަށް ނުފޫޒު ފޯރުވާ ކަމަށް އެ ކުންފުނީގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު ތުހުމަތު ކުރައްވައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރެއްވުމުގެ ތެރޭގައި ސިޔާމް ވިދާޅުވީ ޖޭއެސްސީގައި އިންނަވައިގެން އޭނާއަށް ވަރަށް ބޮޑު އަނިޔާއެއް ރައީސް ނަޝީދު ދީފައިވާ ކަމަށެވެ.

"މި މަޖިލިހުގެ ރައީސްއަކަށް ހުންނަވައި ޖޭއެސްސީ މެދުވެރިކޮށް ޝަރީއަތަށް ނުފޫޒު ފޯރުވަމުން ތި ދަނީ، މި މަޖިލިސް ޝަރުއީ ކޯޓަކަށް މަނިކުފާނު ހައްދަވައިފި، ރައްޔިތުންގެ މަޖިލިސް މުޅިން ހަރާބުކޮށްލައިފި، މަނިކުފާނު ހުންނަވައިގެން އަޅުގަނޑަށް ތިޔަ ދިނީ ބޮޑު އަނިޔާއެއް އިނގޭތޯ،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމްގެ އެ ވާހަތައް މަޖިލީހުގެ ރައީސް ނަޝީދު ވަނީ ހުއްޓުވާފައެވެ. ހުއްޓުވުމުން ވެސް ސިޔާމް ވަނީ އެ ވާހަތައް ތަކުރާރު ކުރައްވާފައެވެ.

އޭނާ ވިދާޅުވީ އެއީ މަޖިލީހުގައި ދެއްކެވޭނެ ވާހަކައެއް ކަމަށާއި ރާއްޖޭގައި އިންސާފު ނެތް ކަން ސަން ޓްރެވެލްސްގެ މައްސަލައިން އެނގިގެންދާ ކަމަށެވެ.

ސިޔާމް ވިދާޅުވީ މަޖިލީހުގެ ރައީސަކަށް ހުންނަވާ ބޭފުޅަކު ނުފޫޒު ފޯރުވައިގެން ޝަރީއަތްތައް ހިންގަވައިނަމަ އެއީ ދިވެހި ރައްޔިތުންގެ މަސްލަހަތު ހުރި ވާހަކައެއް ކަމަށެވެ.

ސަން ޓެލެވެލް އިން ބޭރުގެ ކުންފުންޏަކަށް ދައްކަން އޮތް ފައިސާތަކެއް ހުކުމާ އެއްގޮތަށް ދައްކަމުން ނުދާތީ ސިވިލް ކޯޓުން ވަނީ އެ ކުންފުނީގެ އެކައުންޓުތައް ފްރީޒްކޮށްފައެވެ.

މީގެއިތުރުން ސިޔާމްގެ ދެ ކުންފުންޏަކަށް ވަނީ މަނީ ލޯންޑަރިންގެ ދައުވާ ވެސް އުފުލާފައެވެ.