ރަޝިޔާގެ ރައީސް ޕޫޓިންގެ ދެ ދަރިކަނބަލުންނަށް އަމާޒުކޮށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެމެރިކާ އަދި އީޔޫ އިން އަޅައިފިއެވެ.

މިގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ ޕޫޓިންގެ ދެ ދަރިކަނބަލުންކަމަށްވާ، ކެޓެރީނާ އަދި މާރިއާ އަށެވެ.

ކެޓްރީނާ މަސައްކަތް ކުރައްވަނީ ޖީއޯއާރު ނަމަކަށް ކިޔާ ރަޝިޔާ ސަރުކާރުގެ އަސްކަރީ ވުޒާރާއަށް އެހީވާ ކުންފުންޏެއްގައެވެ. މާރިއާ މަސައްކަތް ކުރައްވަނީ ރަޝިޔާ ސަރުކާރުން ފަންޑުކޮށްގެން ހިންގާ ޖެނެޓިކް ރިސާޗް ޕްރޮގްރާމެއްގައެވެ.

މި ފިޔަވަޅާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ އޮފިޝަލެއް ވިދާޅުވެފައިވަނީ، ދެ ދަރިކަލުންނަށް ފިޔަވަޅު އަޅަން ނިންމީ އެ ބޭފުޅުންގެ ބައްޕަ ޕޫޓިންގެ ބައެއް މުދާ އެމީހުން އަތުގައިވެސް ހުރުމުންނެވެ.

"މި ބޭފުޅުންގެ މުއްސަނދިކަން ފޮރުވަނީ އާއިލާ މީހުންނާ ގާތް ރަހުމަތްތެރިން ފަދަ މީހުންގެ ނަންމައްޗަށް މުދާ ބަދަލުކޮށްގެން. މި ބޭފުޅުންގެ ފައިސާ އެމެރިކާގެ ބޭންކިން ސިސްޓަމުގައިވެސް އެހެން ބައެއް ގައުމުތަކުގައި ވެސް އެބަހުރި," އެމެރިކާގެ ރައީސްގެ އޮފިޝަލް ވިދާޅުވިއެވެ.

މި ފިޔަވަޅުތައް އަޅާފައިވަނީ, ރަޝިޔާއިން ޔޫކުރެއިން އަށް އަރައި ކުރަމުން އަންނަ ހަނގުރާމައިގައި, ހިފާއިވާ ބައެއް ސަހަރުތައް އަލުން ޔޫކްރެއިނު ސިފައިންގެ ބާރުގެ ދަށަށް ގެނައިރު އެތަންތަނުގައި ބޮޑެތި ގަތުލްއާންމުތަކެއް ހިންގާފައިވާކަން ހާމަވުމުންނެވެ.

މިގޮތުން ޔޫކުރެއިންގެ ވެރިރަށް ކިއޭވްގެ އަވަށްޓެރި އަވަށެއްކަމަށްވާ ބުޗާ ގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން މަރާފައިވާ ފޮޓޯތަކެއް ޔޫކްރެއިންގެ ރައީސް ވޮލޮޑީމިއާ ޒެލެންސްކީ ވަނީ އދ ގެ ސަލާމަތާ ބެހޭ މަޖިލީސް ނުވަތަ ސެކިއުރިޓީ ކައުންސިލް އަށް ހުށަހަޅުއްވާފައެވެ.

ދެ ދަރިކަނބަލުންގެ އިތުރުން ވެސް, ރަޝިޔާ ސަރުކާރުގެ ހުރިހާ އޮފިޝަލުންނާ އެމީހުންގެ އާއިލާ މީހުންނަށްވެސް ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އަދި އެ ގައުމުގެ ބޮޑެތި ބޭންކުތަކަށް ވެސް ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

ރަޝިޔާއިން ޔޫކުރެއިންނަށް އަރާ ކުރަމުންގެންދާ ހަނގުރާމައަށް މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު, ރަޝިޔާއިން ހިފި ބައެއް ސިޓީތައް ވަނީ ޔޫކްރެއިންގެ ބާރުގެ ދަށަށް އަނބުރާ ގެނެސްފައެވެ.