ބޭނުންވާ ތަކެތި

1 ޖޯޑު ޕްލޭން ޔޯގަޓް

400 ގުރާމު ބޯންލެސް ޗިކަން

1 ސައިސަމުސާ ލޮނުމެދު (ޗަސްކޮށްފައި/ޕައުޑަރ)

1 މޭޒުމަތީސަމުސާ އިނގުރު (ޗަސްކޮށްފައި/ޕައުޑަރ)

1 މޭޒުމަތީ ސަމުސާ ލުނބޯ ޖޫސް

ރަހަލާވަރަށް ލޮނު

1 މޭޒުމަތީ ސަމުސާ މުގުރި މިރުސް

1 މޭޒުމަތީ ސަމުސާ ކޮތަނބިރި (މުގުރި)

1 މޭޒުމަތީ ސަމުސާ ދިރި (މުގުރި)

½ ސަމުސާ އަސޭމިރުސް (މުގުރި)

ކުޑަ ކާކުލަ ކޮޅެއް (ރަތް)

2 މޭޒުމަތީސަމުސާ އޮލިވް އޮއިލް

2 ޖޯޑު ފުލްކްރީމް މިލްކް (ތަފާނާކަން ހުންނަވަރަށް)

1 މޭޒުމަތީސަމުސާ ބަޓަރ (ދިޔާކޮށްފަ)

¼ 2 ޖޯޑު ފުށް

½ 1 ޖޯޑު ޗީޒް

½ ޖޯޑު މަޔޯނައިސް (ލިބޭނަމަ ޓިއްކާ މަޔޯނައިސް)

ތައްޔާރުކުރާނެގޮތް

ޔޯގަޓް ބޯތައްޓަކަށް އެޅުމަށްފަހު އިނގުރު، ލޮނުމެދު، ހަވާދުގެ ބާވަތްތަކާއި ލޮނު ކާކުލަ އަޅައިގެން އެއްކޮށްލާށެވެ. ދެން ކުކުޅުމަސް ކޮށުމަށްފަހު އެއާއި އެއްކޮށްލާށެވެ. އެއަށްފަހު މެރިނޭޓް ކުރުމަށް 30 މިނެޓް ބަހައްޓާށެވެ. ދެން ތަވަޔަކަށް ތެޔޮ އަޅައި ހޫނުކުރުމަށްފަހު މެރިނޭޓް ކުރި ކުކުޅު އަޅާށެވެ. ދެން ކުކުޅުމަސްތައް ރޯފިލަންދެން މަތިޖަހައިގެން ކައްކަލާށެވެ. އެއަށްފަހު މަތި ނަގައިގެން ކުކުޅުގެ ދިޔަ ހިކެންދެން ރަނޅަށް ކައްކާށެވެ.

ކްރެޕްގެ ފުށްގަނޑު ތައްޔާރުކުރާނީ ކިރާއި 1 ސަމުސާ ބަޓަރ އަދި ކުޑަ ލޮނުކޮޅެއް އަޅައިގެނެވެ. އެއަށްފަހު ވަރަށްރަނގަޅަށް ގިރާށެވެ. ފުށްގަޑު ރަނގަޅަށް ގިރުމުން ތަވައެއްގައި ފެންފޮޅި ފިހާގޮތަށް ފިހެލާށެވެ. އެހެންނަމަވެސް ދެފުށަށް ޖަހައިގެން ދެފުށްވެސް ފިހަންވާނެއެވެ. ދެން ފިހުނު ފޮޅި ދެފަޅި އެއްވަރުވާނޭހެން މަޅާލާށެވެ. އެއަށްފަހު މެޅި ފޮޅީގެ މެދަށް މަޔޯނައިސް އަޅައި އުނގުޅާށެވެ. ދެން މަޔޯނައިސް މައްޗަށް ތައްޔަރުކުރި ކުކުޅުމަސް އަޅައި ތިންކަނަށް ވާނެހެން ފަތްޖަހާށެވެ. ފަތްޖަހާ ނިމޭއިރު ކުކުޅުމަސްތައް ފޮރުވެންވާނެއެވެ. މިގޮތަށް ފޮޅިތަކަށް ކުކުޅުމަސްތައް އަޅައި ފަތްޖެހުމަށްފަހު ޓްރޭގައި އަތުރާށެވެ. އެއަށްފަހު މައްޗަށް ޗީޒް އަޅާށެވެ. ދެން މުގުރި މިރުސް އެޅުމަށްފަހު އަވަން ހޫނުކުރާށެވެ. 180 ޑިގްރީގައި އަވަން ހޫނުކުރުމަށްފަހު ޗީޒްކްރެޕްތައް ފިހެލާށެވެ. 10 ވަރަކަށް މިނެޓުން ޗީޒްތައް ވިރޭނެއެވެ. ދެން ޓްރޭ އަވަނުން ނަގާށެވެ.