ގދ. ވާދޫ ދަނޑުވެރީންނަށް ދަނޑުބިންތައް ރަޖިސްޓްރީކޮށްފައި ދޭން ތައްޔާރަށް ހުންނެވި ކަމަށް އެރަށު ކައުންސިލްގެ ރައީސް ޙަސަން ޢަބްދުﷲ (ހަމްބެ) ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ އެކަން އެގޮތަށް ކުރުމުގެ ވިސްނުން ގެންގުޅުއްވަނީ ދަނޑުވެރީންނަށާއި ދަނޑުވެރީން އަތުން ތަރުކާރީފަދަ ދަނޑުވެރިކަމުގެ ބާވަތްތައް ގަންނަ މީހުންނަށް ޔަގީންކަން ދިނުމުގެ ގޮތުން ކަމަށެވެ. "ދަނޑުވެރިންނަށް ބިން ރަޖިސްޓްރީކޮށްފައި ރަޖިސްޓްރީއާއެކު ބިންތައް ޙަވާލު ކުރަން ވެސް އަޅުގަނޑުމެން ތައްޔާރު. އޭރުން އެމީހުންނަށް އިތުބާރު އޮންނާނެ އެދަނޑުތައް އެމީހުންގެ ކިބައިން ވަކިނުވެ ދާއިމީކޮށް އެމަސައްކަތް ކުރެވޭނޭކަމުގެ. އޭގެ އިތުރުން ގަންނަ މީހުންނަށް ވެސް ޔަގީންކަން އޮންނާނެ މެދު ނުކެނޑި އެމީހުންނަށް ވެސް ދަނޑުވެރިކަމުގެ ބާވަތްތައް ލިބޭނޭކަމުގެ،" ހަމްބެ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރުވެސް ކައުންސިލުން ގެންދަވަނީ އެގްރޯނެޓާ އެކު މިފަދަ ކަންކަމަށް މަޝްވަރާ ކުރަމުން ކަމަށެވެ. ބޭނުމަކީ ވާދޫ ދަނޑުވެރީން އުފައްދާ ތަކެތި މާކެޓު ކުރެވޭނެގޮތެއް ހޯދުން ކަމަށް އޭނާ ވިދާޅުވިއެވެ. "މިސާލަކަށް އެގްރޯނެޓުން ވިދާޅުވާންވީ ވާދޫ ދަނޑުވެރީން އަތުން އަބަދަށް އެއްޗެއްހި ގަންނާނޭ ކަމަށް. އޭރުން ދަނޑުވެރީންނަށް ވެސް ހިތްވަރުލިބި ފޯރީގައި މަސައްކަތް ކުރެވޭނީ. މިހާރު ވާގޮތަކީ ކިތަންމެ ބައިވަރެއް ހެއްދިޔަސް މިޖެހެނީ ނުވިކި އުކާލަން. ގޭގައި ކެއަސް ކެވޭނީ ވެސް ވަކި ވަރަކަށްތާ. އެހެންވީމާ ވިޔަފާރި އުސޫލުން ބަލާއިރު މިއީ ހައްލުލިބި ދަނޑުވެރީންނަށް ވެސް އެމީހުންނަށް ހައްގުވާ މިންވަރު ލިބިދޭނޭ ކަމެއް،" އޭނާ ވިދާޅުވިއެވެ.

ވާދުއަކީ ޒަމާނުއްސުރެން ދަނޑުވެރިކަންކުރާ ރަށެކެވެ. އެއީ ބިންބޮޑު އެހާމެ ބިންގަނޑު ރަނގަޅު ވެސް ރަށެކެވެ.