އެއްމާބަނޑު ތިންކުދިން ލިބުމަކީ އާންމު ކަމެއް ނޫންނަމަވެސް ގުދުރަތީގޮތުން މާބަނޑުވެ، ތިންކުދިންލިބެއެވެ. ރާއްޖޭގައިވެސް އެއްމާބަނޑު ތިންކުދިން ލިބިފައިވާ މައިންބަފައިން އެބަތިއްބެވެ. އެހެންނަމަވެސް ސިފަ އެއްވައްތަރު އެއްމާބަނޑު ތިންކުދިން އުފަންވަނީ ކޮންމެ 200 މިލިޔަނުން އެއްފަހަރުކަމުގައި ދިރާސާތަކުން ހާމަކުރެއެވެ.

އިނގެރޭސި ވިލާތުގެ ދެމަފިރިންކަމުގައިވާ ގިނާ ޑެވްޑިނީ އާއި އޭނާގެ ފިރިމީހާ ކްރައިގާ އަށް ހައިރާންކަން ލިބުނީ ލިވަޕޫލުގެ ވޮމެން ހޮސްޕިޓަލުން ގިނާގެ ބަނޑުގައި ގަރުބަގަނެފައިވަނީ ދުނިޔޭގައި އުފަންވުން ވަރަށް ނާދިރު ތިން ކުދިން ކަމުގައި ބުނުމުންނެވެ. އެއީ އެއްމާބަނޑު ސިފަ އެއްވައްތަރު 3 ފިރިހެންކުދިންކަމުގައި ވުމުންނެވެ.

34 އަހަރުގެ ޑެވްޑިނީގެ ސްކޭން ޑޮކްޓަރ އެންމެ ފުރަތަމަ ބުނީ އޭނާގެ ބަނޑުގައިވަނީ އެއްމާބަނޑު ދެބެންކަމުގައެވެ. އޭގެ 20 މިނެޓްފަހުން ޑޮކުޓަރ ބުނީ ތިންވަނަ ބޮލެއް ފެނިއްޖެކަމަށެވެ. ސްކޭންޑޮކްޓަރ ބުނީ އޭނާ ސްކޭން ކުރުމުގައި ހޭދަކުރި 25 އަހަރުގައި އެއް މަހެއް (ޕްލެސެންޓާ) ގައި ގަރުބަގަނެފައިވާ ތިންކުދިން ނުފެންނަކަމަށެވެ.

ކުދިންގެ ބައްޕަ އަށް ތިންކުދިންކަން ލިބެނީ އެނގުމާއެކު އެކުދިން ގެންގުޅޭނެ ގޮތަކާމެދު ޚިޔާލު ކޮށްލެވުނެވެ. އަދި ނެޕީ ބޭނުންވާނެ މިންވަރާމެދު ވިސްނާލެވުނެވެ.

މަޔަކަށް ވުމަކީ ވަރަށް ބޮޑު އުފަލެއް ލިބުނު ކަމެއްކަމުގައި ޗެޝާޔާގައި ދިރިއުޅޭ މިސިޒް ޑްވްޑްނީ ބުންޏެވެ. އަދި ތިންކުދިންގެ މަންމައަކަށް ވުމަކީ އެއަށްވުރެ ބޮޑު އުފަލެއް ލިބުނު ކަމެއް ކަމުގައިވިޔަސް، ޒިންމާ ވަރަށް ބޮޑުކަމުގައި އޭނާ ބީބީސީ އަށް ކިޔައިދިނެވެ. މި އެއްމާބަނޑު ތިންކުދިން އުފަންވުމަށްފަހު ގެއަށް ގެންދެވުނީ 6 މަސް ދުވަސް ފަހުންނެވެ.

ތިންކުދިން ނިންދެވުމަކީ އެންމެ ބުރަ އެއްކަންތައް ކަމުގައި ދެމަފިރިންވެސް ހާމަކުރިއެވެ. އެއްކުއްޖަކު ހޭލާއޮތަސް އަނެއް ދެކުދިން ހޭލައްވާނެކަމަށް މި ދެމަފިރިން ބުނެއެވެ. އަދި ކާންދިނުމަކީ ވަރަށް މަޖާ ކަމެއް ކަމުގައި އެމީހުން ކިޔައިދިނެވެ.

ޑްވްޑްނީމެން އެދެމަފިރިންނަށް ލިބުނު ޖިމީ އާއި ޖެކްސަން އަދި ޖެންސަން އަށް 1 އަހަރު ފުރުން ފާހަގަކުރަމުން ދާއިރު އެކުދިންގެ ފޮޓޯތަކާއި، ދުވަސްތައް ހޭދަކުރަމުންދާގޮތް އިންސަޓަގްރާމް މެދުވެރިކޮށް ދުނިޔެއަށް ހިއްސާކުރަމުންދެއެވެ. އެމީހުންގެ އިންސްޓަރގްރާމް 20 މިލިޔަނަށްވުރެ ގިނަމީހުން "ފޮލޯ" ކުރެއެވެ.

މައުލޫމާތު: ބީބީސީ ނިއުސް